ފަހި ފުލެޓް އެޑްވާންސް އަދަދު ރައީސާއި ވަޒީރު ދެގޮތަށް
ފިޔެސް 19 ޑިސެމްބަރ 2025 (ހުކުރު)   22:37
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ރޭ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، މިހާރު ހަވާލުކުރަމުންދާ (އެފްޑީސީގެ 4000 ހައުސިން ޔުނިޓްގެ މަޝްރޫއު) ފަހި ފުލެޓް 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ އެޑްވާންސް (ސެކިއުރިޓީ ޑިޕޮސިޓް)ގެ ގޮތުގައި ދައްކަންޖެހޭ 25،000 ރުފިޔާގެ ބަދަލުގައި 8،000 ރުފިޔާއަށް ކުޑަކުރެއްވި ކަމަށެވެ.

އެހެންނަމަވެސް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް، މިއަދު އެ މައުލޫމާތު އާންމުކުރެއްވިއިރު ލިޔުއްވާފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ އެޑްވާންސްގެ ގޮތުގައި 8،500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން މިކަމުގައި 500 ރުފިޔާގެ ތަފާތެއް އެބައުޅެއެވެ. ވަޒީރު ކަނޑައަޅުއްވާފައި އެވަނީ ރައީސް ވިދާޅުވި ވަރަށްވުރެ އިތުރަށެވެ.

ހައުސިން މިނިސްޓަރު އެ މައުލޫމާތު އެކްސްގައި ހިއްސާ ކުރެއްވީ މިއަދު ހެނދުނު އެވެ. 

އޭގެ ފަހުން އެ މިނިސްޓްރީން ވެސް ވަނީ އެ މައުލޫމާތު ހަމަ އެގޮތަށް، އެ މިނިސްޓްރީގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައެވެ.

އަދި މިރޭ ހައުސިން މިނިސްޓްރީން ވަނީ އެފްޑީސީގެ 4000 ފުލެޓްގެ ސެކިއުރިޓީ ޑިޕޮސިޓް މިހާރު ދައްކާފައިވާ ފަރާތްތަކުން ދައްކާފައިވާ ފައިސާގެ ތެރެއިން މިހާރު ކުޑަކުރި އަދަދަށް ޑިޕޮސިޓް ބެހެއްޓުމަށްފަހު، ބާކީ ހުރި ފައިސާ ކުރިއަށް އޮތް މަސްތަކުގެ ކުލީގެ ގޮތުގައި ހަމަޖައްސާނެކަން އިއުލާން ކޮށްފައެވެ.

އެ އިއުލާނުގައިވެސް ބުނެފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބުނެފައިވަނީ 8،500 ރުފިޔާ އެވެ. އެހެންނަމަވެސް ރޭގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ 8،000 ރުފިޔާ ކަމަށް ރޭގެ ބައްދަލުވުމުގެ އޯޑިއޯ ވީޑިއޯ ހެކިދެއެވެ.

ކޮމެންޓް