ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި.- ފޮޓޯ: ރައީސް އޮފީސް
ބޮޑު ދެ އިންތިހާބު އެކުގައި ބާއްވަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފި
މި އިސްލާހު މިހާރު އޮތްގޮތުން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވާނެ
ހަސަން އިބްރާހީމް 4 ޖެނުއަރީ 2026 (އާދީއްތަ)   14:36
ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅައިފި އެވެ.

ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުގެ ބިލު މަޖިލިހަށް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް އެވެ.

އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވާނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައި ކަަމަށެވެ.

ހުށަހަޅާފައިވާ އިސްލާހުގައި ގާނޫނު އަސާސީގެ 79 ވަނަ މާއްދާ ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށެވެ.

79 ވަނަ މާއްދާ އަށް އިތުރު ކޮށްފައިވާ އަކުރުގައި ބުނެފައިވަނީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލުން އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ޑިސެމްބަރު މަހުގެ 1 ވަަނަ ދުވަހު ކަމަށެވެ.

އިސްލާހުގައި އިތުރަށް ބުނެފައި ވަނީ މި ގާނޫނަށް އަމަލު ކުރަން ފަށާއިރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު 2028 ޑިސެމްބަރު 1 ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ. ގާނޫނު އަސާސީ ގެ 79 ވަނަ މާއްދާ އަށް ގެނެވޭ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށްޓަކައި މި ގާނޫނަށް އަމަލު ކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވަން ޖެހޭ އިންތިޚާބު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވާ އެ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމާ ގުޅޭ ގޮތުން ކުރަން ޖެހޭ އެންމެހާ ކަންކަން 1 ޑިސެމްބަރު 2028 ވަނަ ދުވަހުގެ ކުރިން ކޮށް ނިންމައި، އެ ތާރީޚުގައި އަލަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނެ ކަމަށެވެ.

ކުރިން އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ މަޖިލިސް އިންތިޚާބު ކުރުމަށްފަހު ފުރަތަމަ ޖަލްސާ ބާއްވާ ތާރީޚުން ފެށިގެން ފަސް އަހަރު ދުވަހެވެ. އެހެން ނަމަވެސް ހުށަހެޅިފައިވާ ބަދަލާ އެކު އުމުރު ބަލާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން 6 މަސް މަދުވާނެ އެވެ.

20 ވަނަ މަޖިލީހުގެ އުމުރު މި ބަދަލު އައިސްފިނަމަ ހަމަވާނީ 2028 ޑިސެމްބަރު 1، އަށެވެ. އެ ދުވަހުގެ ކުރިން އާ މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެ އެވެ.

މި މަސައްކަތް ކުރުމަށް ޕީއެންސީއިން ހުށަހަޅައިގެން މާދަމާ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ. ދެ އިންތިހާބު އެއްކޮށްލާ ބިލުގެ ފުރަތަމަ ކިޔުމާއި އިބްތިދާއީ ބަހުސްވެސް މި ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ކޮމެންޓް