ފަހި ދިރިއުޅުން ޓަވަރެއްގެ ފެނުގެ ކަނެކްޝަންތަކެއް - ފޮޓޯ: އެމްޑަބްލިއުއެސްސީ
ފަހި ފްލެޓުތަކުގެ ފެނާއި ނަރުދަމާ ގާއިމްކޮށްފި
"ގިނަ ތަންތަން ހަވާލުކުރުމަށް ޝެޑިއުލްގައި އޮތީ މިމަހު ފަހުކޮޅު، އެތަނަށް ވަނުމަށް ދުވަސްކޮޅެއް ބޭނުންވާނެ، ދިރާސީ އަހަރު ފެށެންވާއިރަށް ނުވަދެވޭނެ." - އާންމުން
މަރްޔަމް މުޙައްމަދު 3 ޖެނުއަރީ 2026 (ހޮނިހިރު)   09:21
ފާއިތުވި އެމްޑީޕީ ސަރުކާރުގެ ފަހި ދިރިއުޅުން ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ މަޝްރޫއުގެ ތެރެއިން ގާއިމްކުރި 4000 ފްލެޓުގައި ފެނާއި ނަރުދަމާގެ ހިދުމަތް މިހާރު ގާއިމްކޮށް ނިންމައިފައިވާކަމަށް އެމްޑަބްލިއުއެސްސީ (މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ) އިން ރޭ ހާމަކޮށްފިއެވެ.

އެމްޑަބްލިއުއެސްސީ މީސްމީޑިއާގައި ޕޯސްޓުކޮށް ބުނެފައި ވަނީ، ފަހި ފްލެޓްތަކުގެ، އަމާން ދޯދި، އަދި އަމާން އުދަރެހުގެ ހުރިހާ ޓަވަރެއްގައި ފެނުގެ ހިދުމަތް ގާއިމްކޮށް، ޓެސްޓުކޮށް، މިހާރު ހިދުމަތް ލިބޭގޮތް ހަދައިފައިވާކަމާ އެއާއެކު ނަރުދަމާގެ ހިދުމަތް ވެސް މިހާރު ގާއިމްކޮށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެ ހިދުމަތްތައް ހުރިހާ ޔުނިޓުތަކަކުން ވެސް މިހާރު ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ރޭ ބުނެފައި ވެއެވެ.

ދިރާސީ އާ އަހަރު މިމަހުގެ 27ގައި ފެށޭއިރު ފްލެޓުތައް ހަވާލުކުރުން ލަސްވާތީ އެތަންތަނަށް ވަންނަން ތިބި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު، ރައީސް މުއިއްޒު މިކަމާގުޅިގެން އެންމެފަހުން ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ދިރާސީ އަހަރު ފެށެންވާއިރަށް، ހުރިހާ ފުލެޓެއްގެ ތަޅުދަނޑި ހަވާލުކޮށް ނިންމާނެ ކަމަށެވެ.

ނަމަވެސް ގިނަ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ޝެޑިއުލްކޮށްފައި ވަނީ މި މަހުގެ ފަހުކޮޅު ކަމަށްވާތީ، ތަޅުދަނޑި ލިބުމަށް ފަހު އެތަންތަނަށް ވަނުމަށް ވެސް ދުވަސް ބޭނުންވާނެކަމަށް ބުނެ ބައެއް މީހުން މީސްމީޑިއާގައި ނުރުހުން ފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް