ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، 2023ގެ ރިޔާސީ އިންތިހާބުގައި ވޯޓުލައްވަނީ
ގެންނަމުންދާ ބަދަލުތަކަކީ، ހުރިހާ ބާރުތައް މުށުތެރެއަށް ގެނައުމަށް ކުރާ މަސައްކަތެއް: ފައިސަލް
"ވެރިކަމުގައި ގިނަދުވަހު ތިބުމަށްޓަކައި މަސައްކަތް ފަށައިފިނަމަ، ނަތީޖާއަކަށްވާނީ އާންމުންނަށް ނޭދެވޭ އަސަރުކޮށް، ގައުމުގެ ހަމަޖެހުން ގެއްލި، އިގުތިސާދަށް ލޮޅުން އެރުން"
ޖުނާން އަޙުމަދު 6 ޖެނުއަރީ 2026 (އަންގާރަ)   19:51
ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ގާނޫނު އަސާސީ އާއި، ގާނޫނު ތަކަށް ގެންނަމުންދާ ބަދަލު ތަކަކީ، ހުރިހާ ބާރު ތަކެއް ވެރިކަން ކުރާ ފަރާތުގެ މުށު ތެރެޔަށް ގެނައުމަށް ކުރާ މަސައްކަތެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަމާއި، ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކުގެ ތެރެއިން މައި ދެ އިންތިހާބު ކަމުގައިވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް މި ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފައިވާއިރު، އެ ދެ އިންތިހާބު އެއްކޮށްލުމުން ހުރި ގެއްލުންތައް ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުމާއެކު ފައިސަލް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި، ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް އޮތުމަކީ އެއީ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީކުރުވަން އޮންނަ ބާރެއްކަން ފާހަގަކުރެއްވިއެވެ.

"ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ގާނޫނު އަސާސީ އާއި، ގާނޫނު ތަކަށް ގެންނަމުންދާ ބަދަލު ތަކަކީ، ހުރިހާ ބާރު ތަކެއް ވެރިކަން ކުރާ ފަރާތުގެ މުށު ތެރެޔަށް ގެނައުމަށް ކުރާ މަސައްކަތެއް. މިގޮތަށް މިކަން ކުރުމުން މިނިވަން މުއައްސަސާ ތަކުގެ މުސްތަގިއްލުކަން ގެއްލި، ސީދާ ސަރުކާރުގެ ނުފޫޒު މުއައްސަސާ ތަކުގެ މައްޗަށް ގަދަވެގެން ދޭ. މިކަހަލަ ބަދަލު ތަކުން ރައްޔިތުންނަށް ވާނެ މޮޅެއް އޮންނާނެ ކަމަކަށް ނުފެނޭ." – ފައިސަލް ނަސީމް

މިކަމުން ހާސިލްވަނީ ހަމައެކަނި ވެރިކަން ދިފާއުކޮށް، ބޭނުންވާ ބަޔަކަށް ފައިދާ ހޯދައި ދިނުން ކަން ފާހަގަކުރައްވާ ފައިުސަލް ވިދާޅުވީ، ސަރުކާރުން އަމަލުތައް ބަހައްޓަން ވާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް އިިސްކަން ދެވޭ ގޮތަށް ކަމަށެވެ.

"ދައުލަތުގެ ހަރަދު ކުޑަ ކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ބޭކާރު ގޮތުގައި ކުރެވޭ ކަންކަން ހުއްޓާލަން ޖެހޭނެ. ސީދާ އެކަމުން ގައުމަށް ފައިދާ ނުވާ ކަންކަން ހުއްޓާލަން ޖެހޭނެ. ހާއްސަކޮށް ކުރާނެ މަސައްކަތެއް ނެތި، ސިޔާސީ މަގާމު ތަކަށް އެއްވެސް އިމެއް އަދި މިނެއް ނެތި މީހުން ގިނަ ކުރުމުން، ހަރަދު ކުޑަ ކުރުމުގެ ވިސްނުން ސަރުކާރުގައި ހުރީ ކިހާ ވަރަކަށްތޯ އެބަ އެނގޭ." – ފައިސަލް ނަސީމް

ގާނޫނު އަސާސީ އާއި ގާނޫނު ތަކަށް ވަކި ބަދަލު ތަކެއް ގެނެސްގެން، އިންތިހާބު ކާމިޔާބު ކުރަން މަގު ފަހި ކުރުމަކީ އޭގައި ވަރަށް ގޯސް ކަންތައް ތަކެއް ހިނގާނެ ކަމެއްކަމަށް ތަކުރާރުކޮށް ވިދާޅުވެ ފައިސަލް ވިދާޅުވީ، ވެރިކަން ލިބޭ ކޮންމެ ބަޔަކު ވެރިކަމުގައި ގިނަ ދުވަހު ތިބުމަށްޓަކައި މަސައްކަތް ފަށައިފިނަމަ، ނަތީޖާއެއްގެ ގޮތުން އާންމުންނަށް ނޭދެވޭ އަސަރުކޮށް، ގައުމުގެ ހަމަޖެހުން ގެއްލި، އިގުތިސާދަށް ލޮޅުން އަރާނެކަމަށެވެ.

އެއާއެކު، މަޖިލީހުގެ މުސްތަގިއްލުކަން ވަކި ބާރެއްގެ ގޮތުގައި ބާއްވައި، މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގެ ދައުރަކީ މަޖިލީހުން މިނިވަންކަމާ އެކު ކުރާ ކަމެއްގެ ގޮތުގައި ބޭއްވުމަށް ފައިސަލް ވަނީ ރައީސް މުއިއްޒުގެ އަރިހުން އެދިވަޑައިގެންފައެވެ.

އެގޮތުން ރައީސް މުއިއްޒުގެ އަރިހުން ފައިސަލް ވަނީ ދިހަ ކަމަކަށް އެދިވަޑައިގެންފައެވެ:

  • ރައްޔިތުންގެ މަޖިލީހުގެ މުސްތަޤިއްލުކަން ވަކި ބާރެއްގެ ގޮތުގައި އޮންނަ އޮތުން އެގޮތަށް ބޭއްވުން. މަޖިލީހަށް ގެންނަ ބަދަލަކީ މަޖިލީހުގެ އަދަދު މަދުކޮށް، އަދި މުޅި އަތޮޅުން ވޯޓު ލައިގެން ހޮވާ ބަޔަކަށް ހެދުން.
  • މިނިވަން މުއައްސަސާ ތަކަށް މީހުން އައްޔަން ކުރުމުގެ ދައުރަކީ މަޖިލީހުން މިނިވަންކަމާ އެކު ކުރާ ކަމެއްގެ ގޮތުގައި ބޭއްވުން.
  • ފުރިހަމަ މިނިވަން ޖުޑިޝަރީ އަކަށް މަގު ފަހި ކުރުމަށްޓަކައި، ސިޔާސީ މީހުން ޖޭއެސްސީގައި ހިމަނާ ހިމެނުން ދޫކޮށް، ފަނޑިޔާރުންނަށް ފުރިހަމަ މިނިވަަންކަމާ އެކު މަސައްކަތް ކުރެވޭނެ މަގު ފަހި ކުރުން.
  • ދައުލަތުގެ މަޤާމުތައް ދިނުން އިންސާފުވެރިކަމާ އެކު ތައުލީމާއި ތަޖުރިބާ އަށް އިސްކަން ދީގެން ކުރިއަށް ގެންދެވޭނެ ގޮތެއް އޮތުން. ވަކި އާއިލާ އަކަށް، ނުވަތަ ނިސްބަތްވާ ވަކި ފަރާތަކަށް ނުބެލުން.
  • އެއް ސަރުކާރުން އަނެއް ސަރުކާރަށް ނަގުލުވާ ކަންކަން ސިޔާސީ ނުކޮށް، ރައްޔިތުންނަށް އިންސާފުވެރިކަމާ އެކު ފޯރުކޮށްދިނުން.
  • އާންމުންގެ ހައްގު ތަކަށް އިޙުތިރާމްކޮށް، ދައުލަތުން އާންމު މީހާ ވެސް ބާކީ ނުކޮށް، އޭނާގެ ޙައްޤު އަދާ ކޮށްދިނުން.
  • ދުވާލަކު ގޮތަކަށް ޤައުމީ ތަރައްޤީގެ މަޝްރޫއުތައް ބަދަލު ނުކޮށް، ދިގު ރާސްތާ އަކަށް އަމާޒު ކޮށްގެން މަޝްރޫއުތައް ރޭވުން.
  • ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުުރު ކުރުން. ޚާއްސަކޮށް މިހާރު ބޭރު މީހުން އަދާ ކުރަމުންދާ ބޮޑެތި އާމްދަނީ ލިބޭ ފަދަ މަޤާމުތައް ދިވެހިންނަށް ލިބޭނެ ގޮތަށް އިންތިޒާމު ހަމަޖެއްސުން.
  • ދިވެހިންގެ ފުދުންތެރިކަން އިތުރު ކުރުވުން. ބޭރުގެ ފަރާތް ތަކަށް އެއްކޮށް ބަދަލު ވެގެންދާ ވިޔަފާރިތައް ދިވެހިންގެ އަތް މައްޗަށް އަންނާނެ ގޮތަށް ސިޔާސަތު ބައްޓަން ކުރުން.
  • ދިވެހި ރާއްޖޭގެ ސަރަހައްދީ ތަރައްޤީ އަށް އިސްކަން ދިނުން. ޚާއްސަކޮށް ޞިއްޙީ، ތައުލީމު އަދި ދިރިއުޅެވޭނެ ގޮތްތައް އަވަސް ފުރުސަތެއްގައި ފަހިވުން.
  • ޤާނޫނު އަސާސީ އާއި ޤާނޫނު ތަކަށް ކުއްލި ބަދަލު ގެނައުން ހުއްޓާލައި، ޒިންމާދާރު ކަމާ އެކު މިފަދަ މަސައްކަތް ކުރުން. އަދި ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަކީ، އެހާ ފަސޭހަ އިން ކުރެވޭ ކަމެއްގެ ގޮތުގައި އޮތް އޮތުމާ މެދު ވިސްނައި، ޤައުމަށް މިއަށްވުރެ ރަނގަޅު ގޮތެއް ހޯދުން.

ފައިސަލްގެ މި ކަންބޮޑުވުންތައް ފާޅުކުރައްވާފައި ވާއިރު، ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ގޮތުން، އިއްޔެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނީ އެކުގައެވެ.

އެއާއެކު، 20 ވަނަ މަޖިލީހަށް ފަހު ދެން އިންތިހާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީހު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާހް ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.

ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު، މިހާރު ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރަން ފަށައިފައެވެ. ކޮމިޓީން އިއްޔެ ނިންމީ އެ މަސައްކަތް ދިހަ ދުވަހުން ނިންމާލުމަށެވެ.

ކޮމެންޓް
އަހުމަދު ދާންދޫ
4 days ago
ފައިސަލް ނަސީމް ފާހަގަ ކުރައްވާފައި މިހުރީ މުހިންމު ވާހަކަތަކެއް. މަގޭ ފުރިހަމަ ތާއީދު ފައިސަލަށް. ރިޔާސީ ކެންޑިޑޭޓަކަށް ވެއްޖިއްޔާ ވޯޓުވެސް ޔަގީން ކަށަވަރު.