
މެންބަރުންނަށް މިއަދު ފޮނުވި މެސެޖުގައި ބުނެފައިވަނީ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ) ގެ ދަށުން ދައުރުން ބޭރުގައި ޖަލްސާއެއް/ޖަލްސާތަކެއް ބާއްވައިދިނުމަށް އެދި ހުށަހެޅުމެއް ލިބިފައިވާތީ މާދަމާ އެފަދަ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
މި ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާއިރު އެންމެ މުހިންމު ކަމަކަށް އޮތީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުމެވެ. މި ބިލަކީ ސީދާ ކޮން ކަމަކާ ގުޅޭގޮތުން ހުށަހަޅާ ބިލެއްކަން އެޖެންޑާގައި ފާހަގަ ކޮށްފައި ނެތްނަމަވެސް، ސަރުކާރުގެ ފަރާތުން ބިލް ހުށަހަޅުއްވަނީ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް އެވެ.
މުޅިން އަލަށް ހުށަހަޅާ ދެ ބިލެއްގެ މަސައްކަތްވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވެއެވެ. އެއީ ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ހުށަހަޅުއްވާ، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ހުށަހަޅުއްވާ ޕެންޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
މަޖިލީހަށް މުޅިން އަލަށް ހުށަހަޅާ މި ތިން ބިލުގެ އިބްތިދާއީ ބަހުސްވެސް މާދަމާގެ ޖަލްސާގައި ކުރިއަށް ގެންދާ ގޮތަށް އެޖެންޑާގައި ވަނީ ހިމަނާފައެވެ.
މިދިޔަ އަހަރުގެ ފަހު ދައުރުގެ މަސައްކަތް ނިންމާލާ މަޖިލީހުން ޗުއްޓީއަށް ދިޔައީ ޑިސެމްބަރު 3، ގައެވެ.
މަޖިލީހުގެ ޗުއްޓީއަށްފަހު މިފެށުނު 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާނީ އަންނަ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ. އެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން ދެއްވުން އޮންނާނެ އެވެ.




