
ހަނާ މިފަދައިން ވިދާޅުވީ، އެމްޑީޕީ މާފަންނު މެދު ދާއިރާގައި ރޭ އެކަމަނާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދާއިރާގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ހުޅުއްވައިދެއްވި މި ކެމްޕެއިން ޖަގަހަ ހުޅުވުމަށްފަހު ހަނާ ދެއްކެވި ވާހަކައިގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީއަކީ އަންހެނުން ބާރުވެރި ކުރުވުމަށް އަބަދުވެސް އިސްކަންދޭ އެކަމުގައި ނަމޫނާ ދައްކާ ޕާޓީއެއް ކަން ފާހަގަކުރައްވާ ވިދާޅުވީ، މާލޭސިޓީ ކައުންސިލްގެ މި ގޮނޑި (މާފަންނު މެދު ދާއިރާ) ގެ ގޮނޑި މިފަހަރު އަންހެނުންނަށް ހާއްސަކޮށްފައި ވުމަކީ އަންހެނުން ބާރުވެރިކުރުވުމަށް އެމްޑީޕީން ދޭ އިސްކަން ވަރަށްބޮޑަށް ހާމަވެގެންދާ ކަމެއްކަމަށެވެ.
އަދި ހަނާ ވިދާޅުވީ، އެކަމަނާގެ އާއިލާއަކީ ފެށުނީއްސުރެން ވެސް އެމްޑީޕީގެ އިސްލާހީ ހަރަކާތުގައި ބައިވެރިވެ ގައުމުގެ ހެވާއި ލާބައަށް މަސައްކަތްކުރަމުން އަންނަ އާއިލާއެއް ކަމަށާ، އެހެންކަމުން މިފަހަރު ދާއިރާގެ ރައްޔިތުން އެކަމަނާ ހޮއްވަވައިފި ނަމަ އިސްލާހީ މަސައްކަތުގައި ކުރިއަށް ދިޔުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް އެކަން ވެގެންދާނެ ކަމަށެވެ.
އަދި މާފަންނު މެދު ދާއިރާއަކީ ސިޔާސީ ގޮތުން އެމްޑީޕީއަށް ވަރަށްބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ ދާއިރާއެއް ކަން ފާހަގަކުރައްވާ ހަނާ ވިދާޅުވީ، އެހެންކަމުން އަދިވެސް ވިސްނަންވީ އެ ދާއިރާއަށާއި މުޅި މާލެއަށް ވެސް ފައިދާހުރި މަސައްކަތްތަކެއް އަދިވެސް ކުރެވޭނީ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށެވެ.
ހަނާގެ ވާހަކަ ނިންމަވާލެއްވީ ދާއިރާގެ އެންމެހާ ރައްޔިތުންގެ އަޑު އަހާ، އަދި އަޑު އިއްވާ އެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ މަންދޫބަކަށް އެކަމަނާ ވެވަޑައިގަންވާނެ ކަމުގެ ފުރިހަމަ ޔަގީންކަންދެއްވާ ކަމަށާ، އަދި އަބަދުވެސް އެދޭނީ ދާއިރާގެ ރައްޔިތުންނަށް ހެވާއި ލާބައާ އަދި އެ ދާއިރާއަކީ މާލޭގެ އެންމެ ރީތި ސާފުތާހިރު ދާއިރާއަކަށް ވުމަށް ކަމަށް ވިދާޅުވަމުންނެވެ.




