
އެންމެ ކުޑަ ރައްޔިތުންގެ މަޖިލީހެއް އޮންނަނީ މައިކްރޯނީޝިއާގެ ފެޑެރޭޓެޑް ސްޓޭޓްސް މި ގައުމުގައެވެ. އެއީ 14 މެންބަރުންނެވެ. މި ގައުމުގެ އާބާދީއަކީ 113،428 މީހުންނެވެ. ތުވާލޫ (އާބާދީ ގާތްގަޑަކަށް 10،000) ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 16 އެވެ. ނައުރޫ (އާބާދީ ގާތްގަޑަކަށް 13،000) ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 19 އެވެ. ސެއިންޓު ވިންސެންޓު އެންޑް ގުރެނޭޑައިންސް (އާބާދީ ގާތްގަޑަކަށް 103،000) ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 21 އެވެ. މޮނާކޯ (އާބާދީ ގާތްގަޑަކަށް 39،000) ގެ ޕާލަމެންޓު މެންބަރުންގެ އަދަދަކީ 24 އެވެ. ލިޗުޓެއިންސްޓައިން (އާބާދީ ގާތްގަޑަކަށް 40،600) މަޖިލީހުގައި 25 މެންބަރުން ތިއްބަވައެވެ. ޓޮންގާ (އާބާދީ ގާތްގަޑަކަށް 104،000) ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 26 އެވެ. އަންޑޯރާ (އާބާދީ ގާތްގަޑަކަށް 82،000) ގެ ޕާލަމެންޓުގައި 28 މެންބަރުން ތިއްބަވައެވެ. ޑޮމިނިކާ (އާބާދީ ގާތްގަޑަކަށް 74،000) ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 32 އެވެ. މާޝަލް އައިލެންޑްސް (އާބާދީ ގާތްގަޑަކަށް 43،000) އާއި ސީޝެލްސް (އާބާދީ ގާތްގަޑަކަށް 134،000) ގެ ޕާލަމެންޓުގައި ތިއްބަވަނީ 33 މެންބަރުންނެވެ.
ކޮންޓެކްސްޓަށް ބަލާއިރު ދުނިޔޭގެ ގިނަ ގައުމުތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 245 މެންބަރުންނެވެ. މިއާހިލާފަށް ދުނިޔޭގެ އެންމެ ބޮޑު ރައްޔިތުންގެ މަޖިލިސް ކަމަށްވާ ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގުރެސްގައި 3000 މެންބަރުން ތިބެއެވެ. އަދި ޗައިނާގެ އާބާދީ ގާތްގަޑަކަށް 1.4 ބިލިޔަން މީހުނަށް އަރައެވެ.
ދިވެހިރާޖޭގައި ރައްޔިތުންގެ މަޖިލީހުގެ އަދަދު ކަނޑައެޅިފައި އޮންނަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ ދަށުންނެވެ. މި މާއްދާގެ (ހ) މި އަކުރުގެ 1 ވަނަ ނަންބަރުގެ ދަށުން ފަސްހާހަށްވުރެ ދަށު އިދާރީއަކަށް ދެ މެންބަރުން އަދި 2 ވަނަ ނަންބަރުގެ ދަށުން ފަސްހާހަކަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް އިތުރުވަމުން ގޮސް މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން އެބަ ތިއްބެވެ. އެހެންކަމުން މި އުސޫލުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިތުރުވަމުން ދާނަމަ، މިކަމުގެ މާލީ ބުރަ އުފުލުމަކީ ދައުލަތަށް ކުޅަދާނަ ވެގެންވާނެ ކަމެއްނޫނެވެ. ވުމާއެކު ސިޔާސީ ފަރާތްތަކުންނާއި އާންމު ފަރުދުންވެސް ގެންދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބަހުސްކޮށް ޒުވާބު ދެމުންނެވެ.
ގޮނޑިތަކުގެ އަދަދު ކަނޑައެޅުމުގެ މުހިންމު ކަންތައްތައް
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ އަދަދު ނުވަތަ މެންބަރުންގެ އަދަދު ކަނޑައެޅުމަކީ ސިޔާސީ ގޮތުން ނާޒުކު ނިންމުމެކެވެ. އަދި އެއީ ތާރީހީ، އިޖުތިމާއީ، އަދި އަމަލީ ގޮތުން ތަފާތު ކަންކަމަށް އޭގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން ކުރާނެ ނިންމުމަކަށް ވާނެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަނޑައެޅިފައި ހުންނަނީ އަންނަނިވި ގޮތްތަކަށް ރިއާޔަތްކޮށްގެނެވެ.
އާބާދީގެ ސައިޒު
މިއީ މަޖިލީހުގެ ގޮނޑީގެ އަދަދު ކަނޑައެޅުމުގައި ގިނަ ގައުމުތަކުން ގެންގުޅޭ އެންމެ އާންމު އެއްފައެވެ. ބޭނުމަކަށްވެފައި އޮންނަނީ ނުވަތަ އަމާޒަކަށްވެފައި އޮންނަނީ ދާއިރާގެ ރައްޔިތުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ދެމެދު ފައިދާހުރި ގުޅުމެއް އުފެއްދުމަށްޓަކައި ރައްޔިތުންގެ މަންދޫބުންގެ އަދަދު ނުވަތަ އާބާދީ ވަކި ނިސްބަތެއްގައި ހިފެހެއްޓުމެވެ. މިސާލަކަށް ތޫނިސްގައި ކޮންމެ 60،000 މީހަކަށް އެއް މެންބަރަކު ހުރެއެވެ. މިއީ ރާއްޖޭގެ ގާނޫނު އަސާސީ އުފެއްދި މުސައްނިފުންވެސް ގެންގުޅެފައިވާ ވިސްނުމެވެ. އިދާރީ ދާއިރާއަކަށް މަދުވެގެން ދެ މެންބަރުން ތިބެފައި އެ އިދާރީ ދާއިރާއެއްގެ އަދަދު ފަސްހާހަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް ގޮނޑިއެއް ނުވަތަ މެންބަރެއް އިތުރުވުމެވެ.
ތާރީޚީ ފަސްމަންޒަރު
ރައްޔިތުންގެ މަޖިލީހެއްގެ ތާރީހީ ތަރައްގީ ބިނާވެ، ގިނަ ފަހަރަށް ޑިކްޓޭޓު ކުރަނީ އެ މަޖިލީހެއްގެ މިހާރުގެ އޮނިގަނޑާއި ސައިޒެވެ. މިގޮތުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަނޑައަޅާނަމަ، 93 މެންބަރުންނަށްވުރެ އިތުރު ނުވާގޮތަށް އަދަދު ގައިދު ނުވަތަ ލިމިޓު ކުރެވިދާނެއެވެ. އަދި އިދާރީ ކޮންމެ ދާއިރާ އަކަށް މަދުވެގެން ދެ މެންބަރުން ތިބޭ ގޮތަށް އޮތް އޮތުމަކީ ތާރީހީ ސަގާފަތެއް އެކަމުގެ މައްޗަށް އޮތް ކަމެކެވެ.
ޖިއޮގްރަފިކަލް ސައިޒާއި އިދާރީ ދާއިރާތައް
އެ ގައުމެއްގެ ޖިއޮގްރަފީ ސައިޒާއި، އެ ގައުމެއްގެ އިދާރީ ދާއިރާތައް ކަނޑައެޅިފައި އޮންނަ ގޮތުގެ ސަބަބުން ބައެއް ފަހަރު މެންބަރުންގެ އަދަދު މަހުދޫދު ކުރުމުގައި އުނދަގޫ ތަކެއް ހުރެއެވެ. އަދި ބައެއް ފަހަރު ބޮޑެތި އާބާދީތަކަށް ނިސްބަތްވާ އިދާރީ ދާއިތަކަށް ހަމަހަމަ ފުރުސަތު ލިބުމުގައި ކުދި އާބާދީތަކަށް ނިސްބަތްވާ އިދާރީ ދާއިރާތަކުގެ ސަބަބުން ހިޔަނި އެޅެއެވެ.
އިންތިހާބީ ނިޒާމުގެ ބާވަތް
ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް ގެންގުޅޭ އިންތިހާބީ ނިޒާމުގައި އިދާރީ ދާއިރާތަކުން ގޮނޑި ބަހާ ގޮތެއްގެ ސަބަބުން މެންބަރުންގެ އަދަދަށް ވަރަށް ބޮޑު އަސަރެއް ކުރެއެވެ. މިސާލަކަށް، ފެލިދެ އަތޮޅު ފަދަ އިދާރީ ދާއިރާގައި ރަޖިސްޓްރީ ވެފައިވާ ބާރަސަތޭކައެއްހާ މީހުންނަށް ގޮޑިއެއް ޖެހޭއިރު، އައްޑޫ ފަދަ ބޮޑެތި އާބާދީތައް ދިރިއުޅޭ އިދާރީ ދާއިރާތަކަށް މިއީ ބޭއިންސާފަކަށް ވެއެވެ.
ބެލެންސިން ރެޕްރެޒެންޓޭޝަން އެންޑް އެފިޝަންސީ
ބެލެންސިން ރެޕްރެޒެންޓޭޝަން އެންޑް އެފިޝަންސީގެ އެންމެ މުހިންމު ޖައުހަރަކީ މަޖިލީހުގައި ކުރެވޭ މަސައްކަތާއި ފާސްކުރެވޭ ގާނޫނުތަކަކީ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރެވި އަދި މުޅި މުޖުތަމައުގެ އާންމު މަސްލަހަތު ހިމާޔަތްކުރެވި، ނެގެހެއްޓޭފަދަ މަސައްކަތެއް ކުރާ ތަނަކަށް ރައްޔިތުންގެ މަޖިލީސް ހެދުމެވެ.
ދުސްތޫރީ ޝަރުތުތަކާއި ގާނޫނީ ރައްކާތެރިކަން
ގިނަ ގައުމުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގާނޫނު އަސާސީގައި ސާފުކޮށް ކަނޑައަޅާފައި ހުރެއެވެ. އަދި؛ ނުވަތަ ބައެއް ގައުމު ތަކުގައި ގޮނޑީގެ އަދަދު ހިސާބުކުރުމަށް ފޯމިއުލާއެއް ކަނޑައަޅާފައި ވެއެވެ. މިގޮތަށް ގާނޫނު އަސާސީގައި ފޯމިއުލާއެއް ކަނޑައެޅިފައިވާ އެއްގައުމަކީ ދިވެހިރާއްޖެ އެވެ. ކެންޔާ ފަދަ ގައުމުތަކުގައި މަޖިލީހުގެ އިންތިހާބެއް ބާއްވާތާ ބާރަ މަސް ފަހުން ނޫނީ މަޖިލީހުގެ ގޮޑީގެ އަދަދު ހިސާބުކުރުމަށް ބައުންޑަރީ ރިވިއު ނުހެދޭގޮތަށް ގާނޫނު އަސާސީގައި ލާޒިމުކޮށްފައި ވެއެވެ. ބޭނުމަކީ ސަރުކާރުން މެނިޕިއުލޭޓުކުރުން ހުއްޓުވުމެވެ.
ބައުންޑަރީ ރިވިއު އަކީ އާބާދީއަށް އަންނަ ބަދަލުތަކާ އެއްގޮތަށް އިންތިހާބީ ދާއިރާތަކުގެ ލައިންތައް އަލުން ކުރެހުމަށް ހިންގާ މިނިވަން ޕްރޮސެސް އެކެވެ. މި ރިވިއު ނުވަތަ މުރާޖައާގެ އަލީގައި މަޖިލީހުގެ ގޮނޑިތައް އެޖެސްޓްކޮށް، އާންމު މަޝްވަރާއާއި ޑޭޓާ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރާތައް ބެލެންސް އަދި އެފެކްޓިވް ވާނެ ގޮތުގެ މައްޗަށް އިންތިހާބީ ޗާޓުތައް ކުރެހުމަށް ބޭނުންކުރާ އިސްތިލާހެކެވެ.
ގާނޫނު އަސާސީގައި އަދަދު ކަނޑައެޅުން
ދުނިޔޭގެ ތަފާތު ގައުމުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި ހުދޫދެއްގައި ހިފެހެއްޓުމަށްޓަކައި ތަފާތު އުސޫލުތައް ބޭނުންކުރެއެވެ. މީގެ ތެރެއިން ގިނަ ގައުމުތަކުން ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ އަދަދު ނުވަތަ މެންބަރުންގެ އަދަދު ކަނޑައަޅާފައި ވެއެވެ.
ފެޑަރަލް ބަރުލަމާނީ ނިޒާމެއް އޮންނަ އޮސްޓުރޭލިއާގެ ގާނޫނު އަސާސީގައި ތިރިގޭގެ މެންބަރުންގެ އަދަދު ސެނެޓަރުންގެ އަދަދުގެ ދެގުނައަށް ވުރެ އިތުރު ވެގެން ނުވާނެކަމަށް ކަނޑައަޅާފައިވެއެވެ. އޮސްޓްރޭލިއާގެ ސެނެޓަރުންގެ އަދަދަކީ 76 އެވެ. ހަ ސްޓޭޓުގެ ކޮންމެ ސްޓޭޓެއް ތަމްސީލުކުރާ 12 ސެނެޓަރުންނާއި 72 ސެނެޓަރުންނާއި، ދެ ޓެރިޓަރީ ތަމްސީލުކުރާ 4 ސެނެޓަރުންނާއެކު ޖުމްލަ ވާ 76 ސެނެޓަރުން އެވެ. އެހެންކަމުން އޮސްޓްރޭލިއާ ފަދަ 27.6 މިލިޔަން މީހުން ދިރުޅޭ ގައުމެއްގެ ރައްޔިތުންގެ މަޖިލީހުގެ ތިރިގޭގެ އަދަދު 152 މެންބަރުންނަށްވުރެ އިތުރެއް ނުކުރެވޭނެއެވެ. އޮސްޓްރޭލިއާގެ ތިރިގޭގެ މިހާރުގެ މެންބަރުންގެ އަދަދަކީ 150 އެވެ. މާނައަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ މަޖިލީހުގައި 184،000 ރައްޔިތުން ތަމްސީލު ކުރެއެވެ.
ފެޑަރަލް ރިޔާސީ ނިޒާމެއް އޮންނަ އެމެރިކާގެ ގާނޫނު އަސާސީގައި ކޮންގްރެސްގައި އެންމެ ކުޑަ ސައިޒު ތަމްސީލުކުރާ މީހުންގެ އަދަދުގެ ނިސްބަތުން ކަނޑައަޅާފައި ވެއެވެ. މިގޮތުން، ފެޑަރަލް ގާނޫނުތަކުގައި ކަނޑައަޅާފައިވާ އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ ތިރިގެ ކަމަށްވާ ކޮންގްރެސްގެ މެންބަރުންގެ އަދަދަކީ 435 މެންބަރުންނެވެ. މިއާ ހިލާފަށް އެމެރިކާގައި ސެނެޓަރުންގެ އަދަދު ކަނޑައަޅާފައިވަނީ ފެޑަރަލް ގާނޫނު އަސާސީގައެވެ.
ކޮންގްރެސްގެ 435 ގޮޑި ބަހާލަނީ އެމެރިކާގެ ބޯހިމެނުމުގެ ބިއުރޯއިން ނެވެ. އެގޮތުން އިންތިހާބީ ދާއިރާތައް ކަނޑައަޅަނީ މެތަޑް އޮފް އީކުއަލް ޕްރޮޕޯޝަންސްގެ އުސޫލުން އިންސާފުވެރިކަމާއެކު ހިސާބުކޮށް، ދެ ސްޓޭޓެއްގެ އެވްރެޖު ޑިސްޓްރިކްޓް ތަކުގެ އާބާދީގެ ތަފާތުތައް އެންމެ ކުޑަކުރެވޭނެ ޕަސެންޓެއްގެ މައްޗަށެވެ. މި ގޮތުން، ކޮންގްރެސްގެ ފުރަތަމަ ފަންސާސް ގޮޑި، ކޮންމެ ސްޓޭޓަކަށް އެއް ގޮޑީގެ ރޭޓުން ދެއެވެ. އެއަށްފަހު، ނޮން-ވޯޓިން ސަރަހައްދުތަކާއި، ޑިސްޓްރިކްޓް އޮފް ކޮލަމްބިއާއަށް 6 ގޮޑި ރިޒާވުކުރުމަށްފަހު ބާކީ 379 ގޮޑި ބަހާލަނީ އާބާދީގެ ނިސްބަތުން ފަންސާސް ސްޓޭޓުގެ ޑިސްޓްރިކްޓް ތަކަށާއި ކައުންޓީ ތަކަށެވެ. މިގޮތުން ގޮނޑިތައް ބަހާލަނީ އެންމެފަހުގެ ބޯހިމެނުމުގެ ނަތީޖާއަށް ބަލައިގެނެވެ.
ޔުނިޓަރީ ދައުލަތެއް އޮންނަ ފުރާންސްގެ ރައްޔިތުންގެ މަޖިލީސް ކަމަށްވާ ޕާލަމެންޓު ނުވަތަ ނެޝަނަލް އެސަންބުލީގެ ގޮނޑީގެ އަދަދު ކަނޑައަޅާފައިވަނީ އެ ގައުމުގެ ގާނޫނު އަސާސީގައެވެ. އެއީ، ގިނަވެގެން 577 ގޮނޑިއެވެ. މި އަދަދަކީ ޑައިނަމިކް ފޯމިއުލާއެއް ބޭނުންކޮށްގެން ހިސާބުކޮށްފައިވާ އަދަދެއް ނޫނެވެ. އަދި ގޮނޑިތައް ބަހާލުމުގައި އާބާދީ 'ރިއަލް ޓައިމް' ގައި ހިސާބުކުރުމަށްވުރެ ވަކިވަކި ސަރަހައްދުތައް (ބައުންޑްރީތައް) އެޖެސްޓުކޮށްގެން ގޮނޑިތައް ތަރުތީބު ކުރެއެވެ. ފުރާންސްގައި ނާއިބުން ނުވަތަ ޑެޕިއުޓީންގެ ނަމުން މަޝްހޫރުވެފައިވާ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހޮވަނީ ވޯޓުގެ ދެ ބުރެއް ބާއްވައިގެން ދެ ބުރުގެ ނަތީޖާއަށް ބަލައިގެނެވެ.
ހައިބްރިޑު ނުވަތަ މަސްހުނި ރިޔާސީ ނިޒާމެއް އޮންނަ ޔުނިޓަރީ ދައުލަތެއް ކަމަށްވާ ފުރާންސްގެ ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާ 577 ގޮޑީގެ ތެރެއިން 539 ގޮޑި ހާއްސަކޮށްފައި ވަނީ ބޮޑެތި ސިޓީ ނުވަތަ މެޓްރޯޕޮލިޝަން އަށެވެ. އަދި ފުރާންސްގެ ރައްޔިތުންގެ މަޖިލީހުގެ 27 ގޮޑި އޯވަސީސް ޑިޕާޓްމަންޓުތަކަށާއި ޓެރަޓީ ތަކަށް ހާއްސަކޮށްފައި ވެއެވެ. މީގެ އިތުރުން ފުރާންސުން ބޭރުގައި ދިރިއުޅޭ ފުރާންސްގެ ރައްޔިތުން ތަމްސީލުކުރުމަށް އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ 11 ގޮނޑި ހާއްސަކޮށްފައި ވެއެވެ.
ބަރުލަމާނީ ނިޒާމަށް ދައުލަތް ހިންގާ ޔުނިޓަރީ ދައުލަތެއް ކަމަށްވާ ޖަޕާނުގެ ރައްޔިތުންގެ މަޖިލީސް ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ގޮނޑިތަކުގެ ޖުމްލަ އަދަދަކީ 465 މެންބަރުން ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ. މީގެ ތެރެއިން 289 ދާއިރާއަކުން އެއް ގޮނޑި ތަމްސީލު ކުރެއެވެ. އަދި 11 ދާއިރާއަކުން ނުވަތަ ރީޖަނަލް ބުލޮކަކުން ނުވަތަ ސަރަހައްދީ ދާއިރާއަކުން 176 މެންބަރުން އިންތިހާބު ކުރެއެވެ.
ދުނިޔޭގެ ގައުމުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގައިދު ކުރުމުގެ ނުވަތަ ލިމިޓުކުރުމުގެ މަގުސަދަކީ ހައްދެއް އިމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާވުން ހުއްޓުވުމެވެ. މިކަން ގައުމުތަކުން ކޮށްފައިވަނީ އެ ގައުމުތަކުގެ ތާރީހީ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް، ވާގިއީ ގޮތެއްގައެވެ. މިގޮތުން، މި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް މަހުދޫދު ކުރެވިފައިވާ އިމެއްނެތި އިތުރުވާ އިތުރުވުން ހުއްޓުމަށްޓަކައި ދައުލަތުން ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއަދު ދޭތެރެ ދުރުކުރުމަށްވުރެ ރައްޔިތުންގެ ގިނަ މީހުންގެ ވިސްނުންހުރީ ދޭތެރެ ކައިރި ކުރުމުގެ މައްޗަށެވެ. އެހެންކަމުން އިދާރީ ދާއިރާތަކުގެ ރެޖިސްޓުރީ އާބާދީ ދަނީ ހަލުވި މިނެއްގައި އިތުރުވަމުންނެވެ.
މި ފާހަގަ ކުރެވުނު ނަމޫނާ ސާމްޕަލް ގައުމުތައް ކަމުގައިވާ އޮސްޓްރޭލިއާ އާއި، އެމެރިކާ އާއި، ފުރާންސާއި، ޖަޕާނު ފަދަ ގައުމުތަކުން ހޯދާފައިވާ ހައްލުތަކާއި ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަލީގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 71 ވަނަ މާއްދާ އިސްލާހުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު 93 މެންބަރުންނަށްވުރެ އިތުރުނުވާ ގޮތަށް، އެފެކުޓިވު ރެޕްރެޒެންޓޭޝަން އާއި ސަރުކާރު ހިންގުން ބެލެންސް ކުރާނޭ މެކޭނިޒަމެއް އޮތުމަކީ ވަރަށް މުހިންމުކަމެކެވެ.
މިގޮތުން، އިދާރީ ދާއިރާތަކަށް މަޖިލީހުގެ 60 ގޮނޑި އަދި ސިޓީތަކަށް 33 ގޮޑި ކަނޑައެޅިދާނެއެވެ. އޭރުން އާބާދީއަށް އަންނަ ބަދަލަށް ބަލައި އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އިންތިހާބަކާ ދިމާކޮށް އިދާރީ ދާއިރާތަކަށް ކަނޑައެޅިފައިވާ 60 ގޮނޑި ބަހާނެ ގޮތް ކަނޑައެޅި ދާނެއެވެ. އަދި މި އުސޫލުން އަމަލުކޮށް ސިޓީތަކަށް ކަނޑައެޅިފައިވާ 33 ގޮޑި ބަހާލެވިދާނެއެވެ. މިހާރު އުފެދިފައިވާ ކުޅުދުއްފުށީ ސިޓީ އާއި، މާލެ ސިޓީ އާއި، ތިނަދޫ ސިޓީ އާއި، ފުވައްމުލަކު ސިޓީ އާއި، އައްޑޫ ސިޓީގެ އިތުރަށް ސިޓީއެއް އުފެދުނު ކަމުގައިވިޔަސް ސިޓީތަކުގެ މެދުގައި މި 33 ގޮނޑި ބެހިދާނެއެވެ. އަދި ގޮޑިތައް 93 ގޮޑިއަށްވުރެ އިތުރު ނުވާގޮތަށް ބަހާނެ ގޮތުގެ އީޖާބީ ފޯމިއުލާއެއް ގާނޫނު އަސާސީ ގައި ނުވަތަ ގާނޫނުގައި ކަނޑައަޅައި ބަޔާން ކުރެވިދާނެއެވެ.
މިސާލަކަށް ރާއްޖެ ފަދަ ކުޑަ ގައުމެއްކަމަށްވާ ސީޝެލްސްގެ ރައްޔިތުންގެ މަޖިލީސް ނުވަތަ ނޭޝަނަލް އެސެމްބުލީގެ އަދަދު ހިފެހެއްޓިފައިވަނީ ނުވަތަ ގައިދު ކުރެވިފައިވަނީ 35 ގޮޑީގެ މައްޗަށެވެ. އޭގެތެރެއިން އިންތިހާބީ ދާއިރާތަކަށް ކަނޑައެޅިފައި ހުންނަނީ 26 ގޮނޑި އެވެ. އަދި އަނެއް 9 ގޮނޑި ކަނޑައެޅިފައި ހުންނަނީ ސިޔާސީ ޕާޓީތަކުން އިންތިހާބުގައި ހޯދާ ސާދާ ކާމިޔާބަށް ބަރޯސާވެ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާގޮތަށެވެ. ސީޝެލްސްގެ މި މޮޑެލް ނުވަތަ ނަމޫނާ އަކީވެސް ގާނޫނު އަސާސީގައި ލިޔެވިގެން ނުވަތަ ގާނޫނު އިސްލާހުކުރެވި ބޭނުންކުރެވިދާނެ މޮޑެލް އެކެވެ. މި ނަމޫނާއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ސިޔާސީ ޕާޓީތަކުގެ ދައުރު އިތުރަށް ހަރުދަނާ ކުރެވިދާނެ ނަމޫނާއަކަށްވެސް ވެދާނެ އެވެ. ބޭނުންވަނީ އިހުލާސްތެރި ނިޔަތެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އަޒުމެވެ.




