
ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުގެ ބިލު މަޖިލިހަށް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް އެވެ.
މަޖިލީހުގެ ދައުރުން ބޭރުގައި މިމަހުގެ 5 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އިބްތިދާއީ ބަހުސް ބާއްވައި، ބިލު ބަލައިގަންނަން ފާސްކޮށް، އެ ބިލުގެ މަސައްކަތް މިހާރު ކުރަމުންދަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިނިވަން މުއައްސަސާ ކޮމިޓީން ދިރާސާ ކުރަމުންދާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ... ވަނަ އިސްލާހު ގެނައުމުގެ ބިލް" އަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި އެ ބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ 14:00 ކުރިން މިނިވަން މުއައްސަސާ ކޮމިޓީއަށް އީމެއިލް އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައި ދިނުން އެދޭ ކަމަށް މަޖިލީހުގެ އިއުލާނުގައި ވެއެވެ.
މިހާރު ކޮމިޓީ މަރުހަލާގައި އޮތް އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވާނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައި ކަމަށެވެ.
މަޖިލިސް ޗުއްޓީ ދުވަސްވަރެއްގައި މި ބިލު މިހާ އަވަސް އަރުވާލައިގެން ސަރުކާރުން އުޅެނީ ހީލަތްތެރި ބޭނުމެއްގައި ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އަމަލުކުރަމުން އަންނަ އާންމު އުސޫލުގެތެރެއިން މިގޮތަށް ބިލަކަށް ހިޔާލު ހޯދިނަމަވެސް، ބިލު ދިރާސާ ކުރުމުގައި އާންމުންގެ ހިޔާލުތަކަށް ރިއާޔަތް ކޮށްފައި ހުންނަނީ ވަރަށް މަދު ފަހަރެއްގައެވެ.




