
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހާމަކުރި ގޮތުގައި މި އަހަރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު އޮންނާނެއެވެ.
މިއަހަރުގެ ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަސް ދިމާވަނީ ބުރާސްފަތި ދުވަހާއެވެ.
ކޮންމެ އަހަރެއްގެވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.
ރިޔާސީ ބަޔާނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ޖެހިވަޑައިގަންނަވާ ބަޔާނެކެވެ. ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިސް ދައުރު ފަށާ ޖަލްސާގައި އިއްވަވާ ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދެއްވައި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވައިލައްވާ ބަޔާނަކަށް ވާންވާނެކަމަށެވެ.
މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވީ ފެބްރުވަރީ މަހުގެ ހަވަނަ ދުވަހެވެ. އެ ދުވަހު ރައީސް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު، އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އިހުތިޖާޖު ކުރި މެންބަރުންގެ ނަން އިއްވައި، މެންބަރުން ނިކުންނަންދެން ފަނަރަ ވަރަކަށް މިނެޓަށް އެ ދުވަހުގެ ޖަލްސާ މެދުކަނޑާލިއެވެ.




