ނޭޝަނަލް ޑްރަގް އޭޖެންސީ.- ފޮޓޯ: ފިޔެސް
ޑްރަގް ބޭނުންކުރާ ދިހަހާހެއްހާ މީހުން ރާއްޖޭގައި އެބަތިބި: އެންޑީއޭ
މަރްޔަމް މުޙައްމަދު 11 ޖެނުއަރީ 2026 (އާދީއްތަ)   08:07
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 10،000 އެއްހާ މީހުން އެބަތިބި ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ޗެއާޕާސަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ގައި ވާހަކަ ދައްކަވަމުން ސިއްދީގު ވިދާޅުވީ ރާއްޖޭގައި ޑްރަގު ބޭނުންކުރާ މީހުންގެ އަދަދަކީ ވަރަށް ބޮޑު އަދަދެއް ކަމަށާއި އެގޮތުން ތަފާތު އެކި ރިޕޯޓުތަކުންނާއި ހިސާބުތަކުން އެނގޭ ގޮތުގައި ގާތްގަނޑަކަށް 10،000 އެއްހާ މީހުން ތިބިކަމަށް ގަބޫލުކުރެވޭ ކަމަށާއި މީގެތެރޭގައި ޒުވާނުންގެ އިތުރުން މުސްކުޅިންނާއި ކުޑަކުދިންވެސް ހިމެނޭކަމަށެވެ.

މިއީ ފަސްލައްކަ މީހުން ހަމަނުވާ އާބާދީއެއްގައި ވަރަށް ބޮޑު އަދަދެއްކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކުގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުން ތިބިކަމަށެވެ.

"ރާއްޖޭގެ މީހުން ދިރިއުޅޭ 189 ވަރަކަށް ރަށް އޮތްއިރު، ގާތްގަނޑަކަށް ހުރިހާ ރަށެއްގައިވެސް މަސްތުވާތަކެތީގެ ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތް ބަޔަކު ތިބެދާނެ،" ސިއްދީގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ 95 އިންސައްތަ ކަނޑުގެ ސަރަހައްދު ހިމެނޭ ގައުމަކަށް ވުމުން، މިފަދަ ތަކެތި އެތެރެކޮށް އެކި ހިސާބުތަކަށް އުފުލުމަކީ އެކަންކަން ކުރާ ފަރާތްތަކަށް އެހެން ގައުމުތަކަށްވުރެ ފަސޭހަ ކަމަކަށް ވެފައި އޮވެދާނެ ކަމަށެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ވަރަށް ބޮޑު އިސްކަމެއް ދީގެން، ބޮޑެތި ހޭދަތަކެއް ކޮށްގެން މިކަން ހުއްޓުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ސިއްދީގު ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ ހުރިހާ އެންމެން އެއްފަހަރާ މާލެ ގެނެސްގެން ފަރުވާ ދިނުމަކީ ދައުލަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި އެންޑީއޭގެ ފެސިލިޓީތައް ބޭނުންކޮށްގެން އެންމެންނަށް ފަރުވާ ދިނުމުގައި ދަތިތަކެއް ހުރިކަން ސިއްދީގު ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ އިތުރުން، އެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމައުއަށް ނެރުމަށް ރަށްރަށުގައިވެސް ރީހެބް ސެންޓަރުތައް ގާއިމުކޮށްގެން ފަރުވާ ދެމުންދާ ކަމަށާ، އިތުރު ރަށްރަށުގައި ރީހެބް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަންވެސް ސިއްދީގު ފާހަގަ ކުރެއްވިއެވެ.

މިވަގުތު ރާއްޖޭގެ 9 ސަރަޙައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު އަންނަނީ ހިންގަމުންނެވެ. މިދިޔަ އަހަރު ވަނީ ނ.ވެލިދޫ އަދި ލ.އަތޮޅުގައި ވެސް ރީހެބް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ.

ކޮމެންޓް