
ފުލުހުން ބުނީ ހުއްދައަކާ ނުލާ، ބަނގުރާ ވިއްކަން އުޅުނު އެ މީހުން ހައްޔަރުކޮށްފައިވަނީ، ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާ ވެސް ގުޅިގެން ިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއް ބަލައި ފާސްކޮށްފައިވާ ކަމަށާ، އެ ބެލިބެލުމުން 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، އސްރީލަންކާގެ އުމުރުން 27 އަހަރުގެ ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރައާއި، އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 34 އަހަރުގެ އެމްޑީ ޝޭކަރު ހޮސައިނާއި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ ރަސެލް މިއާއާއި، ސްރީލަންކާގެ އުމުރުން 35 އަހަރުގެ ތަރަކަ ސަމަން ކުމާރަ ދޭވަ، އަދި ހ. ބިންމަތީއާގެ / މާލެ، އުމުރުން 52 އަހަރުގެ މުޙައްމަދު މަނިކު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެތެރެއިން ދެ މީހަކު ފަސް ދުވަހަށް، އަދި ހަތް ދުވަހަށް ވެސް ދެމީހަކަށް ބަންދުގެ މުއްދަތް ޖަހާފައި ވާއިރު، މުޙައްމަދު މަނިކު ތިން ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ، އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.




