
ފުލުހުން ބުނީ ޑްރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސުން ހިންގި އޮޕަރޭޝަނުގައި މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ކިލޯއަކަށް ވުރެ ގިނަ ޑްރަގު ފެނިފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ.މަޑަވެލި، ވަލުތެރޭގެ (23 އަހަރު)، މުހައްމަދު އީވާން ހާމިދާއި ހ.ސަކީނާމަންޒިލް، މުހައްމަދު ރާއިދު އަލީ އަސްގަރު (31 އަހަރު) އެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.
އެ މައްސަލައިގެ އިތުރުން ފުލުހުން ވަނީ ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާއެއްގައި ހުޅުމާލެއިން ބިދޭސީއަކު ވެސް ހައްޔަރުކޮށްފަ އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ 31 އަހަރުގެ އެމްޑީ ޖެވެލް ހޮސެން އެވެ. އޭނާ ހައްޔަރުކުރީ އިއްޔެ ހެނދުނު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލު ކުރަމުން ދިޔައިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްގެން ކަމަށެވެ.




