
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނުވަތަ މައި ދެ އިންތިހާބު އެކުގައި ބޭއްވުމުގެ މަގުތަނަވަސްކޮށް، މަގުކޮށުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިއްޔެ ވަނީ އިސްލާހު ހުށަހަޅާފައެވެ. މިކަމަކީ ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، ރައްޔިތުންގެ ހިޔާލު ހޯދި ދާނެކަމެކެވެ. އެހެންކަމުން ސަރުކާރުގެ އަމާޒުހުރީ މައި ދެ އިންތިހާބު އެއްކޮށްލުމުގެ ސުވާލަށް ޖަވާބު ހޯދުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާށެވެ. މި ރިފަރެންޑަމް ވޯޓު ލޯކަލް ކައުންސިލުގެ އިންތިހާބާއެކު ނެގުމަކީ ހަރަދުގެ ގޮތުން ރަނގަޅު ކަމެކެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮތީ މި އަހަރުގެ އެޕްރީލް 4 ވަނަ ދުވަހު އެވެ. ވުމާއެކު، މައި ދެ އިންތިހާބު އެއްކޮށްލުމުގެ ފައިދާ އާއި ގެއްލުމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ސަރުކާރަށާއި ސިޔާސީ ޕާޓީތަކަށް "ރީޒަނަބަލް" ވަގުތު ލިބިގެންދާނެ އެވެ.
މައި ދެ އިންތިހާބު އެއްކޮށްލުމުގައި އޮތީ ތިން ސިނާރިއޯ އެކެވެ. ފުރަތަމަ ސިނާރިއޯ އަކީ ރިޔާސީ ދައުރު ދަންމާލުމެވެ. ދެވަނަ ސިނާރިއޯ އަކީ ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލުމެވެ. ތިންވަނަ ސިނާރިއޯއަކީ އަލަށް އިންތިހާބު ކުރާ 21 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލުމެވެ.
ރިޔާސީ ދައުރު ދަންމާލުން
މައި ދެ އިންތިހާބު އެކުގައި ބޭއްވުމުގެ މަގުސަދަށްޓަކައި ރިޔާސީ ދައުރު ދަންމާލުމަކީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ރުހޭނެ ކަމެއްކަމުގައި ނުވާނެއެވެ. އަދި އެކަން ވާނީ އޮޅުން ބޮޅުން ބޮޑު ކަމަކަށެވެ. ބާރާއި ނުފޫޒުގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފާ ކަމުގެ ތުހުމަތު ކުރެވޭ ކަމަކަށެވެ.
ރިޔާސީ އިންތިހާބުގެ ދައުރު ދިގު ކުރާނަމަ، 17 ނޮވެމްބަރު 2028 ފެށިގެން ދެ އިންތިހާބު އެކުގައި ބޭއްވެންދެން ހިނގާ މުއްދަތު ވާންވާނީ 'އިންޓެރިމް' މުއްދަތަކަށެވެ. ސަރުކާރުން ދުވަހުން ދުވަހަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ފިޔަވައި އެހެން ނިންމުންތައް ނުނިންމުމާއި، އާ މަޝްރޫއުތައް ނުފެށުމާއި، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމު ވާގޮތަށް ގާނޫނުތައް ތަސްދީގު ނުކުރުން ހިމެނެއެވެ.
ރިޔާސީ ދައުރު ދިގު ދަންމާލުގެ ނަތީޖާއަކަށް ވާނީ 01 މެއި 2025 އިން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް އިންތިހާބު ކުރެވިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މުއްދަތު ނުވަތަ ރައްޔިތުން ހަވާލުކުރި މެންޑޭޓް ފުރިހަމަ ކުރުމަށް މެންބަރުންނަށް 'ފުރިހަމަ' އަށް ލިބިގެން ދިޔުމެވެ. މިގޮތަށް އަމަލުކޮށް، ރިޔާސީ ދައުރު ދަންމާލައިފިނަމަ އަނެއްކޮޅުން ރައްޔިތުން ހަވާލުކުރި މެންޑޭޓަށްވުރެ އިތުރު މުއްދަތު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންދާނެއެވެ. އެހެންނަމަވެސް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްގައި ރައްޔިތުން މިކަމަށް ޖަވާބު ދީފިނަމަ، ރިޔާސީ ދައުރު ދަންމާލުމުގައި މައްސަލައެއްނެތެވެ.
20 ވަނަ މަޖިލީހުގެ ދައުރު ކުރުކުރުން
ސަރުކާރުން ގާނޫނު އަސާސީގެ 79 ވަނަ މާއްދާއަށް އިސްލާހު ހުށަހަޅާފައި ވަނީ 20 ވަނަ މަޖިލީހުގެ މުއްދަތު ކުރުވާ ގޮތަށެވެ. މި ގޮތުން ސަރުކާރުން ހުށަހެޅި އިސްލާހު ތަކުގެ ތެރޭގައި ހިމެނެނީ ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) މި އަކުރަށް ހުށަހަޅާފައިވާ އިސްލާހަކާއި ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ށ) މި އަކުރުގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ. މި އިސްލާހު ތަކާއެކު ގާނޫނު އަސާސީގެ 79 ވަނަ އޮންނާނީ މިގޮތަށެވެ.
(ހ) ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހެވެ. ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލުން އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ޑިސެމްބަރު މަހުގެ 1 ވަަނަ ދުވަހު އެވެ.
(ށ) ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ތިރީސް ދުވަސް ކުރީން އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމާއި، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކޮށް ނިންމަންވާނެ އެވެ.
(ނ) މި ގާނޫނަށް އަމަލު ކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވަން ޖެހޭ އިންތިހާބު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވާ އެ މަގާމުތަކަށް މީހުން އިންތިހާބު ކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން 1 ޑިސެމްބަރު 2028 ވަނަ ދުވަހުގެ ކުރިން ކޮށް ނިންމައި، އެ ތާރީހުގައި އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނެއެވެ.
ގާނޫނު އަސާސީގެ 79 ވަނަ މާއްދާއަށް މި ބަދަލު ގެނެވި އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން މި ގޮތަށް ރުހުން ލިބިއްޖެނަމަ ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުން އިންތިހާބުކުރި ފަސްއަހަރު ދުވަހުގެ މުއްދަތުން ހަމަސް 'އުނިވާނެ' އެވެ. ނަމަވެސް ރެފަރަންޑަމް ވޯޓެއްގައި ރައްޔިތުން އެ މުއްދަތުން ހަމަސް ދުވަސް އެ މެންބަރުންގެ ކިބައިން 'ލިބިގަތުމަށް' ނިންމައިފިނަމަ ގާނޫނީ މައްސަލައެއް އޮތްކަމުގައި ނުދެކެމެވެ.
އަހުރެން ދެކޭ ގޮތުގައި ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ރ) ގެ ގޮތުގައި އަކުރެއް (ނ) މި އަކުރުގެ ފަހަތުގައި މިހާރު ހުށަހެޅިފައިވާ އިސްލާހާއެކު ލިޔަން ޖެހެއެވެ. އެ އަކުރުގައި އޮންނަންވީ "1 ޑިސެމްބަރު 2028 ގައި މުއްދަތު ހަމަވެ އުވިގެންދާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް ކޯޓުގައި ދައުވާއެއްކޮށް، މާލީ ބަދަލެއް ހޯދުމަށް ދައުވާއެއް ނުކުރެވޭނެއެވެ."
މިގޮތަށް މި އަކުރު ލިޔަންޖެހޭ ސަބަބަކީ، 30 ނޮވެމްބަރު 2028 އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މުއްދަތު ހަމަވާ މެންބަރުން ކޯޓު މެދުވެރިކޮށް މާލީ ބަދަލެއް ހޯދުމަށް ކޮށްފާނެ މަސައްކަތް ދުރާލާ ހުއްޓުވުމެވެ. ކުރީންވެސް، ރައީސް މައުމޫނު އައްޔަނު ކުރެއްވި 8 މެންބަރުން ރައީސް ނަޝީދު ވަކިކުރެއްވުމުން ކޯޓުން އޮތީ އެ 8 މެންބަރުންނަށް ބޮޑު މާލީ ބަދަލެއް ނަގައި ދީފައެވެ. އެހެންކަމުން، 20 ވަނަ މަޖިލީހުގެ މުއްދަތަށް އަންނަ ބަދަލާއެކު މިހާރު ތިބި މެންބަރުންނަށް ކޯޓުގެ ދޮރުގައި ޓަކި ނުޖެހޭ ގޮތަށް ތަޅުއެޅުވި، މޮހޮރުޖަހާ މަލަރު ކުރެވިފައި އޮތުމަކީ ދައުލަތުން އުފުލަންޖެހިދާނެ މާލީ ބުރައަކުން ރައްކާތެރިވުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅެކެވެ.
އާ މަޖިލީހުގެ ދައުރު ކުޑަކުރުން
މައި ދެ އިންތިހާބު އެކުގައި ބޭއްވުމުގެ މަގުސަދަށްޓަކައި އަލަށް އިންތިހާބު ކުރެވޭ 21 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 1 ޑިސެމްބަރު 2028 ގެ ކުރިން ބޭއްވިދާނެއެވެ. އަދި އެ މަޖިލީހުގެ ދައުރު ފެށޭ ތާރީހަކީ 1 މެއި 2029 މި ތާރީހުކަމަށާއި އަދި މުއްދަތު ހަމަވާ ތާރީހަކީ 30 ނޮވެމްބަރު 2033 މި ތާރީހު ކަމަށް ކަމަށް 79 ވަނަ މާއްދާގައި ލިޔެވިދާނެއެވެ. އޭރުން ރިޔާސީ ދައުރުގެ މުއްދަތު ދަންމައި ނުލައި، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މުއްދަތު ކުރުކޮށް ނުލައި އީޖާބީ ހައްލެއް ހޯދިދާނެ ކަމުގައި ދެކެމެވެ.
ބުރަވެވޭ ސިނާރިއޯ
މި ތިން ސިނާރިއޯއަށް ބަލާއިރު އަހުރެނަށް ބުރަވޭވޭ ގޮތަކީ ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހަކީ މައި ދެ އިންތިހާބު އެކުގައި ބޭއްވުމަށް އެންމެ ރަނގަޅު ސިނާރިއޯ އެވެ. އެގޮތުން، ދައުލަތުގެ ވަސީލަތްތައް އިންސާފުވެރިކަމާއެކު ބޭނުންކުރެވި، ކުރަން މިއުޅޭ ކަމުގެ އޮޅުން ބޮޅުން ނައްތާލައި، އެއްވެސް ކަމެއް ފަހަށް ކުރަން ނުބާއްވައި ރަނގަޅު ވަގުތުގައި ހައްލު ކުރެވިގެން ދާނެއެވެ. އޭރުން އޭގެ ފޮނި މީރުކަން ރައްޔިތުން ލިބޭ ލިބުން އަވަސްވެ، ގައުމުގެ ބަދަހިކަމާއި ދުޅަހެޔޮކަމާއި ސުލްހަ މަސަލަސްކަމަށް އެނބުރި އަވަހަށް އާދެވޭނެ އެވެ.
ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރެފަރަންޑަމް ވޯޓުގެ ނަތީޖާއާއެކު ކުރުވުމަކީ މިހާރު މަޖިލީހުގައި ތިއްބެވި 'ސިޓިން އެމްޕީން' މާބޮޑު ކަންބޮޑުވުމެއް އޮންނާނެ ކަމެއް ކަމުގައިވެސް ނުދެކެވެއެވެ. ސަބަބަކީ އެއް މެންބަރަކު އަނެއް މެންބަރަކަށް އަބަދުވެސް ރިކޯލް ވޯޓަކަށް ދިޔުމަށް ފާޑުކިޔައި، އިނގިލި ދިއްކޮށް، ގޮވާލައެވެ. އެހެންކަމުން، 1 ޑިސެމްބަރު 2028 މި ތާރީހުގެ ކުރިން ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެގެންދާނީ ކޮންމެ މެންބަރަކުވެސް އެ މެންބަރަކު އިންތިހާބުވި ފަސް އަހަރުގެ މުއްދަތު ފުރިހަމަނުކޮށް ނަގާ ނުސީދާ ރިކޯލު ވޯޓަކަށެވެ. އެ ވޯޓުގައި މެންބަރުންނާ ރައްޔިތުން ހަވާލުކުރި މެންޑޭޓުގެ ޒިންމާ އަދާކުރާ ގޮތެއްގެ މައްޗަށް ރައްޔިތުން، މެންބަރުން ޖަވާބުދާރީ ކުރުވާނެ އެވެ.




