
ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެ މައްސަލައާ ގުޅޭގޮތުން ފުލުހުން އެންމެފަހުން ބުނެފައިވަނީ، އެ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ.
ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، ފުލުހުން މިއަދު ވަނީ ސަނީ ދިރިއުޅުނު ގެއަށް އޭނާ ގެނެސް އެ ގެ ބަލާ ފާސްކޮށްފަ އެވެ.
ކޯޓުއަމުރުގައި ބުނެފައި ވަނީ ސަނީއުމަރު ކުރިން ގެންގުޅުނު ފޯނަކީ އައިފޯން-12 ފޯނެއް ކަމަށާ ނަމަވެސް ފަހުން އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ބަނދުކުރި އިރުގައި އޭނާގެ އަތުގައި އޮތީ ޒިއޯމީ ންރޭންޑުގެ ފޯނެއް ކަމަށެވެ.
އެހެންކަމުން، އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކުއްޖަކަށް އެކުއްޖާގެ ލެޕްޓޮޕް މެދުވެރިކޮށް އޭނާގެ ފޯނުން ހަޑިހުތުރު މަންޒަރު ދެއްކިކަމަށް ކިޔައިދީފައި ވާތީ، އޭނާގެންގުޅޭ ފޯނު އަދި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ޑިވައިސްތައް ހޯދުމަށްޓަކައި އޭނާ ދިރިއުޅުނު ގެ ބަލާ ފާސްކުރަން ބޭނުންވާކަމަށެވެ.
އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރަކީ މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއަކާއި ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތައް ހިންގާ މީހެކެވެ.
އޭޏާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށް ވާއިރު، އޭނާ ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި ހިމެނެނީ، އަންހެން ދެ ކުދިންނާއި ފިރިހެން ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ.
އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށާ، އަނެއް އަންހެން ކުއްޖާއަށް ވެސް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަަތުކުރަނީ އެ ކުއްޖާގެ އުމުރުން 18 އަހަރު ނުވަނީސް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެއިން އެއް ކުއްޖެއްގެ އާއިލާއިން ފުލުހަށް އެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
މިއަދު އޭނާ އުޅުނު ގެ ބަލާ ފާސްކުރުމަށް ފަހު ފުލުހުން އޭނާ ތިރިއަށް ގެނައި ވަގުތު ބަޔަކު ވަނީ، އޭނާއާ މެދުގައި ނުރުހުން ފާޅުކޮށް، އަޑުގަދަކޮށް އޭނާއަށް ހަމަލާދޭން މަސައްކަތް ކޮށްފަ އެވެ.
މައުލޫމާތު ލިބޭގޮތުގައި އެމީހުންނަކީ އެ ގޭގެ މީހުންނެވެ. އެ މީހުން ގޮވަމުން ދިޔައީ އެފަދަ މީހަކު އެގެއަށް ގެނެސް ވައްދައިގެން ނުވާނެ ކަމަށެވެ.




