ރައީސް މުޙައްމަދު ނަޝީދު
އިރާންގެ ސަރުކާރު ދިފާއުކުރުމުގެ ބަދަލުގައި ތިބެންވީ އެގައުމުގެ ރައްޔިތުންނާއެކު
ޖުނާން އަޙުމަދު 11 ޖެނުއަރީ 2026 (އާދީއްތަ)   16:49
އިރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކުގައި، އެ ގައުމުގެ ސަރުކާރު ދިފާއުކުރުން ހުއްޓާލާ، އެ ގައުމުގެ ރައްޔިތުންނާ އެއްކޮޅަށް ތާއިދުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ ތިބީ އެމީހުންގެ ކަރާމާތާއި، އިންތިހާއަށް އުފުލިފައިވާ ދިރިއުޅުމުގެ ހަރަދުތަކުން ސަލާމަތްވުމަށާއި، އެތައް އަހަރެއްގެ އަނިޔާވެރިކަމުން މިންޖުވުމަށް އެދި ކަމަށާ، އެއީ އަޅުގަނޑުމެންގެ މުސްލިމް އުހުއްވަތްތެރިންނާއި އަހުން ކަމުގައިވާތީ، މުސްލިމުންނާއި މުޅި ބައިނަލްއަގުވާމީ މުޖުތަމައު ތިބެންވާނީ އިރާނުގެ ރައްޔިތުންނާއެކު، ސަރުކާރު ހިމާޔަތްކުރުމަކަށް ނޫންކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ މުސްލިމް އުހުއްވަތްތެރިންނާއި އަހުން. މުސްލިމުންނާއި މުޅި ބައިނަލްއަގުވާމީ މުޖުތަމައު ތިބެންވާނީ އިރާނުގެ ރައްޔިތުންނާއެކު، ސަރުކާރު ހިމާޔަތްކުރުމަކަށް ނޫން،" – ރައީސް ނަޝީދު

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ފެށުނު މި މުޒާހަރާތަކަކީ އެގައުމުގެ ފައިސާ، ރިއާލްގެ އަގު އިންތިހާއަށް ވެއްޓުމާ ގުޅިގެން ފެށުނު އިގްތިސާދީ މުޒާހަރާތަކެއް ކަމަށްވާއިރު، އެ މުޒާހަރާތައް ކޮންޓްރޯލުން ނެއްޓި ވަރަށްބޮޑަށް ހޫނުވެ އިރާނުގެ 31 ޕްރޮވިންސަކަށް މިހާރު ވަނީ ފެތުރިފައެވެ.

މިހާރު އެމެރިކާ ޑޮލަރެއްގެ އަގު ވަނީ 1.47 މިލިއަން ރިއާލްއަށް އަރާފަ އެވެ. މި ހަރަކާތްތައް ހުއްޓުވުމަށް އިރާނުގެ ސަރުކާރުން ވަނީ އިންޓަނެޓްގެ ހިދުމަތް ގާތްގަނޑަކަށް މުޅިން ކަނޑާލާފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ރިޕޯޓްކުރާ ގޮތުގައި، ސަރުކާރުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 116 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް