
މަޖިލިސް މެންބަރުން ޗުއްޓީގައި ތިއްބަވަނިކޮށް އިއްޔެ ނޯޓިސް ދިނުމަށްފަހު މިއަދު ވަނީ މަޖިލީހުގެ ދައުރުން ބޭރުގެ ފުރަތަމަ ޖަލްސާ ބާއްވާފައެވެ. މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ވަޑައިގަތެވެ. އެހެންނަމަވެސް އެ މެންބަރުން އެގޮތަށް ޖަލްސާ ބާއްވާތީ އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ގަބޫލުކުރާ ގޮތުގައި މިހާރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ގާނޫނާ ހިލާފު އަދި ގާނޫނު އަސާސީއާވެސް ހިލާފު ޖަލްސާތަކެއް ކަމަށާއި އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ޖަލްސާތައް ބޮއިކޮޓް ކުރަން ނިންމާފައިވާ ކަމަށެވެ.
މަޖިލިސް ރިސެސްގައި އޮތް ނަމަވެސް، ގާނޫނު އަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާއާ ހިލާފަށް، އެކަށީގެންވާ ނޯޓިސްއެއް ނުދީ، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އަވަސްވެގަތުމަށް ކުއްލި ޖަލްސާތަކަށް ގޮވާލިކަން އެމްޑީޕީގެ ޕީޖީ އިން ފާހަގަ ކުރެއެވެ.
މިއަދު ކުރިއަށް ގެންދިޔަ މަޖިލިސް ޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބޭއްވޭނެ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅާފައެވެ. ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕީޖީ ލީޑަރު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވައި، އިބްތިދާއީ ބަހުސް ނިންމައި، ބިލު ބަލައިގަންނަން މިއަދު ވަނީ ފާސްކޮށްފައެވެ. އަދި އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިކަން މިއަދުގެ ޖަލްސާގައި ރިޔާސަތުން އިއުލާން ކުރެއްވިއެވެ.
އެމްޑީޕީ ޕީޖީ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، ރައްޔިތުން ތަމްސީލުކުރުމުގެ ހައްގު ގެއްލިގެންދާފަދަ ޑިމޮކްރަސީއާ ބީރައްޓެހި ގޮތަކަށް އަވަސް އަރުވާލައިގެން ގާނޫނުއަސާސީ ބަދަލު ކުރަންޖެހޭ ފަދަ ހާލަތެއް ނެތެވެ.
އެމްޑީޕީގެ ޕީޖީ އިން މަޖިލިސް ޖަލްސާތައް ބޮއިކޮޓް ކުރަން ނިންމިއިރު، ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޖަލްސާ ވަނީ މާދަމާއަށް އެޖެންޑާ ކޮށްފައެވެ.




