އާދަމް އާޒިމް ކެމްޕޭން ޖަލްސާގައި.-- ފޮޓޯ: އާދަމް އާޒިމް ކެމްޕޭން ޓީމް
މިއަދު އިސްރާފު ބޮޑު ސަރުކާރެއް ގައުމާ ހަވާލުވުމުން ގައުމު މިއޮތީ ވަރަށް ހާލުގައި
މި ސަރުކާރު ގެންނަން މަސައްކަތް ކުރި ބޭފުޅުންނަށް ދެން އިތުރު ފުރުސަތެއް ދެވެން ނޯންނާނެ
ޖުނާން އަޙުމަދު 9 ޖެނުއަރީ 2026 (ހުކުރު)   11:32
މިއަދު މި ގައުމާ ހަވާލުވެފައި މިއޮތީ އިސްރާފު ބޮޑު ސަރުކާރެއް ކަމަށްވާތީ ގައުމު މިއޮތީ ވަރަށް ހާލުގައި ކަމަށާ، އެހެންކަމުން މި ސަރުކާރު ގެންނަން މަސައްކަތް ކުރި ބޭފުޅުންނަށް ދެން އިތުރު ފުރުސަތެއް ދެވެން ނޯންނާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގައި މޭޔަރުކަމުގެ ޓިކެޓަށް ވާދަކުރައްވާ އާދަމް އާޒިމް ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވިދާޅުވީ، އޭނާއަކީ އަބަދު ވެސް އެމްޑީޕީއަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށާ، އެއީ އެ ޕާޓީއަކީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ފިކުރެއް އޮތް ހަމައެކަނި ޕާޓީއަށް ވެސް ވާތީ ކަމަށެވެ.

އެބޭފުޅާއަކީ މިދިޔަ އެމްޑީޕީ ސަރުކާރުގައި އިސް މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވެ އާދަމް އާޒިމް ވިދާޅުވީ، އެ ސަރުކާރުގައި ދިމާވި ކޮވިޑުގެ ބަލިމަޑުކަމުގައި ވެސް މިފަދަ ދަތިކަމެއް ރައްޔިތުންނަށް ދިމާނުވާކަން އެނގިވަޑައިގަންނަވާ ކަމަށާ، ނަމަވެސް، މިއަދު އިސްރާފު ބޮޑު ސަރުކާރެއް ގައުމާ ހަވާލުވުމުން ގައުމު މިއޮތީ ވަރަށް ހާލުގައި ޖެހިފައި ކަމަށެވެ.

އެހެންކަމުން، މި ސަރުކާރު ގެންނަން މަސައްކަތް ކުރި ބޭފުޅުންނަށް އިތުރު ފުރުސަތެއް ދެން ދެވެން ނޯންނާނެ ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވިއެވެ.

"ކުރިންވެސް އެ މީހުންގެ އަތްމަތީ މި ގައުމު އޮއްވައި. އެމްޑީޕީން އަނބުރާ މި ގައުމު ރައްޔިތުންނަށް ދިނީމާ، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ނުކުމެ އެ މީހުންގެ އަތްމައްޗަށް މި ގައުމު ދިނީ. މިއަދު މި ހާލަތު ޖެހިގެން މި އުޅެނީ އެހެންވެ." - އާދަމް އާޒިމް

ރައްޔިތުންނަށް މިއަދު ޖެހިފައިވާ ހާލަތާއި، ތަހައްމަލުކުރަމުން އަންނަ އުނދަގޫތަކަށް ބަލާނަމަ، ދަރިވަރުންގެ ސްކޮލަޝިޕްތައް ކެންސަލްވެ، ބޭސް ނުލިބޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ހުކުރު ދުވަހު އެވެ.

ކޮމެންޓް