
ފިއްޓޭ މި ތުހުމަތުތައް ކުރެއްވީ، ޖުވާ ކުޅުމާއި އެކަމަށް ބާރުލިބޭ ގިނަ ކަންކަމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް، ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހަޅާފައި އޮތް ބިލަށް ބަހުސް ކުރެއްވި ވަގުތުގައެވެ.
އަދި އެ ކުންފުނީގެ އެމްޑީ ޖުވާއަށް ފައިސާތައް ގެއްލުވާލިކަމަށް ބުނާ، އެފަދަ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލި ކަމަށް ވިދާޅުވެ ފިއްޓޭ ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ އިސްލާހު އަވަސް އަރުވާލައިގެން ފާސްކޮށް އެޔަށް އަމަލުނުކޮށްފިނަމަ މިކަމަކީ މިއަދު ދިވެހި މުޖުތަމައުގައި އާންމުވެފައިވާ ޖުވާ ކުޅުން ހުއްޓުވަން އެޅޭ ހުރަހަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ފިއްޓޭ އެ އިޝާރާތްކުރައްވަނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލި، ސަރުކާރުގެ ގޭސް ކުންފުނިކަމުގައިވާ މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް އެޑްވާންސަށް ދެއްކި ފައިސާ ކަމުގައިވާ 250،000 ޑޮލަރު ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ ކަމަށް ވަރަށްބޮޑަށް ބެލެވެއެވެ.
ހުސްވި 2025 ވަނަ އަހަރުގެ އެޕްރީލް މަހު ތެރޭގައި، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެކަން ފުރަތަމަ ހާމަކުރެއްވީ އެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޝްވަރާ ކުރައްވަމުންނެވެ.




