ތޮއްޖެހިފައިވާ މާލެ؛ ސިޓީ ކައުންސިލުން މާލޭގެ ބިންތައް ކުއްޔަށްދީފައި ހުރީ ނުއަގުގައި.--
މާލޭ ރަށްވެހީންގެ މަޢީޝަތަށް މަސައްކަތް ކޮށްދޭނެ ކައުންސިލެއް ހޯދުން
އަލީ ޚާލިދު 4 ޖެނުއަރީ 2026 (އާދީއްތަ)   11:51
ދުނިޔެއަށް އުފަންވީއްސުރެ މާލޭގައި ދިރިއުޅެ އަދި މާލޭގައި މިހާރު ދިރިއުޅޭ ދުވަސްވީ މީހެއްގެ ހައިސިއްޔަތުން ދަންނަވާލަމެވެ. އަޅުގަޑުމެންގެ ފުރަ މާލޭގެ މީހުންނަކީ ގައުމަށް އައި ބަދަލުތައް ވަރަށް ގާތުން ތަޖްރިބާކޮށްފައި ތިބި މީހުންނެވެ. މާލޭގައި ދުއްވާތަކެތި މަދުދުވަސްވަރާއި ފަޅުގޯތިތަކާއި ގަސްތައް އޮތް ޒަމާނެއްވެސް އަޅުގަނޑުމެން ދުށީމެވެ. އަދި މާލޭގައި ނަރުދަމާ ނެތްޒަމާނާއި ބޯފެނާއި ގައިން ތާހިރުވާނެ ފެނުގެ ދަތިކަންވެސް އަޅުގަނޑުމެން ތަޖުރިބާކުރީމެވެ.

މިއަދު މީ އެހެން ދުވަހެކެވެ. ދުނިޔެ ބަދަލުވަމުން އައި ގޮތަށް އަޅުގަނޑުމެންގެ ކުޑަ ކުޑަ މާލެ ވެސް މިވަނީ އެ ބަދަލުތަކަށް އެކި އެކި މަރުހަލާތަކުގެ ތެރެއިން  ދަތުރުކުރަން ފަށާފައެވެ. އެއާއެކު މާލޭގައި ކުރިން ފެނުނު އަދަބު އަޚްލާގު މިއަދު މިވަނީ ގެއްލެންފަށާފައެވެ. އަޅުގަނޑު ގަބޫލުކުރަނީ މިއީ ސިޓީއެއް އުފެދިގެން އަންނަ އިރު އަންނާނެ ބަދަލުތައްކެއް ކަމުގައެވެ. މިއަދު މާލޭގައި ހުރި ގޮންޖެހުންތައް ތަފާތެވެ. ހައްލު ހޯދަން ޖެހޭގޮތް ތަފާތެވެ. އަދި މައްސަލަ ހައްލުކުރަން އޮތް އޮނިގަޑުވެސް ތަފާތެވެ. މިހާރު މާލެއަށް ހާއްޞަވެގެން ހުންނަ ކައުންސިލަކާއި މޭޔަރެއްވެސް ހުރެއެވެ.

ލާމަރުކަޒީ ނިޒާމާއެކު ކައުންސިލުތައް ތައާރަފުވިއެވެ. މިއާއެކު ރައްޔިތުންނާއި ގާތުން، މަޝްވަރާ އާއިއެކު ކަންކަން ނިންމަން ޖެހޭ ކަމުގައި ވިޔަސް، މާލޭގައި އެކަކަން އެގޮތަށް ހިނގާ ކަމަށް ދަންނަވަން ދައްޗެވެ. މިހެން ދަންނަވަން މިޖެހެނީ،  ވޭތުވެ ދިޔަ 10 އަހަރު މާލެ ސިޓީ ކައުންސިލުން ފެނިގެން ދިޔައީ އެފަދަ މަންޒަރެއް ނޫނެވެ. މާލޭ ސިޓީ ކައުންސިލު ބަނދުވެފައު ހުރި ދުވަސްވަރެއްވެސް ދިޔައެވެ. އަދި މާލެ ސިޓީ ކައުންސިލު އެއީ ބަޔަކު އަމިއްލަ މަޤްސަދެއް ހާސިލު ކުރަން ބޭނުންކުރި ވަސީލަތަކަށް ހަދައި އުޅުނު ދުވަސްތައް ހަނދާން ނެތޭހާއި ދުވަހެއް ނުވާނެއެވެ.

މާލޭގެ ރައްޔިތުންނަށް މައުނަވީގޮތުން ވީފައިދާއެއް ނެތެވެ. އެހެން ކަމުން ކައުންސިލާއި މެދު އޮންނަޖެހޭ އިތުބާރު މިއޮތި ގާއިމު ނުކުރެވިއެވެ. މިކަން ފެނިގެންދަނީ ކައުންސިލް އިންތިޚާބު ތަކުގައި ވޯޓުލާ އަދަދުންނެވެ. ވޯޓުލުމަށް ޝައުގުވެރިވާ އާބާދީ ވަރަށް ކުޑަކަން ވޯޓުގެ ނަތީޖާތަކުން ފެނެއެވެ.

އަޅުގަޑުމެނާއި މިހާރު ބޯމަތިވެފައި މިއޮތްް ލޯކަލްް ކައުންސިލުގެ އިންތިޚާބުގައި އަނެއްކާވެސް މަލޭގެ މޭޔަރެއް އިންތިހާބު ކުރާނެ ފުރުޞަތު އަޅުގަޑުމެނަށް ލިބޭނެއެވެ. މާލެގައި ދިރިއުޅޭ މާލެ މީހެއްގެ ހައިސިއްޔަތުން މާލޭ ސިޓީ ކައުންސިލުގެ ފުށުން އަޅުގަނޑުވެސް އުއްމީދު ކުރާ ކަންތަކެއް ހުރެއެވެ.

މާލެއަށް ރައްކާތެރިކަން

މާލެއަކީ ރައްކާތެރިރަށެއްގެ ގޮތުގައި އޮތުމަކީ މާލެގައި ދިރިއުޅޭ އެންމެނަށާއި ވިޔަފާރިތަކަށް އެތަށް ފައިދާއެއް ކުރާނެކަމެކެވެ. މާލެއަކީ މިހާރު ވަރަށް ވައްކަމާއި މާރީމާރީއާއި އެކްސިޑެންޓުތައް ގިނަ ރަށެވެ. އަޅުގަނޑާއި ދިމާވި ހަމަ ކޮންމެ މީހަކީވެސް، ވައްކަމުގެ ކޮންމެވެސް ހާދިސާއެއް ތަޖުރިބާ ކުރަންޖެހުނު މީހެކެވެ. ވައްކަމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުނަށް ފުލުންހުންގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާ އޮތީ ކުޑަކޮށެއް ނޫނެވެ. ގޭގެއިން އަގު ބޮޑެތި މުދާ ގެއްލުމާއި އެތަކެތި ނަގާމިހުންގެ ވީޑިއޯ ފުޓޭގު ގެ ހެކިތައް ހުރުމާއެކުވެސް، ފުލުހުންގެ ފަރާތުން ވަގުން ހޯދައި، ގެއްލުނު މުދާ ހޯދައި ދިނުމުގައި އެކަށީގެންވާ މަސައްކަތް ކޮށްނުދޭނެ ކަމީ އާންމު ވިސްނުމެކެވެ. ސައިކަލެއް ގެއްލިޖެނަމަ ފުލުންހުންގެ އެހީތެރިކަމަށްވެރެ، ކޮންމެވެސް ޓެކްސީ ސެންޓަރެއްގެ އެހީތެރިކަން ހޯދުން މާޔަޤީންކަން ބޮޑު ކަމަށް އާންމުން ދެކެއެވެ. ވޭތުވެދިޔަ ދެމަހެއްގެ ތެރޭގައި ފުލުހުން 200 އަށް ވުރެ ގިނަ ސައިކަލު ހޯދިކަމަށް ނޫހުގައި ޖަހާފައިވާ އޮތް ޚަބަރަކުން ދުށީމެވެ. މާލެއަކީ ކުށްކުރާފަރާތުގެ ހައްޤު މާބޮޑު އަދި އެމީހުންނަށް ރައްކާތެރިކަން އޮތް ރަށެެެއްގޮތުގައި ވެއްޖެއެވެ.

މިސައިކަލުތައް ހޯދައިދިނުން އެއީ ފުލުން ކުރެއްވި މަސައްކަތްތަކެއް ވީމާއި އެސައިކަލު ވަގަށް ނަގައިގެން ދުއްވިފަރާތްތައް ޝަރީއަތަށް ގެންގޮސް ނިޔާއިއްވި ޚަބަރެއް ނުދެކެމެވެ. އަޅުގަނޑުމެން މިއަދު މިތިބީ އާންމު މިނިވަންކަން ގެއްލޭވަރަށް، ފުލުހުންގެ ބޭނުމަށް، މާލޭގެ އެކި ހިސާބުތަކުގައި ކެމެރާ ހަރުކޮށްގެންނެވެ. އެހެންކަމުން ސައިކަލު ވައްކަން ކުރާ ފަރާތްތައް އެކެމެރާތަކަށް ނާރާ މާލެތެރޭ ދަތުރު ކުރެވޭނެގޮތެއް ނޯންނާނެއެވެ. އަދި މީގެ އިތުރުން އާންމުންގެ އަމިއްލަ ކެމެރާތައްވެސް، އެބަޔަކަށް މުހިންމު ތަންތަނުގައި އެހައި ގިނައިން ހަރުކޮށްފައި މިއަދު އެބަހުއްޓެވެ. ކުއްކުރާ ފަރާތްތައް ހޯދައި ގަތުމަށް އެހީތެރިކަން ލިބެން އެބަހުއްޓެވެ. ވައްކަން ކުރާ ފަރާތްތަކުގެ ނަންތަކާއި ވައްކަންކޮށްގެން އެއްޗެތި ވިއްކަން ދަނީ ކޮންތަނަކަށް ފުލުހުންނަށް ވަރަށް ރަނގަޅަށް އެގެއެވެ.

މާލެގައި ހިންގާ ވައްކަމުގެ ތަފާސް ހިސާބު ކައުންސިލު ތަކުން ހޯދައްވައި، ވައްކަމުގެ ބާވާތާއި ވައްކަން ކުރިތަންތަނާއި،  ފުލުހުން އެމައްސަލަތަށް ބަލާތޯއާއި އަދި ކުރާ މަސައްކަތުގެ މައުލޫމާތު މާލޭ ރައްޔިތުންނަށް ހިއްސާ ކޮށްދިނުމަކީ އަޅުގަނޑު މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ ކިބައިން އުއްމީދު ކުރާކަމެކެވެ. މާލޭ ރައްޔިތުންގެ ރައްކާތެރިކަން އެއީ ކަންބޮޑުވާކަމެއް ކަމުގައި ދުށުމަކީ އަދި ކަނޑަ އެޅުމަކީ އެންމެ ފުރަތަމަ މިކަމުގެ ހައްލު ހޯދުމަށް ފަށައިގެނެވޭނެ ހިސާބެވެ.

ދިވެހިރާއްޖޭގެ ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން ސިޓީގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުމަކީ ސިޓީ ކައުސިލުން ކުރަންޖެހޭކަމެކެވެ.

ބޯހިޔާވަހިކަން 

މާލޭގައި ދަތި ހާލުގައި އުޅޭފަރާތްތަކަށް ބޯހިޔާވަހިކަން ލިބިފައި އޮތުމަކީ ޒަރޫރީ ކަމެކެވެ. މިކަމަކީ ސިޔާސީ ގޮތުން ކުރެވޭކަމަކަށް ނުހައްދަވާ، ދައްކާ ހުސް ވާހަކައަށް ނުހައްދަވާ، އިންސާނިއްޔަތުގެ ނަޒަރަކުން ދެކި މައްސަލައަށް ހައްލެއް ހޯދައި ދިނުމަކީ ނިހާޔަތަށް އެދޭކަމެކެވެ. ބޯހިޔާވަހިކަން ކަމުގައި މިދަންނަވަނީ ލަގްޒަރީ ފެންވަރުގެ އެޕާރޓްމަންޓުތަކެއް އެޅުމުގެ ވާހަކައެއް ނޫނެވެ. ބަޖެޓް ފެންވަރުގައި ސާދާކޮށް ދިރިއުޅެވޭނެގޮތެވެ. ގޮޅިތަކުގައި ދިރިއުޅެން ޖެހިފައިވާ މާލޭގެ ރައްޔިތުން ބޭއްތިއްބުން ހުއްޓާލެވޭނެ ސިޔާސަތަކާއި އެކު ދައުލަތަށްވެސް އުފުލޭވަރުގެ ހުށަހެޅުމެއް ތައްޔާރުކޮށްދީ އަމަލީގޮތުން މަސައްކަތްކޮށްދިނުމެވެ.

ގާނޫނުގައިވާ ގޮތުން ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ ބިމާއި ސިޓީ ކައުންސިލްގެ ސަރަޙައްދުތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާ އެއްގޮތަށް ޕްލޭނެއް އެކުލަވާލުމަކީ މޭޔަރުގެ ބެލުމުގެ ދަށުން ކުރަންޖެހޭކަމެކެވެ.

މާލޭ މަގުތަކުގައި ދަތުރުކުރުން

މާލޭގެ މަގުތައް މިވަނީ ތޮއްޖައްސާފައެވެ. މިހެން ލިޔަންޖެހެނީ، ކޮންމެ ސަރުކާރަކުންވެސް މަސައްކަތްކުރެވުނީ، މަގުތައް ފުރި ބާރު ކުރުވާ ސިޔާސަތެއް ހިންގާށެވެ. މާލޭ މެޔަރު ކަމަށް މިއަދު އަންނަ ބޭފުޅެއް މިކަމުގައި އިސްނަންގަވަން އެބަޖެހޭ ނޫންތޯ؟ – އަޅުގަޑުމެން ކަހަލަ ކުޑަގައުމެއްގެ ކުރިއެރުން ބިނާވާނީ ދަތުރުފަތުރު ކުރުމުގެ ފަހި ނިޒާމެއްގެ މައްޗަށެވެ. އެހެންވީމާ މާލޭގެ މަގުތައް ހިނގައި ބިނގައި ނޫޅެވޭ ވަރަށް ތޮއްޖެހުމަކީ މުޅި ގައުމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމެކެވެ. މިއަދު މުދާ އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް އަދި އަޅުގަނޑުމެން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ދުވަހެއްގެ ކިހާ ވަޤުތެއް  މަގުމަތީގައި ހޭދަވޭތޯ؟ ދަތުރުމަތީގައި ގިނައިރު ހޭދަ ކުރަން ޖެހުމަކީ ގައުމުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އެެހެންކަމުން، ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރަން ގިނަ މަސައްކަތްތަކެއް ކުރެއެވެ.  ބާރަށް ދުވާ ރޭލާއި އާންމު ކޮށް ދަތުރު ކުރެވޭނެ ބަސްތައް ތައާރަފްކޮށް، އެއްގަމު ދަތުރުފަތުރުގެ ރަނގަޅު ވިއުގައެއް ޤާއިމުކުރެއެވެ. މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހައްލުކުރުމަށް އެކަށީގެންވާ ރޭވުންތެރިކަމެއް ނެތުމުގެ ސަބަބުން، ގެއްލިގެން މިދަނީ އުފެއްދުންތެރިކަމުގެ ކިހާ އަގެެއް ކަމެއް ހިސާބު ކުރެވިފައެއްނެތެވެ.

މިއަދުގެ ސަރުކާރަކަށްވެސް އަދި މާލެ ސިޓީއަކަށްވެސް މިކަމުގެ ކަންބޮޑުވުމެއް އޮތްތަނެއް ނުފެނެއެވެ. ފެންނަނީ އަބަދުވެސް ޕާކު ކުރާނެ ތަންތަން ހޯދަން މަސައްކަތް ކުރާތަނެވެ. ކިހާވަރަކަށްތޯ އަޅުގަނޑުމެނަށް ޕާކު ކުރާނެ ޖާގަހޯދޭނީ؟ މިއަދު އަޅުގަނޑުމެން މިތިބީ މަގުގެ ދެފަރާތުގައި އުޅަނދުތައް ޕާކުކޮށްގެނެވެ. ޕާކިން އިތުރުކުރުމަށް ޕާރކިން އިމާރާތް ހެދިދާނެއެވެ. އެކަމުން މަގުތަކަށް ލުޔެއް ލިބޭނެތޯއެވެ. ދުއްވާ އުޅަނދުގެ އަދަދު ކޮންޓްރޯލް ނުވަހާ ހިނދަކު، އަދި މަގުމަތީގެ އިންތިޒާމުތައް ރަނގަޅު ނުވާހާ ހިންދަކު މިމައްސަލައަށް ޙައްލެއް ނާންނާނެއެވެ. 

މިމާލެއަށް ރަނގަޅު އާންމު ދަތުރުފަތުރެ ނިޒާމެއް ނިހާޔަތަށް ބޭނުންވެއެވެ. މާލޭ މަގުތަކުގައި ދުއްވޭވަރުގެ ހެޔޮވަރު ބަސްތަކެއް ބޭނުންވެއެވެ. އަދި އެއްތަނުން އަނެއް ތަނަށް 10 ނޫނީ 15 މިނެޓުން ދެވޭ ވަރުގެ އާންމު ދަތުރުފަތުރުގެ ވިއުގައެއް އޮންނާނެގޮތަކަށް އިންތިޒާމެއް ހޯދަންއެބަޖެހެއެވެ. ކޮންމެ އުޅަދަކީ ގަރާޖެއް އޮންނަ އުޅެއްކަމުގައި ކަށަވަރު ކުރަން އެބަޖެއެވެ. އަޅުގަނޑުމެން ބެންޒު، ބީއެމްޑަބްލިއު ،އައުޑީ، ޖަގުވާ ، ލޭންޑު ރޯވަރި ފަދަ އަގު ބޮޑެތި، އަދި ސައިޒުން ބޮޑެތި  އުޅަނދުފަހަރަށް އަމިއްލަ ޖީބުން ހޭދަ ކުރާއިރު ގަރާޖަށްވެސް އިންވެސްޓު ކުރަން ޖެހޭނެ ކަމަށް ކަނޑައަޅަން ވާނެއެވެ.

މާލެ ސިޓީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް

މިވީހާތަނަށް ފެނިގެން މިދިޔައީ މާލެ ސިޓީ ކައުންސިލުން މާލޭގެ ބިންތަކަށް އިހުމާލުވެފައިވާ ތަނެވެ. މިއަދާއި ހަމައަށްވެސް މާލޭގެ ރަށްވެހިނަށް ހުރި ބިންތަކުގެ އަދަދެއް ނޭގެއެވެ. ރަށްވެހީން މިއުޅެންޖެހެނީ ހިތް ހަމަޖައްސާލަން ތިބެލާނެ ހުސްތަންކޮޅެއް ނެތިގެންނެވެ.ފައި ޖައްސާލާނެ ހުސް ވެލިކޮޅެއް ވެސް ނުފެނިގެންނެވެ. މާލޭގައި ބުރަކޮށް މަސައްކަތް ކުރާ ފަރާތްތަށް މަސައްކަތް ކޮށްލައި އަވަދިވެގެން ވަރުބަލި ފިލުވާލަން ތިބެލާނެ ހިޔާވައްސެއް ނެތިގެންނެވެ. ޒުވާނުން ކުޅިވަރު ކުޅެލާނެއް ތަންތަން މަދުވެގެންނެވެ. ކުޅޭނެ ތަނެއް ހުރިޔާ ހުންނާނީ ތަޅުއޅުވާފައެވެ. އެވަނީ، ކޮންމެވެސް ގުރޫޕެއްގެ ހަވާލުގައި ކުއްޔަށް ދޭތަންތަނެވެ.

މިއަދު އަޑު އިވެނީ މާލޭގެ ސިޓީ ކައުންސިލުގައި ހުރި ބިންތަކުގެ މައުލޫމާތު ފޮރުވަން މަސައްކަތް ކުރާ ކައުސިލަރުންތަކެއް ތިބި ވާހަކައެވެ. ބިންތަކުގެ އަދަދެއް ނޭގެއެވެ. ބިންތަށް ކުއްޔަށް ދިން އުސޫލެއް ނޭނގެއެވެ. ކުއްޔަށް ދިން ޝަރުތެއް، އަގެއް ނޭނގޭއެވެ. މާލޭގެ ރައްޔިތުންނަށް މިކަމުން ވީ ގެއްލުމުގެ ބޮޑުކަމެއް ނޭގެއެވެ. މިވާހަކަ ދައްކާ މީހަކު ނެތްކަމުން، ރައްޔިތުންނަށް މިފަދަ އޮޅުވާލުންތަކެއް ހުރިކަމެއްވެސް ނޭނގެއެވެ.  

މާލެއަކީ ރާއްޖޭގައި ހުރި އެންމެ އަގުބޮޑު ބިން އޮތް ރަށެވެ. އަޅުގަނޑަށް ހީވަނީ އެންމެ އަގުބޮޑު ރިސޯޓުގެ ބިމަށްވުރެވެސް މާލޭގެ ބިމުގެ އަގު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. މިބިންތަކާއި ގުޅޭގޮތުން ބަސްބުނަން މިތިބެނީ މޭޔަރަކާއި 17 ކައުންސިލަރުންނެވެ. މިއިން ކޮންމެ ކައުންސިލަރެއް ހޮވިފައި އެވަނީ އެވެރެޖުކޮށް 550 ވޯޓުންނެވެ. އަދި މޭޔަރުވެސް ހޮވިފައިވަނީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ ރައްޔިތުންގެ 25%ވޯޓުންނެވެ. ބައި އިލެކްޝަންގައި ކައުންސިލަރުންނާއި މޭޔަރުވެސް ހޮވެނީ މިދެންނެވި ވޯޓު އަދަދުގެ ދެބައިކުޅަ އެއްބައިގެ ވޯޓަށްވުރެވެސް މަދުންނެވެ.

މާލޭގެ ރައްޔިތުން، ކައުންސިލު އިންތިޚާބަށް ހޭލުންތެރިކަން އުފައްދަން މަސައްކަތް ކުރަންޖެހެއެވެ. ސަބަބަކީ މާލޭ ސިޓީ ކައުންސިލުން ކަންކަން މިނިންމަނީ ވަރަށް ކުޑަ އަޣުލަބިއްޔަތަކުން ހޮވިގެން ތިބެކަމެވެ.  އެތަށް މިލިން ރުފިޔާގެ އަގުގެ ބޮޑެތި މުދަލާއި ބިންތަކާ މެދު ގޮތްނިންމުމުގެ އިޚްތިޔާރު މިދޫކޮށްލަނީ މިމީހުންގެ އަތްމައްޗަށެވެ. ދައުލަތުގެ ބޮޑެތި ކުންފުންނިތަކުގެ ތެރޭގައިވެސް މިވަރުގެ އަދަދުން ކަންކަން ނިންމާލެވޭވަރުގެ ކުންފުނިތައް މަދުވާނެއެވެ. އަދި އެތަށް ރައްޔިތުންގެ މަސްލަހަތު އޮތް ވަސީލަތްތަކެއް މިގޮތަށް ދެފުއްނުފެންނަގޮތަށް ނިންމުމުގެ ބާރު އޮތުމަކީ ހެޔޮވެގެން ވާވަރުކަމެއް ނޫނެވެ. 

ކަން މިހެން އޮތްއިރު، މާލެއިން ކުއްޔަށް ދީފައިވާ މިހައި ގިނަ ބިންތައް ކުއްޔަށް ދީފައި ހުރީވެސް ނުއަގުގައެވެ. މާލޭގެ ބިމުގެ އަގު މިހާރު މިހިރީ ކުޑަވެގެން 50ރ އަކަފޫޓެއްގެ މަގުންނެވެ. އަޅުގަނޑަށް ފެނުނު އެއްޗެއްގައި އޮތީ ކައުސިލުން 1000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދީފައި ހުރީ އަކަފޫޓެއް 15ރ އަށެވެ. މިބިމުން އެކަނިވެސް، މިއީ އަހަރަކު 400 ލައްކަ އަށްވުރެ ގިނަ ރުފިޔާ ގެ ގެއްލުން ކައުންސިލަށް ލިބޭގޮތަށް ދީފައި ހުރި ބިމެކެވެ. މިގޮތަށް ކުއްޔަށް ދީފައި ހުރީ ކިތައް ބިންކަން އެނގޭ ހަމަ އެކަކުވެސް ހުރިކަމަކަށް ނުވެއެވެ.

އަދި ދެރަކަމަކީ ބައެއް ބިތަށް ދޫކޮށްލާފައި ހުރީ ހަމަ ސީދާ ނާޖާއިރު ފައިދާ ނަގާގޮތަށެވެ. މަޖީދީމަގުގެ މާފަންނު ކޮޅުގައި ހުންނަ ބޮނޑިބަތް ޕާކު ބިޑުކޮށްފައި ހުރީ އެބިމުގައި ބޮޑު އިމާރާތެއްކޮށް އެތަނުގެ ދެ ބުރިއެއް ސިޓީ ކައުނސިލުގެ އޮފީހެއް ހެދުމުގެ ވިސްނުމުގައެވެ. ނަމަވެސް އެބިމުގައި އިމާރާތެއް އަޅާތަނެއް ނުފެނެއެވެ. އެބިމަށް ލިބެންޖެހޭ ކުއްޔެއްވެސް ނުލިބެއެވެ. އަދި އެބިން ބިޑުން ހޯދިފަރާތާއި އެކުވެފައިވާ އެއްބަސްވުން ލިޔެފައިއޮތީ ކުލި ނުދެއްކިޔަސް އެބިން ވަކިކުރެވޭނެ ގޮތަކަށް ނޫނެވެ. މިއީ ވަރަށް ދެރަމެކެވެ.

ކާނިވާ ސަރަހައްދުގައި އެހެރަ ބޮޑު ސްޓޭޖު ގެ ބެކްޓޭޖުވެސް އެހެރީ ކޮންމެވެސް ފަރާތަކަށް ގުދަނަކަށް ކުއްޔައްދީފައެވެ. އެހެން ކަމުން މިއަދު ސްޓޭޖު އަލުން ފަރުމާ ކުރިޔަސް އެތާ ހުންނާނީ ހަމައެކަނި ސްޓޭޖުގެ ކުރިމައްޗެވެ. ރަނގަޅު ޝޯއެއް ބާއްވާނަމަ ސްޓޭޖު ފަހަތެއް ބޭނުމެއް ނުކުރެވޭނެއެވެ. މިހާރުކު އެކަމެއް ވާކަށް ނެތެވެ.

މާލޭގެ ބިންތައް ދޫކޮށްފައި ހުރީ ރަނގަޅަށް ވިސްނާފައި ކަމުގައި ދަންނަވަން ދައްޗެވެ. މިހެންކަމުން ރަނގަޅު ނިޔަތެއް އޮވެގެން ބިމުގެ ކަންކަން ކޮށްފައި ހުރިކަމަށް ޤަބޫލެއް ނުކުރެވެއެވެ.

މާލެ ސިޓީ ކައުންސިލުގެ އިދާރީ ހިންގުން ރަނގަޅަށް އިންތިޒާމްކޮށްގެން ގެންދެވިއްޖެނަމަ، ސަރުކާރުން ދެއްވާ ބުލޮކް ގްރާންޓާއެކު، މާލެ ސިޓީ ިކައުންސިލަކީ ބައި ބިލިއަން ރުފިޔާގެ މަތީ އާންމުދަނީއެއް ހޯދޭނެ ކައުންސިލެކެވެ. މިއީ މާލޭގެ ރައްޔިތުންނަށް އެހެނިހެން ގޮތްގޮތުން ގިނަ ފަސޭހަތަކަކާއި ލުއި ހޯދައދިނުމަށް ބޭނުންކުރެވިދާނެ ފައިސާއެވެ.

އަޅުގަޑުމެން ރައްޔިތުން، މިއަދު އެދެންޖެހޭ ކަމަކީ، މިހާރު މިގޮތަށް ހުރި ބިންތަކުގެ މައުލޫމާތު ހިއްސާ ކުރުމަށާއި އަދި ނާޖާއިޒުކޮށް ދީފައި ހުރި ބިންތަށް އަތުލުމަށެވެ. ނޫނީ އަލުން އަގުތައް މުރާޖާކުރުމަށް މަަސައްކަތް ކޮށްދިނުމަށެވެ. މިކަންކަމުގައި ނާޖާއިޒު ފައިދާ ނެގުމަށް ޝާމިލުވި ފަރާތްތަކުގެ މައްސަލަ ބެލޭނެ ގޮތްތަކެއް ހެދެންވެސް އެބަޖެހެއެވެ.

މާލޭ ރަށްވެހީނަށް ވަޒީފާ

މާލޭ ސިޓީ ކައުންސިލަކީ ހާހަކަށްވުރެ ގިނަ މުއައްޒަފުން ވަޒީފާ އަދާކުރާ ކައުންސިލެކެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ކައުންސިލަކީ މާލޭ ސިޓީ ކައުންސިލެވެ. މިތަނުގައި ވަޒީފާގައި ތިބެންވާނީ މާލޭ ރައްޔިތުންނެވެ. ރާއްޖޭގެ އެހެން ކައުންސިލެއްގައި އެރަށަށް ނިސްބަތްވާ ރައްޔިތުންނޫން އެހެން ފަރާތަކަށް ވަޒީފާގެ ފުރުޞަތު ލިބިފައި އޮންނާނީ ވަރަށް މަދު ހާލަތެއްގައެވެ. މައިގަނޑު ވަޒީފާތައް އޮންނާނީ ގައިމުވެސް އެރަށެއްގެ ރައްޔިތުންނަށެވެ.

މިއަދުގެ ހާލަތުގައި ރައްޔިތުންގެ މަޖުލިސްގެ މެންބަރުވެސް މިހޮވެނީ އެދާއިރާއަކަށް ނިސްބަތްވާ ދަރީންނަށެވެ. މާލޭގެ ދާއިރާ ތަކުގައި އެކި ރަށްރަށް ނިސްބަތްވާ މީހުން ހޮވެއެވެ. އަދި ކައުންސިލަށްވެސް އެކި ރަށްރަށުގެ ކައުންސިލަރުން ހޮވިފައި އެބަހުއްޓެވެ. ޑެޕިއުޓީ މޭޔަރުކަންވެސް ކޮށްފައި އެބަހުއްޓެވެ.

މިހެންވީމާއި މާލޭގެ ރައްޔިތުންގެ ހައްޤުގައި ގަޔާވެގެން ވަކާލާތު ކޮށެއް ނުދެވެއެވެ. މިއަދުވެސް ރައްޔިތުންގެ މަޖުލިހާއި ކައުންސިލުގައި އެހެން ރަށްރަށުގެ ބޭފުޅުން މާލެ ތަމްސީލު ކުރައްވަން ހަރަކާތްތެރިވެއެވެ. މިހެންވީމާ، މާލެ ރައްޔިތުން މުހިންމެއް ނުވެއެވެ. އިސްކަމެއްވެސް ނުދެވެއެވެ. މާލޭގެ ރައްޔިތުންނަށް ކައުންސިލުންވިޔަސް އަދި އެހެންތަނަކުންވިޔަސް ވަޒިފާ ލިބުމުގައި ފުރުޞަތު އޮންނަނީ ހަނިކޮށެވެ. ގިނަކަންކަން ނިމިގެން ދަނީ މާލޭ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށްވެސް ނޫނެވެ.

