
ދެ އިންތިހާބު އެއްފަހަރާ ބާއްވާ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޣަފޫރު ވިދާޅުވީ އެ ބަދަލު ގެންނަން އުޅެނީ ސަރުކާރުގެ ދައުރު ދަންމާލަން ކަމަށެވެ. އެއީ ހަރަދުކުޑަކުރަން ގެންނަ ބަދަލެއް ނޫން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި އެމްޑީޕީން އެ ހުށަހެޅުމާ ދެކޮޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެ އިންތިހާބު އެއްކޮށްލަން އެމްޑީޕީ ތާއީދެއް ނުކުރަން. އަޅުގަނޑުގެ މައްޗަށް މިއަދު އެމްޑީޕީގައި މި ބަސް ބުނާނެ އިތުރު މީހަކު ނުހުންނާނެ އިއްޒަތްތެރި ރައީސް. އަޅުގަނޑު ތާއީދު ނުކުރަނީ ތިރީގައި އެވާ ސަބަބުތަކަށްޓަކައި. މިކަން ކުރަންޏާ އަޅުގަނޑުމެން އެބަޖެހޭ އެމްއެންޔޫ މެދުވެރިކޮށް ރަނގަޅު ދިރާސާއެއް ކުރުމަށްފަހު އޭގެ ނަތީޖާއަށް ބިނާކޮށް މިކަން ކުރަން،" ޣަފޫރު ވިދާޅުވި އެވެ.
ދެވަނަ ސަބަބެއްގެ ގޮތުގައި އޭނާ ދެއްކެވީ 10 އަހަރު ދުވަހަށް ވެރިކަން ދަންމާލަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ކުރައްވާ ތުހުމަތެކެވެ. އަދި އެކަން އެގޮތަށް ސަރުކާރުގެ މީޑިއާތަކުންނާއި ވެރިކަންކުރާ ޕާޓީގެ މީޑިއާތަކުން ތަކުރާރުކޮށް ބުނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަން ކުރުމަށް (ވެރިކަން 10 އަހަރު ދުވަހަށް ދަންމާލަން) މަގުފަހިކުރުމަށްޓަކައި ކުރާ މަސައްކަތެއް މިކަމަކީ އިއްޒަތްތެރި ރައީސް. މިއުޅެނީކީ ހަރަދުބޮޑުވެގެނެއް ނޫން،" ޣަފޫރު ވިދާޅުވި އެވެ.
ހަރަދުބޮޑުވެގެން އެއްކޮށްލާ ނަމަ އެއްކޮށްލާނީ ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ބަދަލުގައި ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބު އެއްކޮށްލައި، ދައުރުގެ މެދު ތެރެއިން މަޖިލިސް އިންތިހާބު ބާއްވަން ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.
"ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތުގެ ހަރަދުކުޑަވާނެ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް އިއްޒަތްތެރި ރައީސް. ޕަބްލިކް ވޯކްސް އަށް މިއަދު ވެސް އެބައޮތް 500 މީހުން ވައްދަން އިއުލާނުކޮށްފައި. އެއީ 72 މިލިޔަން ރުފިޔާ އަހަރަކު ހަރަދުވާނެ ކަމެއް،" ޣަފޫރު ވިދާޅުވި އެވެ.
އަދި ޣަފޫރު ވިދާޅުވީ، ސަރުކާރު ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށާ، ސްކޫލުތައް ނިމޭ ގަޑީ ނިކުންނަށް ކުދިންނަށްވުރެ އެސްއޯއީތަކުގެ މަސައްކަތް ނިމޭ ގަޑީ ނިކުންނަ މުވައްޒަފުންގެ އަދަދު ގިނަ ކަމަށެވެ.
"ސަރުކާރު ބަދަލުވިއިރު 11 ބިލިއަނުގައި ދައުލަތުގެ ޕޭރޯލް އޮތްއިރު، މިއަދު ދައުލަތުގެ ޕޭރޯލް 17 ބިލިއަނަށް އަރައިގެން އެ ދިޔައީ އިއްޒަތްތެރި ރައީސް. އެއީ ސިޔާސީ މީހުންގެ މަގާމުތައް އިތުރުކޮށް ހަ ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރަން ޖެހިފަ ވަނީ އިއްޒަތްތެރި ރައީސް،" ޣަފޫރު ވިދާޅުވި އެވެ.
ހަރަދު ބޮޑުވުމާއި ސިޔާސީ މުވައްޒަފުން އިތުރުވުމުގެ ވާހަކަ ދައްކަވައި ޣަފޫރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަނީ އެއްވެސް ހެޔޮ ނިޔަތެއް އޮވެގެންކަމަށް ގަބޫލު ނުކުރާކަމަށެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް މީހުން ހޮވުމަށާއި، ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަން ޖެހޭ އިންތިހާބުތައް ބާއްވަންވާނީ ދެ އިންތިހާބު އެކީގައިކަމަށް ކަނޑައެޅުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރުމަށެވެ.
ދެ އިންތިހާބު އެކުގައި ބޭއްވުމަށް ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔައީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާގައެވެ. މި ޖަލްސާގެ ނޯޓިސް މެންބަރުންނަށް ދިނީ އިއްޔެ ކަމަށް ވެފައި ދައުރުން ބޭރުގައި ކުއްލި އަކަށް ޖަލްސާއެއް ބާއްވައިގެން މިފަދަ ބޮޑެތި ނިންމުންތައް ސަރުކާރުން ނިންމާތީ އެމްޑީޕީ މެންބަރުން މިއަދުގެ ބަހުސްގެ ބަގުތުގައި ކަންބޮޑުވުން ފާޅުކުރިއެވެ.
މިއަދުގެ ޖަލްސާގެ ވޯޓުގަޑީގައި މި ބިލު ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި ބިލު ބަލައިގަތުމަށް ފެންނަ ކަމަށް 46 މެންބަރަކު ވޯޓް ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓް ދެއްވީ 5 މެންބަރުންނެވެ. މި ބިލު ބަލައިގަތުމަށް ފެންނަކަމަށް ފާސްވުމާ ގުޅިގެން ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މިއަދު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.




