
އޮންލައިން މީޑިއާއަކަށް ރޭ ދެއްވި ބަސްދީގަތުމެއްގައި އަދަމް އާޒިމް ވިދާޅުވީ، މާލެއާއި ވިލިމާލޭން ބިންތައް ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން ހަދާފައިވާ ބިންތަކުގެ އެއްބަސްވުންތަކާ ގުޅޭ މުހިންމު މައުލޫމާތުތައް މިހާރު ހާމަކޮށްފައިވާނެ ކަމަށާ، އެގޮތުން އޭގެ ބައެއް އެއްބަސްވުންތަކާއި އޭގައި ހުރި މާއްދާތައް ކައުންސިލުން ބެލިއިރު، އޭގެ ތެރޭ ސައްހަނޫން އެއްބަސްވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ބައެއް އެއްބަސްވުންތައް ބަލައި އުފައްދާފައި ހުރި އެއްޗެހި ކަމަށް ފާހަގަކުރެވޭތީ، ޔަގީން ނުވާ މައުލޫމާތުތައް ޕަބްލިކުތެރެއަށް ދޫކޮށްލުމުން އިތުރު މައްސަލަތައް ދިމާވެދާނެތީ، އެފަދަ ހުރިހާ އެއްބަސްވުންތަކެއް ފުލުހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެ އާދަމް އާޒިމް ވިދާޅުވީ، ފުލުހަށް ފޮނުވި އެއްބަސްވުންތަކުގެ ތެރޭގައި މާލޭގެ މަސް މާރުކޭޓު އެއްބަސްވުންވެސް ހިމެނޭކަމަށެވެ.
އެ އެއްބަސްވުންތައް ފުލުހުންގެ އިދާރާގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވާފައިވާނެ ކަމަށް ވިދާޅުވެ، އާޒިމް ވިދާޅުވީ ހަތަރެއް ނުވަތަ ތިން އެގްރީމަންޓުގެ މައްސަލައެއް އޭގެތެރޭގައި ހިމެނޭނެ ކަމަށާ، އެ އެގްރީމަންޓްތަކުގެ މައްސަލަތައް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވައި އެދިފައިވާނީ އެ މައްސަލަތައް ތަހުގީގުކޮށް އެކަމާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ ލަފާ ދިނުމަށް ކަމަށެވެ.
މާލެ އާއި ވިލިމާލެއިން ޖުމްލަ 157 ބިން ކައުންސިލުން ކުއްޔަށް ދީފައި ވާނެ ކަމަށާ، އޭގެ ތެރެއިން 40 ޕަސެންޓު ބިން ކުއްޔަށް ދީފައިވަނީ ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ކަމަށް ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 20 ގައި މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
އޭރު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މާލެއާއި ވިލިމާލޭން 157 ބިމަކާއި ތަނެއް ކުއްޔަށް ދޫކޮށްފައިވެއެވެ. އަދި ލޯކަލް މާރުކޭޓުތަކުން 363 ގޮޅިއެއް ކުއްޔަށް ދޫކޮށްފައިވާ ކަމާއި، 424 ފައްތިޔާއެއް ކުއްޔަށް ދޫކޮށްފައިވެއެވެ،




