ރައީސް މުއިއްޒު އާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް.- ފޮޓޯ: ރައީސް އޮފީސް
ކައުންސިލްތަކަށް މިހާރު ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލު
އެކަމުގެ ނަތީޖާއެއްގެ ގޮތުން މިއަހަރުން ފެށިގެން ކައުންސިލްތަކުން މުސާރައަށް ކުރަންޖެހޭ ހަރަދު އިތުރުވެގެން ދާނެ - އާދަމް ޝަރީފް
ޖުނާން އަޙުމަދު 4 ޖެނުއަރީ 2026 (އާދީއްތަ)   09:10
ރަށްރަށާއި ސިޓީތަކުގެ ލޯކަލް ކައުންސިލްތަކަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލު ކަމަށާ، އެ ބަދަލުގެ ސަބަބުން ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކައުންސިލްތަކުން މިއަހަރުން ފެށިގެން މުސާރައަށް ކުރަންޖެހޭ ހަރަދު އިތުރުވެގެން ދާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްތަކަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ހުސްވި އަހަރުގެ ނޮވެމްބަރު މަހު ދައުލަތުގެ ޕޭ ފްރޭމްވޯކް ނުވަތަ މުސާރަ ދޭ އޮނިގަނޑަށް ގެނައި ބަދަލު ކަމަށްވާތީ، އެ ބަދަލުގެ ސަބަބުން ބައެއް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް ކުރިން ލިބެމުން އައި މުސާރަ ކުޑަވެފައިވާ ކަމުގެ ކަންބޮޑުވުންތައް ކައުންސިލްތަކުން ފާޅުކޮށްފައިވާ ކަމަށެވެ.

"އެހެންކަމުން އެކަމަށް ގެނެވޭނެ ހައްލަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އަދި ޕޭ ކޮމިޝަނާ އެކު، މިދަނީ މަޝްވަރާކުރަމުން. މުސާރައިގެ ކަންތައްތައް ހަމަޖެއްސުމަށްފަހު ދެން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށްޓަކައި ކައުންސިލްތަކުން ވެސް މިހާރު އެކަމާ މަޝްވަރާތައް ކުރަމުން އެބަދޭ." - އާދަމް ޝަރީފް

މިނިސްޓަރު އާދަމް ޝަރީފް އެފަދައިން ވިދާޅުވިއިރު، ޕޭ ފްރޭމްވޯކަށް ގެނައި އެ ބަދަލުގެ ސަބަބުން، ވެރިކަންކުރާ މާލޭ ސިޓީ ކައުންސިލުގެ އިދާރީ މުވައްޒަފުންނާއި އެހެނިހެން ސިވިލް މުވައްޒަފުންގެ މުސާރައިން ބައެއް މަދުވިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ އަންގާރަ ދުވަހު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އާދަމް އާޒިމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ މުވައްޒަފެއްގެ އާއިލާއެއްގެ ދިރިއުޅުން ބިނާވެފައިވާ މައިގަނޑު އަސާސީ އެކައްޗަކީ މަހު މުސާރަކަމަށާ، ކުއްޔާއި، ކެއިންބުއިމާއި، ބިލުތަކާއި، ދަރިންގެ ޓީއުޝަންފީއާއި، ލޯނާއި އަދި އެ ނޫނަސް ޒަރޫރީ އެހެނިހެން މުހުތާދުތައް ފުއްދަން ޖެހެނީ އެ ލިބޭ މުސާރައިން ކަމަށެވެ.

"އެހެންކަމުން، މުސާރަ އަށް އެއްކޮށް ބަރޯސާވާ، ލިބޭއެއްޗަކުން ކިރިޔާ ދެކޮޅުޖެއްސޭ އާއިލާތަކަށް ކުރިން އެންގުމަކާ ނުލައި، ލިބެމުން އައި މުސާރައިން ބޮޑުބައެއް އުނިވުމަކީ އެފަދަ އާއިލާތަކުގެ މުޅި ދިރިއުޅުމަށް ގިނަ ދަތިތަކެއް ކުރިމަތި ވެގެންދާނެ ކަމެއް. އަދި، މިއީ މުސާރައިން ބައެއް އުނިވެދާނެކަމުގެ ކަންބޮޑުވުމާއި އުދާހުގެ ސަބަބުން ހިތަށް ތަދުވަމުންދިޔަ ރައްޔިތުންގެ ހިތުގައި ހުރި ރޯ ފާރުތަކަށް ލޮނުމިރުސް އެޅުން ފަދަ ކަމެއް." – އާދަމް އާޒިމް

އަދި ދެ ލައްކަ ފަންސާސް ހާސް މީހުންނަށް ހިދުމަތްދިނުމުގައި އަބަދު ހޭލަމޭލައަށް އުޅެމުންދާ މާލެ ސިޓީ ކައުންސިލް މުވައްޒަފުނާ، އެހެނިހެން ސިވިލްސާވިސް މުވައްޒަފުންނަކީ، ވަރަށް ކުޑަ މުސާއަރައަކަށް، ވަރަށް ގިނަ ވަގުތު މަސައްކަތްކުރަމުންދާ ބައެއްކަން ފާހަގަ ކުރައްވާ އާދަމް އާޒިމް ވިދާޅުވީ، އެހެންކަމުން، އެ މުވައްޒަފުންނަށް ލިބެމުންދިޔަ މުސާރައިން ބޮޑު ބައެއް އުނިވުމަކީ، އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެކަމެއް ނޫން ކަމަށެވެ.

އަދި މުވައްޒަފުންނަށް ކުރިން ލިބެމުން އައި ޖުމްލަ އާމްދަނީ އިތުރު ކުރެވޭ ގޮތަށް، މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލެއް ގެނެސް ދެއްވުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ގޮވާލައްވާ ކަމަށާ، ހާއްސަކޮށް، ބަރަކާތްތެރި ރޯދަ މަސް އަޅުގަނޑުމެންނާއި ބައްދަލުކުރުމަށް މިހާ ކުޑަތަންވެފައިވަނިކޮށް މިގޮތަށް އަމަލު ކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާ އެއް ކަމަށް ވެސް މޭޔަރު އާދަމް އާޒިމް ވިދާޅުވެފައި ވެއެވެ.

ކައުންސިލް ތަކުގެ އިތުރުން ވެސް އެކި ދާއިރާތަކުގެ މުވައްޒަފުން ވަނީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލު ގެނައުމާ ގުޅިގެން ނޮވެމްބަރު މަހުން ފެށިގެން ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވެފައިވާ ކަމަށް ބުނެ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް