އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު - ފޮޓޯ: އެމްޑީޕީ
ދެ އިންތިހާބު އެއްކޮށްލުމަކީ ހީލަތްތެރި ނުބައި ރޭވުމެއް: ޝާހިދު
"ރިޔާސީ އިންތިހާބާއި މަޖްލިސް އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުން ހުށަހާޅާފައިވަނީ އިންތިހާބުތައް ގަޑުބަޑު ކުރުމުގެ ނިޔަތުގައި"
ޖުނާން އަޙުމަދު 5 ޖެނުއަރީ 2026 (ހޯމަ)   14:11
ދިވެހިރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކުގެ ތެރެއިން މައި ދެ އިންތިހާބު ކަމުގައިވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް މި ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފައިވާއިރު، އެ ދެ އިންތިހާބު އެއްކޮށްލުމަކީ ވޯޓުގެ ބާރު، ނިގުޅައިގަތުމަށް ހީލަތްތެރިކަމާއިއެކު ރާވާ ނުބައި ރޭވުމެއް ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު އެޖެންޑާކޮށް ބަހުސްކޮށްފައި ވާއިރު، އެ އިސްލާހުތަކުގެތެރޭގައި މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނީ އެކުގައި ކަމަށާ، އަދި، އާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭ ތާރީހު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުން ވެސް ހިމެނެއެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖްލިސް އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުން ހުށަހާޅާފައިވަނީ އިންތިހާބުތައް ގަޑުބަޑު ކުރުމުގެ ނިޔަތުގައި ކަމަށެވެ.

"ރިޔާސީ އިންތިހާބާއި މަޖްލިސް އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުން ހުށަހާޅާފައިވަނީ އިންތިހާބުތައް ގަޑުބަޑު ކުރުމުގެ ނިޔަތުގައި. މިއީ ރައްޔިތުންނަށް ގާނޫނު އަސާސީ ކަށަވަރުކޮށްދޭ އެންމެ ވަރުގަދަ އަސާސީ ބާރު "ވޯޓު"ގެ ބާރު، ނިގުޅައިގަތުމަށް ހީލަތްތެރިކަމާއިއެކު ރާވާ ނުބައި ރޭވުންތަކެއް!" – ޢަބްދުﷲ ޝާހިދު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެމްޑީޕީން ދެކޮޅު ކަމަށާއި އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހާމެދު ބަހުސް ކުރައްވަމުން ވަނީ ވިދާޅުވެފައެވެ.

ޣަފޫރު ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާހާ އެކު، ދެ އިންތިހާބު އެއްކޮށްލުމުގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަކީ އެމްޑީޕީން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންނަށް އެކަމާ މެދު ވިސްނާލުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭނެ ކަމަށެވެ.

އަދި އަވަސް އަރުވާލައިގެން ސަރުކާރުން އެކަން ކުރަން އުޅެނީ ހީލަތްތެރި ރޭވުމަކުން ކަމަށާ، މިއީ ހެޔޮ ނިޔަތެއްގައި ކުރާ ކަމެއް ނޫން ކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ. އަދި މިއީ ރާއްޖެ ހުދުމުހުތާރު ވެރިކަމަކަށް ގެންދިއުމަށް ކުރާ މަސައްކަތެއް ކަމަށް ވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ދައުރުން ބޭރުން މަޖިލީސް ޖަލްސާ ބާއްވައިގެން ރައީސް މުއިއްޒު ގާނޫނު އަސާސީ ބަދަލު ކުރަމުން ދަނީ ރައްޔިތުންގެ ސައްހަ ވޯޓަކުން އެމަނިކުފާނު ނުހޮވޭނެތީ 2028ގެ ރިޔާސީ އިންތިހާބު ވަގަށް ނެގުމަށް ކަމަށް ގިނަބަޔަކު ބުނަމުންދާ މި ދަނޑިވަޅުގައި، ރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވެސް މިކަމުގެ ނުރުހުން ވަނީ ފާޅުކުރައްވާފައެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރައީސާއި މަޖިލީހަކީ އެކަކު އަނެކަކު މައްޗަށް ފާރަވެރިވާ ދެ ބާރުކަން ކަމަށާ، ރައްޔިތުންގެ މަޖިލީހަކީ ބަޖެޓް ފާސްކޮށްދިނުމާއި ގާނޫނު ހެދުން އެ މަޖިލީހުގެ މެންޑޭޓުގައި ހިމެނުނު ނަމަވެސް، އެ މަޖިލީހުގެ އެންމެ ބޮޑު ކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ.

ބައެއް ސިޔާސީ ލީޑަރުން ދެ އިންތިހާބު އެއްކޮށްލުމަށް ތާއީދުކުރައްވާ އަތް ޖެއްސެވި ނަމަވެސް، އެ ބަދަލު ގެނައުމުގެ ހިކުމަތެއް އެ މަނިކުފާނަށް ނުވިސްނޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ރައީސް ހޮވުމަށް ފަހު، ތިން ހަތަރު މަސް ފަހުން މަޖިލިސް އިންތިހާބު ބާއްވާއިރު، ރައީސްގެ މަސައްކަތްތަަކަށް ބަލައި އެ ޕާޓީއަކަށް ވޯޓު ދޭން ރައްޔިތުންނަށް އެނގޭނެ. އެކަމަކު މި ދެ ކަންތައް އެއްކޮށްލާފަ، ދެ ކަންތައް އެއް ފަހަރާ ކުރީމަ ރައީސް ކަންތައް ކުރާ ގޮތެއް ބަލައި، ފާރަވެރިވާނެ މަޖިލީހެއް ނޫން މި ހޮވެނީކީ، އެހެންވީމަ އަޅުގަނޑަކަށް ނުވިސްނޭ މީގައި ހިކުމަތެއް،" – ރައީސް ޔާމީން

ދެ އިންތިހާބު އެއްކުރަނީ ހަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ބަދަލާއެކު ރައްޔިތުންގެ މާ ބޮޑު މަސްލަހަތެއް ގެއްލޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، ދެ އިންތިހާބު އެއްކުރުމުން ފެންނަން ހުރީ ހަމަ ބޮޑެތި ގޯސްތައް ކަމަށެވެ.

ދެ އިންތިހާބު އެއްކޮށްލައި، އެކީގައި ބޭއްވުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އިއްޔެ ވިދާޅުވެފައެވެ. ނަަމަވެސް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ، މިކަމާ ދެކޮޅުކަމަށް ދޭހަވާ މޭރުމަކުން އިއްޔެ މީސްމީޑިއާގައި ވިދާޅުވެފައެވެ.

ކޮމެންޓް