ދުޅަހެޔޮ ސިއްހަތަށް 

މާލެއަކީ މިއަދު ދަތުރުކޮށް އުޅެން އުނދަގޫ ރަށެކެވެ. އެހެންކަމުން މިކަމަށް މިވަނީ ހައްލެއް ހޯދަން ޖެހިފައެވެ. އާންމު ދަތުރުފަތުރު ގެ ރަނގަޅު ނިޒާމެއް ގާއިމު ކުރަން މިވަނީ ޖެހިފައެވެ. މިމައްސަލައަށް ހައްލެއް ހޯދަދިނުމުގެ ތަސައްވަރެއް އޮތްތަނެއްެް އެއްވެސް ދިމާލަކުން ނުފެންނަ ވާހަކަ އަޅުގަނޑު މަތީގައި ބަޔާން ކޮށްފީމެވެ. މާލޭގައި ބަހުގެ ޚިދުމަަތް ހޯދުމަށް މާލޭގެ ރަށްވެހީން އަހުލުވެރި ކުރެވޭނެ ގޮތްތަކެއް ހޯދަންޖެހެއެވެ. ފަސޭހަކަމާއި އަދި އަގު ހެޔޮކޮށް އާންމުންނަށް ދަތުރު ކުރެވޭނެ ގޮތް ފަހިވެގެން އޮތުމުން ނޫނީ، މާލޭގެ މަގުތަކުގައި ހުރި ސައިކަލާއި ކާރުތައް މަދެއް ނުކުރެވޭނެއެވެ.

ސައިކަލާއި ކާރު މަގު މަތިން މަދުވުމުން ބައިސްލަކު ދުއްވުމުގެ ފުރުޞަތު އަނެއްކާވެސް ލިބޭނެއެވެ. ބައިސްކަލުގައި ދަތުރު ކޮށްފައި އުޅުމަކީ ޒަމާނެއްގައި މާލެއަށް ބީރައްޓެހި ކަމެއްނޫނެވެ. ބެޓަރީ ބައިސްކާލާއި އާދައިގެ ބައިސްކަލަކީ އަޅުގަނޑުމެން ފަދަ ޖަޒީރާ ގައުމަކަށް އެންމެ އެކަށީގެންވާ ދަތުރުކުރުމުގެ ވަސީލަތެވެ. އަދި އަޅުގަނޑުމެން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްވެސް އެހީތެރިވެދޭނެ ވަސީލަތެއްވެސްމެއެވެ. ޕެރިސް އަދި އެމްސްޓަޑަމް ފަދަ ސިޓީތަކުގައި މިޒަމާނުގައި ބައިސްކަލުގައި އުޅުމަކީ ލައިފްސްޓައިލަކަށް ވެއްޖެއެވެ. އާދައިގެ މީހަކު ދުޅަހެޔޮކޮށް ހުރުމަށްޓަކައި 5000 ފިޔަވަޅު މަދުވެގެން ދުވާލަކު އަޅަންޖެހޭނެކަމަށް ފަހުގެ ހޯދުންތަކުން ބުނެދެއެވެ. އެހެންކަމުން އަޅުގަނޑުމެނަކީ ބަސްހުއްޓިއަށާއި އެކި ތަންތަނަށް ހިނގަން އާދަވެފައި ތިބި ބަޔަކަށް ވުމަކީ ވަރަށް ގިނަ ފައިދާތައް ލިބޭނަކަމެކެވެ. ހިނގާބިނގާވެ އުޅެވޭނެގޮތަށް މަގުތަކުގެ ދުވާރުތައް ހުންނަން އެބަޖެހެއެވެ. ފައިމަގުގައި އުޅުމާއި އެއްގޮތަށް ބައިސްކަލު ދުއްވުމަކީވެސް ހަށިގަނޑަށް ފައިދާހުރި ކަސްރަތުލިބޭ ކަމެކެވެ. މިއާއެކު ބައިސްކަލު ބެހެއްޓޭނެގޮތާއި ބައިސްކަލު ކުއްޔަށް ނެގޭނެގޮތާއި އަދި ބައިސްކަލު ދުއްވާނެ ޓްރެކްވެސް މަގުތަކުގައި އެޅިގެންދާންޖެހެއެވެ.

އަޅުގަޑުމެން ވަރަށް ގިނަ ކަންތަކުގައި ސިންގަޕޫރު ނަމޫނާ އަކަށް ނަގައެވެ. މިއަދު ސިންގަޕޫރަކީ 'ބުލޫ ޒޯން' ގައި ހިމެނޭ ގައުމެކެވެ. މާނައަކީ ހެޔޮ ސިއްހަތުގައި ދިގު އުމުރެއްގައި މީހުން ދިރިއުޅޭ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު ހިމެނެއެވެ. އެއީ ރައްޔިތުން ހޭލުން ތެރިކުރުވުމާއި އެކު ހެލިފެލިވެ އުޅެންޖެހޭގޮތަށް ސިޓީ ޕްލޭންކޮށް ސިޔާސަތުތައް ބައްޓަން ކުރެވިފައި ހުރީމައެވެ.

ސިންގަޕޫރުގައި ފައިމަގުގައި އުޅެން ޖެހޭގޮތަށް ކަންތައްތައް ހުންނަނީ ރޭވިފައެވެ. އާދެ، މިއަދު މެޑިކަލު ގޮތުން ދެކޭގޮތުގައި ފަލަވުމަކީ ބައްޔެކެވެ. އެހެންކަމުން މާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ސިއްހީ ލައިފްސްޓައިލު ހޯދޭނެގޮތެއް ހޯދައިދޭން ބޭނުންވެއެވެ.

އެދެމޭ މާލެ ސިޓީ ކައުންސިލު ގާތުގައި ވުމަށް 

އަޅުގަނޑުގެ މިލިޔުމުގެ ނިންމުމާ ހިސާބަށް ކެއްތެރިކަމާއި އެކު އިންނަވާގެން ވިދާޅުވެދެއްވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. މިހިސާބަށް މިލިޔުން ތިޔަ ވިދާޅުވީ ތިބޭފުޅާވެސް މާލެ ސިޓީ ކައުންސިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ގަބޫލު ކުރައްވާތީކަމަށް އަޅުގަނޑު ދެކެމެވެ. މާލެ ސިޓީ ކައުންސިލު ވާންޖެހެނީ މާލޭގެ ރަށްވެހީންނާއި ވަރަށް ގާތުން ރަށްވެހީންގެ ލާބައަށް މަސައްކަތްކުރާ މަރުކަޒަކަށެވެ. މުނިސިޕަލް މަސައްކަތް ކުރުންތެރިކަމާއެކު ކުރުމަކުން އަދި މާލޭ ރަށްވެެހީންގެ ދިރިއުޅުމަކަށް ބަދަލެއްނާންނާނެއެވެ.

މާލެ ސިޓީ ކައުންސިލުން މިހާރުވެސް އެކުލަވާލާފައި އެބައޮތް 'ރައްޔިތުން އެދޭ އަމާޒަށް މާލެ ސިޓީ" ނަމުގައި އިސްތިރާޖީ ރޭވުމެއް، މީގައި ހުރި ކަންކަން ހާސިލު ކޮށްލެވުންނަމަވެސް، މިސުވާލު ކުރާކަށް ޖާގަ ނުލިބޭނެއެވެ.

ވެބްސައިޓުގައި ޝާއިއުކޮށްފައި ތިޔަ އޮތް އިސްތިރާޖީ އެކްޝަން ޕްލޭން، ފަސްއަހަރެއް ނިމިގެން މިދަނީ އެންމެ ރަނގަޅަށް ފުރިހަމަ ނުކުރެވިއެވެ. ފަސްއަހަރެއް ގެއްލިގެން މިދިޔައީއެވެ. ދެން އަނެއްކާވެސް އައު އިސްތިރާޖީ ރޭވުމެއް 2026 ގައި އިއުލާން ކުރެވޭނެއެވެ. މާލެ ރައްޔިތުންނަށް އައު އާއުއްމީދެއް ގެނެސް ދިނުމުގެ މަގްސަދުގައެވެ.

އަޅުގަނޑަށް އެދެނީ މާލެސިޓީ ކައުންސިލަކީ ދެފުއްފެންނަ ރައްޔިތުންނަށް ޖަވާބު ދާރީވާ ކައުންސިލެއް ގޮތުގައި ހަރާކާތްތެރިވާ ތަނެއްގޮތައި އޮތުމަށެވެ. މިވޭތުވެ ދިޔަ 5 އަހަރުތެރޭގައި 10 ފަހަރު ރައްޔިތުންނާއެކު ކައުންސިލުން ބައްދަލުވުން ވަނީބާއްވާފައެވެ. ރައްޔިތުން ތެރޭގައި ކަމެއްގެ ވާހަކަ އަޑުގަދަވެ، ފަހާ ދުއްވާގަތީމައި މައުލޫމާތެއް ހަމަކޮށްލާ ދައުލަތުގެ މުއްސަސާއަކަށް މައްސަލައެއް ފޮނުވާލުމަކީ އެންމެ ރަނގަޅު ގޮތެއްނޫނެވެ. މިވަރަކުން ނުފުދެއެވެ.

އަޅުގަނޑުމެންގެ ސިޓީ ކައުންސިލު ވާންވީ؛

ރައްޔިތުންގެ އިހްސާސްތައް ދަންނަތަނަކަށެވެ.

ކޮންމެ 6 މަހަކުން ބާއްވާ ރައްޔިތުން ބައްދަލުވުމަކީ ރައްޔިތުންނަށް ކަންކަން ހިއްސާކުރުމުގެ ހެޔޮ ނިޔަތުގައި ބޭއްވޭ ބައްދަލުވުމަކަށް ވާންވީއެވެ.

ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ކައުންސިލަކަށް ވާންވީއެވެ.

މިލިޔުން މިހިސާބުން ނިންމާލިޔަަސް، މާލެ ސިޓީ ކައުންސިލު މިހާރު މަސައްކަތް ކުރަމުން ގެންދާ ބައްޓަމަށް ނިމުމެއް ގެންނަންޖެހޭ ކަމަށް ދެކެމެވެ.

ކޮމެންޓް