ހައުސިން މިނިސްޓަރު މުއްތޮލިބު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
4000 ފުލެޓުގެ ތެރެއިން 399 ފުލެޓުގެ ތަޅުދަނޑި ހަވާލުކޮށްފިން
އެމްޑީޕީ ސަރުކާރުން އިމާރާތްކުރި މި ފުލެޓުތަކުގެ ކުލި ރައީސް މުއިއްޒު ބޮޑުކުރެއްވުމަށް ފަހު އެމަނިކުފާނުގެ ދީލަތިކަމުން މިހާރު ވަނީ ކުޑަކޮށްދެއްވާފައި
ޖުނާން އަޙުމަދު 28 ޑިސެމްބަރ 2025 (އާދީއްތަ)   15:16
ފާއިތުވި އެމްޑީޕީ ސަރުކާރުގެ ފަހި ދިރިއުޅުން ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ބިނާކުރި 4000 ފުލެޓުގެ ތެރެއިން 399 ފަރާތަކަށް މިހާތަނަށް ފުލެޓުގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ހައުސިންގ، މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެއެވެ.

މިއަދު ހައުސިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، އެފްޑީސީ (ފަހި ދިރިއުޅުން ކޯޕަރޭޝަން) ގެ މި ސްކީމްގެ ދަށުން އިމާރާތްކުރާ 3 ކޮޓަރީގެ 2800 ފުލެޓާއި 2 ކޮޓަރީގެ 1200 ފުލެޓުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމުމަކާ ގާތްވެފައި ކަމަށެވެ.

އެ 4000 ފްލެޓުގެ ތެރެއިން 399 ފަރާތަކަށް މިހާރު ތަޅުދަނޑި ހަވާލުކޮށްފައި ވާއިރު، މިހާތަނަށް 3079 ފަރާތަކާއެކު ފުލެޓުގެ އެއްބަސްވުމުގައި ސޮއި ވެސް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އެއްބަސްވުން ހެދިފައިވާ ހުރިހާ ފަރާތްތަކަށް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ތަޅުދަނޑި ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފާއިތުވި އެމްޑީޕީ ސަރުކާރުން އިމާރާތް ކުރި މި 4000 ފުލެޓުގެ ކުލި ރައީސް މުއިއްޒު ބޮޑުކުރެއްވުމަށްފަހު އެމަނިކުފާނުގެ ދީލަތިކަމުން އަނެއްކާ ވަނީ ކުޑަކޮށްދެއްވާފައި ކަން ފާހަގަކޮށްލެވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ އެކީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ އެ 4000 ފްލެޓުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް ދައްކަން ޖެހޭ މަހު ކުލި 10،500 ރުފިޔާ 10،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ 25،000 ރުފިޔާ 8،500 ރުފިޔާއަށް ކުޑަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

ތިން ކޮޓަރީގެ ފްލެޓުތަކުގެ އިތުރުން، ދެ ކޮޓަރީގެ ފްލެޓުތަކަށް ދައްކަންޖެހޭކަމަށް މި ސަރުކާރުން ކަނޑައެޅި މަހުކުލި 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު އެއް މަހުގެ ކުއްޔަށް ވާ ވަރަށް ކުޑަކުރަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު އެރޭ ވިދާޅުވިއެވެ.

އެޑްވާންސް ފައިސާ މިގޮތަށް ކުޑަކޮށްދެއްވުމާ ގުޅިގެން އެޑްވާންސް ކުރިން ދެއްކި މީހުންގެ ފައިސާ، މަހު ކުލިން އުނިކުރުމަށް ނިންމިކަން ހާމަކޮށް ހައުސިން މިނިސްޓްރީން މީސްމީޑިއާގައި ބުނެފައި ވަނީ، ތިން ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 8،500ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން "އެޖެސްޓު" ކޮށްދޭނެ ކަމަށެވެ. އަދި ދެ ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 6،000ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން "އެޖެސްޓު" ކޮށްދޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ޑައުންޕޭމަންޓު ކުޑަކޮށްދީ، އެތަންތަނުގެ ކުލި ކުޑަކޮށްދިން ދިނުމާގުޅިގެން މީސް މީޑިއާގައި ބައެއް ރައްޔިތުން ބުނަމުންދަނީ، އެ ފްލެޓުތަކުގެ ކުލިން ކުޑަވެގެން އެ ދިޔައީ އެންމެ 500 ރުފިޔާކަމަށާ އެއީ މީގެކުރީގެ ސޯޝަލް ހައުސިންތަކުން ކުޑަކޮށްދެއްވި ކުލީގެ އަދަދާ އަޅާބަލާއިރު، ވަރަށް ކުޑަ މިންވަރެއްކަމަށެވެ.

އަދި ކުރީ ސަރުކާރުން 7000 ރުފިޔާގެ ކުއްޔެއް ނަގަން ނިންމާފައި ވަނިކޮށް، މި ސަރުކާރުން ބޮޑުކުރި ކުލި ކުޑަކޮށްދެއްވި ކަމަށް ވާނީ 7000 ރުފިޔާއަށް ވުރެން ކުޑަކޮށްދިނުުމުން ކަމަށް ބުނެ މީސް މީޑިއާގައި ބައެއް ރައްޔިތުންގެ ކަންބޮޑުވުން ވަނީ ހިއްސާކޮށްފައެވެ.

ކޮމެންޓް