ފޭސް-3 ޔޫނިއަންގެ ރައީސް މުޙައްމަދު ޖިނާހު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ - ފޮޓޯ: ފިޔެސް
ފޭސް-3ގައި ލަގްޒަރީ އެޕާޓްމެންޓުތައް އެޅުން ވަގުތުން ހުއްޓާލުމަށް ފޭސް-3 ޔޫނިއަންއިން ގޮވާލައިފި
"ބޯހިޔާވަހި ކަމުގެ ޔޫނިއަންތަކަކީ މިއީ ވަރަށް ބައިވަރު އާއިލާތަކެއް ތަމްސީލުކުރާ ޖަމިއްޔާތަކެއް ކަން ރައީސް މުއިއްޒުއަށާއި މި ސަރުކާރަށް ހަނދުމަކޮށް އަރުވަން" – ފޭސް-3 ޔޫނިއަން
މުޙައްމަދު ޤާސިމް 8 ޖެނުއަރީ 2026 (ބުރާސްފަތި)   18:52
ހުޅުމާލޭ ފޭސް-3 ގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލުގެނެސް، ލަގްޒަރީ އެޕާޓްމެންޓުތައް އެތަނުގައި އެޅުން ވަގުތުން ހުއްޓާލުމަށް ފޭސް-3 ޔޫނިއަން އިން ރައީސް މުއިއްޒުއަށާއި މި ސަރުކާރަށް ގޮވާލައިފިއެވެ.

އެ ޔޫނިއަން އިން މިކަމަށް ގޮވާލެއްވީ، ފޭސް-3 ޔޫނިއަން ވެސް ހިމެނޭހެން، ފުލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ ފަހި ޔޫނިއަން އާއި، ޔޫޓީއެފް (އުތުރު ތިލަފަޅު ޔޫނިއަން) އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފޭސް-3 ޔޫނިއަންގެ ރައީސް މުޙައްމަދު ޖިނާހު ދެއްކެވި ވާހަކައިގައެވެ.

ރާއްޖެއިން ތައިލެންޑަށް ކަނޑައެޅުއްވި އެމްބަސެޑަރ ގެ މަގާމުވެސް އަދާކުރައްވާފައިވާ މުޙައްމަދު ޖިނާހު ވިދާޅުވީ، ހުޅުމާލޭ ފޭސްތިނަކުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައި ދިނުމަށްފަހުގައި، ދެން ބާކީހުރި ތަންތަނަކީ ދެވަނަ ސްކީމަށް އެލޮކޭޓުކޮށްފައި ހުރި ތަންތަން ކަމަށް ވާއިރު ފޭސް-3 ގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލުގެނެސް، ލަގްޒަރީ އެޕާޓްމެންޓުތައް އެތަނުގައި އެޅުމަށް މި ސަރުކާރުން ނިންމުމަކީ އެއީ ރައީސް މުއިއްޒުގެ ވައުދުފުޅުތަކާއި، އަދި އެތަނުގެ މުޅި ޕްލޭނުންވެސް ބޭރުން ކުރުމަށް ރާވަމުންދާ ކަންތައްތައް ކަމަށްވާތީ، އެކަންތައްތައް ހުޓަވާލައްވާ ކުރިއެކޭ ވެސް އެއްގޮތަށް ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް، ރައީސް މުއިއްޒުގެ ވައުދުފުޅާ ވެސް އެއްގޮތަށް އެތަންތަން ފޯރުކޮށްދިނުމަށް އެދިލައްވާ ކަމަށެވެ.

"ބޯހިޔާވަހި ކަމުގެ ޔޫނިއަންތަކަކީ މިއީ ވަރަށް ބައިވަރު އާއިލާތަކެއް ތަމްސީލުކުރާ ޖަމިއްޔާތަކެއް ކަން ރައީސް މުއިއްޒުއަށާއި މި ސަރުކާރަށް ހަނދުމަކޮށް އަރުވަން، ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ދެލައްކައެއްހާ އާއިލާ އެބައުޅޭ، އެހެންކަމުން މި ޔޫނިއަންތަކުގެ ފަރާތުން ނޫސްވެރިންނާ ބައްދަލުކުރުމަށް ނިއުސް ކޮންފަރެންސްތައް ބާއްވަނީ އެ ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށްޓަކާ ކަން ވެސް ދަންނަވާލަން." - މުޙައްމަދު ޖިނާހު

އަދި ހުޅުމާލެ ފޭސްތިނެއްގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް، ލަގްޒަރީ އެޕާޓްމެންޓުތަކެއް އެތަނުން ވިއްކުމުގެ ކަންތަކުގައި މި ސަރުކާރުން އުޅެމުންދާ ކަމުގެ ޝަކުވާތައް، އެތަންތަނުން ބޯހިޔާވަހިކަމަށް އެދިއެދި ތިބި ނިކަމެތި ރައްޔިތުންގެ ފަރާތުން މެދުކެނޑުމެއް ނެތި އެ ޔޫނިއަންއަށް ވެސް ލިބެމުންދާކަމަށް ވިދާޅުވެ ޖިނާހު ވިދާޅުވީ، އެކަންތައް ހުއްޓަވާލައްވާ ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައި ތިބި ނިކަމެތި ރައްޔިތުންނަށް ކަނޑައެޅިފައިވާ ބިންތަކުން އެރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް މުއިއްޒުއަށާއި މި ސަރުކާރަށް އެރައްޔިތުން ގޮވާލައްވާ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑު ރައީސް އަށް އިލްތިމާސްކުރަނީ މިކަންތައް ހުއްޓަވާލައްވާ ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައި ތިބި ނިކަމެތި ރައްޔިތުންނަށް ކަނޑައެޅިފައި މިވާ ބިންތައް، އެރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ވައުދުވެފައިވާ ގޮތަށް މިކަން ކުރިއަށްގެންދަވާށޭ، ފަހުން މިއަންނަ ބަދަލުތަކަކީ ލަގްޒަރީ އެޕާޓްމެންޓްތަކާ އެއްޗިހި ވިއްކުން މިއީ ފުދުންތެރި މީހުންނަށް ޓާގެޓުކޮށްގެން ކުރާ ވިޔަފާރިއެއް. އެކަން ބަލައެއް ނުގަނެވޭނެ." - މުޙައްމަދު ޖިނާހު

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ނިމިދިޔަ ސަރުކާރުން ހިންގެވި މަޝްރޫއުތަކަކީ ވެސް އެތައް ޒަމާނެއް ވަންދެން އެކަމަށް އެތައްބަޔަކު މަސައްކަތްތަކެއް ކޮށްގެން ލިބިފައިވާ ކުރިއެރުންތަކެއް ކަން ފާހަގަކުރައްވާ ޖިނާހު ވިދާޅުވީ، އެހެންކަމުން ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް މި ލިބިފައިމިވާ ކުރިއެރުމަށް އިތުރަށް ހުރަސް ނޭޅުއްވުމަށް، އަދި ދިވެހި ރައްޔިތުންގެ ހައްގުތަކަށް އަރައިނުގަތުމަށް ރައީސް މުއިއްޒުއަށާއި މި ސަރުކާރަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާ ކަމަށެވެ.

"ރަސްމާލޭ" ގެ ނަމުގައި މިސަރުކާރުން އައު މަޝްރޫއެއް ފަށައި، ދައުލަތުގެ ބަޖެޓުން ބޮޑު އިސްރާފެއް ކުރަމުން ގެންދަނީ ހުޅުމާލޭގެ ފޭސް 3 އަކާއި، އުތުރުތިލަފަޅު، ގިރާވަރު ފަޅާއި ގުޅީފަޅުން ބިން ލިބިފައިވާ ފަރާތްތަކުގެ ހައްގުތަކަށް އިހްތިރާމް ކުރުމެއްނެތި ވަރަށްބޮޑު އަނިޔާވެރިކަމެއްގެ ގޮތުގައި ކުރަމުންދާ ކަމެއްކަމަށް ދެކިލައްވާ ކަމަށް މުޙައްމަދު ޖިނާހު މީގެކުރިން ވެސް ވިދާޅުވެފައި ވެއެވެ.

ހުސްވިއަހަރުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖިނާހު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީ، ނިމިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، އެތަށް ހާސް ދިވެހި ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމައި، މާލެކައިރި ސަރަހައްދުތަކުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދަނިކޮށް ކަމަށެވެ.

އަދި އެ ތަންތަނަކީ މިހާރުވެސް ބްރިޖަކުން ގުޅާލެވޭނޭ ތަންތަނަށްވީއިރު އެ ތަންތަނުގައި ނިމިދިޔަ ސަރުކާރުން ފަށާފައިވާ ބިންހިއްކުމުގެ މަސައްކަތާއި އެކަމުގެ ޕްލޭނަށްވުރެ ބޮޑު އިސްކަމެއް މި ސަރުކާރުން ދީގެން "ރަސްމާލޭ" ގެ ނަމުގައި އައު މަޝްރޫއެއް ފަށައި، ދައުލަތުގެ ބަޖެޓުން ބޮޑު އިސްރާފެއް ކުރަމުން ގެންދަނީ ހުޅުމާލޭގެ ފޭސް 3 އަކާއި، ގިރާވަރު ފަޅާއި ގުޅީފަޅުން ބިން ލިބިފައިވާ ފަރާތްތަކުގެ ހައްގުތަކަށް އިހުތިރާމެއް ކުރުމެއްނެތި ވަރަށްބޮޑު އަނިޔާވެރިކަމެއްގެ ގޮތުގައި ކުރަމުންދާ ކަމެއްކަމުގައި ދެކިލައްވާ ކަމަށް މުޙައްމަދު ޖިނާހު ވިދާޅުވިއެވެ.

ހުޅުމާލޭގެ ފޭސް 3 އަކާއި، ގިރާވަރު ފަޅާއި ގުޅީފަޅު އަދި އުތުރުތިލަފަޅުން ބިން ހިއްކައި، ގޯތި ކަނޑާ ނިމުމުން، ގާތްގަނޑަކަށް 2 ލައްކައެއްހާ ދިވެހިންނަށް ބޯހިޔާވަހިކަން ލިބިގެންދާއިރު، ދައުލަތުގެ މާލިއްޔަތާއި، ވަސީލަތްތަކުން މި މަސައްކަތަށް ހޭދަކުރަންހުރި ފައިސާ އާއި ވަސީލަތްތައް މުޅިން އެހެން މަޝްރޫއެއް ހިންގުމަށް ބޭނުންކުރަމުންދިޔުމަކީ، ދިވެހި ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމުވެ، އެ ތަންތަނުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހައްގުވެގެންވާ ބޯހިޔާވަހިކަން ލިބުމަށް އިތުރު ލަސްތަކާ ކުރިމަތިކުރުވާނެ ކަމެއްކަމުގައިދެކޭ ކަމަށް ވެސް މުޙައްމަދު ޖިނާހު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް