ފާއިތުވި އެމްޑީޕީ ސަރުކާރުގެ ފްލެޓުތައް އެ ސަރުކާރުގެ ރައީސް ބައްލަވާލައްވަނީ - ފޮޓޯ:ރައީސްއޮފީސް
ފަހި ފްލެޓުތަކުގެ ތަޅުދަނޑިތައް މި މަހު 25 ގެ ކުރިން ހަވާލުކޮށް ނިންމާލަނީ
މަރްޔަމް މުޙައްމަދު 4 ޖެނުއަރީ 2026 (އާދީއްތަ)   10:11
ފާއިތުވި އެމްޑީޕީ ސަރުކާރުގެ ފަހި ދިރިއުޅުން ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ މަޝްރޫއުގެ ތެރެއިން ގާއިމްކުރި 4000 ފްލެޓުގެ ތަޅުދަނޑިތައް އެންމެ ލަސްވެގެން މިހިނގާ ޖަނަވަރީމަހުގެ 25 ގެ ކުރިން ހަވާލުކޮށް ނިމޭނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

މީޑިއާއަށް ދެއްވި މައުލޫމާތެއްގައި ހަމްދާން ވިދާޅުވީ 4000 ފްލެޓް ދޫކުރުމުގެ މަސައްކަތް މިހާރުވެސް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށާ، އެ މަސައްކަތް އެންމެ ލަސްވެގެން ވެސް މި މަހުގެ 25ގެ ކުރިން ނިންމައިލެވޭނެ ކަމަށެވެ.

އަދި ފްލެޓް ލިބުނު ގިނަ ފަރާތްތަކެއް މި ވަގުތު މާލެއިން ބޭރުގައި އުޅޭތީ ފްލެޓް ޙަވާލުކުރުން ތާވަލުކޮށްފައިވާ ދުވަސް އެހެން ދުވަހަކަށް ބަދަލުކުރަން ބޭނުންވާ ނަމަ އެ ޔުނިޓެއްގެ ވެރިފަރާތުގެ އީމެއިލުން ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާ އެކު އެފްޑީސީއަށް މެއިލްކޮށްލުމުން ޔުނިޓު ހަވާލުކުރުން އެހެން ދުވަހަކަށް ތާވަލްކޮށްދޭނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށްކަމަށާ، އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދަނީ ކަނޑައެޅިފައިވާ ތާރީހަށްވުރެ ކުރިން، ޖަނަވަރީ 2 ވަނަ ހަފްތާއަށް ނިންމާލުމަށް ވެސް ހަމްދާން ވިދާޅުވިއެވެ.

އެ ފްލެޓުތަކުގައި ފެނާއި ނަރުދަމާގެ ހިދުމަތް މިހާރު ގާއިމްކޮށް ނިންމައިފައިވާކަމަށް އެމްޑަބްލިއުއެސްސީ (މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ) އިން ހުކުރުދުވަހުގެ ރޭ ހާމަކޮށްފައި ވެއެވެ.

އެމްޑަބްލިއުއެސްސީ މީސްމީޑިއާގައި ޕޯސްޓުކޮށް ބުނެފައި ވަނީ، ފަހި ފްލެޓްތަކުގެ، އަމާން ދޯދި، އަދި އަމާން އުދަރެހުގެ ހުރިހާ ޓަވަރެއްގައި ފެނުގެ ހިދުމަތް ގާއިމްކޮށް، ޓެސްޓުކޮށް، މިހާރު ހިދުމަތް ލިބޭގޮތް ހަދައިފައިވާކަމާ އެއާއެކު ނަރުދަމާގެ ހިދުމަތް ވެސް މިހާރު ގާއިމްކޮށް ނިންމާފައިވާ ކަމަށާ، އެހެންކަމުން އެ ހިދުމަތްތައް ހުރިހާ ޔުނިޓުތަކަކުން ވެސް މިހާރު ލިބޭނެ ކަމަށެވެ.

ދިރާސީ އާ އަހަރު މިމަހުގެ 27ގައި ފެށޭއިރު ފްލެޓުތައް ހަވާލުކުރުން ލަސްވާތީ އެތަންތަނަށް ވަންނަން ތިބި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު، ރައީސް މުއިއްޒު މިކަމާގުޅިގެން އެންމެފަހުން ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ދިރާސީ އަހަރު ފެށެންވާއިރަށް، ހުރިހާ ފުލެޓެއްގެ ތަޅުދަނޑި ހަވާލުކޮށް ނިންމާނެ ކަމަށެވެ.

ނަމަވެސް ގިނަ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ޝެޑިއުލްކޮށްފައި ވަނީ މި މަހުގެ ފަހުކޮޅު ކަމަށްވާތީ، ތަޅުދަނޑި ލިބުމަށް ފަހު އެތަންތަނަށް ވަނުމަށް ވެސް ދުވަސް ބޭނުންވާނެކަމަށް ބުނެ ބައެއް މީހުން މީސްމީޑިއާގައި ނުރުހުން ފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް