އޭއައި އިން އުފައްދާފައިވާ ތަސްވީރެއް
އެއް ކުށަކަށް ދެފަހަރު އަދަބު ނުދިނުން
ދޭސީ މުހައްމަދު 11 ޖެނުއަރީ 2026 (އާދީއްތަ)   10:04
މިފަހަކަށް އައިސް ވަރަށް ދިގު މުއްދަތުގެ އަދަބުތައް ކަނޑައެޅި، ޖަލުގައި ހުކުމް ތަންފީޒުކުރާ މަންޒަރު ފެނުމުން އެތައް އަމަލަކުން ފުރިހަމަކުރާ އެއްކުށަކާއި ގުޅިގެން އޭގެ ތެރޭގައި ހިމެނޭ އެންމެ 'ބޮޑު' އެކަނި އަދަބު ކަނޑައެޅޭ އެޅުން ނިމުމަކަށް އައިސްފިކަމުގެ އިހުސާސް ރައްޔިތުން ކުރަންފަށައިފިއެވެ. ދުރާލާ ރާވައިގެން ހިންގާ ޖަރީމާތަކަށް އިންސާފުވެރި 'ޖަޒާ' އަރާ ހަމަކުރާނެކަން ގަބޫލުކުރަން ފަށައިފިއެވެ. އަދި ދިގުމުއްދަތުގެ ހުކުމްތައް ކުރެވެން ފެށުމުން މިއީ ދޭދޭ މީހުންކުރާ ބަހުސަކަށް ވެއްޖެއެވެ.

ޑަބަލް ޖިއޮޕާޑީ އަކީ މީހަކު ކުރި އަމަލަކުން ކުށަކަށް އަރައިގެންފި ކަމަށްބުނެ ކުރާ ދައުވާ އަކުން އޭނާ ބަރީއަވުމުން ނުވަތަ ކުށް ސާބިތުނުވުމުން އޭނާ ކުރި އަމަލާއި ވިއްދާ އެހެން ދައުވާއެއް ކުރުން މަނާކުރުމަށް ބޭނުންކުރާ ގާނޫނީ އިސްތިލާހެވެ. އަދި މީހަކު ކުރާ އެއް ކުށެއްގެ ދައުވާ އެއް ފަހަރަށްވުރެ ގިނަ ފަހަރު ނުއުފުލުމާއި، ކުރި އަމަލާ ގުޅިގެން އެއްފަހަރަށްވުރެ ގިނަ ފަހަރު އަދަބު ނުދިނުމާއި، ސަރުކާރުތަކުން ނުވަތަ ގާނޫނު ހިންގާ ބަލަހައްޓާ އަދި ތަންފީޒުކުރާ އިދާރާތަކުގެ އުނދަގުލުން ރައްޔިތުންނާއި، ފަރުދުން ރައްކާތެރިކޮށް، ހުކުމްތަކުގެ ފައިނަލިޓީ ކަށަވަރުކޮށްދޭ ގާނޫނީ އުސޫލެކެވެ. 

އެމެރިކާގެ ގާނޫނު އަސާސީގެ ފަސްވަނަ އިސްލާހުގައި ބިންވަޅު ނެގިފައިވާ މި އިސްލާހުގައި އާ ހެކިތަކެއް ފެނިގެން ދިޔަ ނަމަވެސް އެއް ކުށެއްގެ މައްޗަށް އަލުން ޝަރީއަތް ހިންގުން މަނާކޮށް، އެއް އަމަލަކަށް އެތައް އަދަބެއް ދިނުން ހުއްޓުވައެވެ. މިއީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 60 މާއްދާގެ (ހ) މި އަކުރުގެ ސަރީހަ ނައްސުގައި ނަގަހައްޓާފައިވާ އުސޫލެކެވެ. އަދި އެއް އަމަލަކުން ފުރިހަމަކުރާ އެއްކުށަށްވުރެ ގިނަ ކުށާއި ގުޅިގެން ކޮންމެ ކުށަކަށް ނުވަތަ ކޮންމެ އަމަލަކަށް ވަކި ވަކިން ޖިނާއީ ޒިންމާ ނުވަތަ މަސްއޫލިއްޔަތު އުފުލަން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ވަނީ ގަބޫލުކޮށްފައެވެ. މި ގަބޫލު ކުރުމާއެކު އެއް އަމަލަކުން ފުރިހަމަކުރާ ކޮންމެ ކުށަކަށް ދައުވާ އުފުލޭ މަންޒަރު ދަނީ ފެންނަމުންނެވެ.

ޑަބަލް ޖިއޮޕާޑީގެ މުހިންމު ކަންކަމުގެ ތެރޭގައި އެއް އަމަލާ ގުޅިގެން އެކެއްގެ މައްޗަށް އެތައް ދައުވާކުރާ ކުރުމުން މުއްތަހަމު ހިމާޔަތްކުރުމާއި، އެއް ކުށެއްގެ ދައުވާ މީހުންގެ މައްޗަށް ތަކުރާރުކޮށް ދައުލަތުން އުފުލުން ހުއްޓުވުމާއި، އެއް ކުށެއްގެ އަދަބު އެއްފަހަރަށް ވުރެ ގިނަފަހަރު މީހަކަށް ނުދެވޭނެކަން ކަށަވަރުކޮށްދިނުމާއި، ކުށަކުން މީހަކު ބަރީއަވުމަށްފަހުގައި އޭނާގެ މައްޗަށް، އާ ހެއްކާއި ގަރީނާ ނެތި އެ އަމަލުގެ މައްޗަށް އަލުން ދައުވާކުރުން މަނާކުރުމާއި، ކުށް ސާބިތުވެ އަދަބު ލިބުމަށްފަހު، އަނެއްކާވެސް ހަމަ އެ ކުށުގެ ޝަރީއަތް ހިންގުން ހުއްޓުވުމާއި، އިންސާފާއި ފައިނަލިޓީ ކަށަވަރުކޮށް ދިނުމާއި، ދައުވާ ލިބޭ މީހާއަށް ނަފުސާނީ ދުޅަހެޔޮކަން ގެނެސްދިނުން ހިމެނެއެވެ.

ކަން މިހެން އޮތުމުން، އެއްކުށަކާ ގުޅިގެން މީހެއްގެ މައްޗަށް އެއް ދައުވާއަށްވުރެ ގިނަ ދައުވާ ކުރާނަމަ އެ ދައުވާތައް އެމީހެއްގެ މައްޗަށް ކޯޓުގައި އުފުލަންވާނީ އެކުއެކީގައި، އެއްވަގުތެއްގައެވެ. އެކަމުގައި ލަސްކަމެއް އޮތްނަމަ އެއީ ކުރެވިދާނެ ދައުވާއެއް ނޫނެވެ. މި ގޮތަށް އެއް އަމަލަކުން ފުރިހަމަ ކުރާ ކުށްތަކާއި ގުޅިގެން އުފުލޭ ދައުވާތަކަކީ އެއްކުށަކަށް ދެ ފަހަރު އަދަބު ދިނުމުގެ މާނައިގައި ހިމެނޭ ކަންތައްތައް ކޯޓުތަކުން ބަލައި، ޝަރީއަތުން ގޮތް ކަނޑަ އެޅުމުގައި ބޭނުންކުރާ މިންގަޑަށް ކިޔަނީ ބުލޮކުބަރގަރ ޓެސްޓެވެ.

ބުލޮކްބަރގަރ ޓެސްޓު އަށް ސޭމް-އެލިމެންޓްސް ޓެސްޓް އޭ ކިޔައެވެ. ބުލޮކްބަރގަރ ޓެސްޓަކީ އެއް ހާދިސާއަކުން އުފެދޭ ދެ ޖިނާއީ ދައުވާއަކީ އެއް ކުށަކަށް ދެފަހަރު އަދަބު ދިގެން ނުވާނެ ކަމަށްބުނާ 'ޑަބަލް ޖިއޮޕާޑީ' ގެ ދަށުން އަދަބު ދެވޭ ކުށްތަކަކީ އެއްކުށެއް ނުވަތަ އެއްކުށެއްގެ ސުލޫކުގެ މައްޗަށް ބިނާވެފައިވާ ކުށްތަކެއްތޯ ކަނޑައެޅުމަށް ބޭނުންކުރާ މިންގަޑު ނުވަތަ ޓެސްޓެވެ. ނުވަތަ އެއީ، ޑަބަލް ޖިއޮޕާޑީ އާ ހިލާފު ދައުވާއެއްތޯ ކަނޑައެޅުމަށް ބޭނުންކުރާ ގާނޫނީ މިންގަނޑެކެވެ.

ދެ ކުށަކީ ވަކި ކުށެއް ކަމަށް ބެލެވޭނީ ކޮންމެ ކުށަކުން އަނެއް ކުށަކަށް ބަރޯސާވެފައިވާ އުނިއިތުރެއް ސާބިތުވާނަމަ އެވެ. މާނައަކީ ވަކިވަކި ގާނޫނުތަކުން ތަފާތު ކުށެއް ސާބިތުކުރަން ޖެހޭނަމަ ސާބިތުކުރަން މުއްތަހަމު ކުރި އެއް އަމަލަކީ ވަކި ދެ ކުށަކަށް ވެދާނެ އެވެ. މިސާލަކަށް؛ ހެޔޮއެދޭ ފަރާތަކުން ދިން ފައިސާތަކަކަށް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކޮށްގެން ނުވަތަ ފައިސާ އޮޅުވާލުމުގެ ގޮތުން ގޯއްޗެއް ގަނެފި ކަމަށްވާނަމަ، އެފަދަ މީހެއްގެ މައްޗަށް ދައުވާ އުފެލޭނީ ދެ ގާނޫނެއްގެ ދަށުންނެވެ. އެއީ، ޖިނާއީ އިޖުރާއާތުގެ ގާނޫނާއި މަނީ ލޯންޑާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ. މިފަދަ ހާލަތުގައި މުއްތަހަމުގެ މައްޗަށް ތަފާތު ދެ ގާނޫނުގެ ދަށުން އުފެލޭ ދައުވާ ތަކަކީ ޑަބަލް ޖިއޮޕާޑީގެ ދައުވާތަކެއްތޯ ނޫންތޯ ކަނޑައަޅާނީ ބުލޮކުބަރގަރ ޓެސްޓު ނުވަތަ މިންގަޑުގެ ދަށުން ނެވެ. އެއް ކުށަކަށް ދެ އަދަބު ނުދިނުމަށް އެންމެ ފުރަތަމަ ކަނޑައެޅުނީ (Blockburger v. United States, 284 U.S. 299 (1932) މި ގަޒިއްޔާގައެވެ. އަދި 1991 ވަނަ އަހަރު އެމެރިކާގެ ފެޑަރަލް ގާނޫނަށް ގެނައި އިސްލާހުގައި މި އުސޫލު ވަނީ ނަގަހައްޓާފައެވެ.

މައިގަނޑު ސުވާލަކީ؛ މީހަކު އެއް އަމަލަކުން ފުރިހަމަކުރި ދެ ކުށެއްގައި އަނެއް ކުށުގައި ނެތް ހެއްކެއް ހޯދަން ޖެހެނީ ހެއްޔެވެ؟ ޖަވާބަކީ އާއެކޭނަމަ؛ ކުށްތައް ވަކިވަކި ގާނޫނުތަކުގައި ވަކިވަކިން ކުށްކަމުގައި ބަޔާންކޮށް ވަކި އަދަބު ކަނޑައަޅާފައި ހުންނަ ނަމަ އޭނާގެ އެއް އަމަލުން ފުރިހަމަ ކުރި ދެ ކުށަށް ދައުވާ އުފުލުމަކީ ހުއްދަ ކަމެކެވެ.

މިސާލަކަށް؛ މީހަކު ފޭރުނީ ބަޑިއެއް ހިފަގެން ހުރެއެވެ. އޭނާކުރި އަމަލަކީ ނުވަތަ ކުށަކީ ފޭރުމެވެ. އެހެންނަމަވެސް ހުއްދަނެތި ނުވަތަ ލައިސަންސް ނެތި ބަޑި ގެންގުޅުމަކީ މަނާކަމެއްކަމަށް ކަނޑައަޅާފައިވާ ގައުމެއްގައި ފޭރުނުއިރު އަތުގައި ބަޑި އޮތްނަމަ އޭނާގެ މައްޗަށް ފޭރުމުގެ ދައުވާ ކުރުމުގެ އިތުރަށް ބަޑި ގެންގުޅުމުގެ ދައުވާ ކުރެވޭނެއެވެ. މިއީ، އެއްކުށަކަށް ދެ އަދަބު ދިނުން ނުވަތަ ޑަބަލް ޖިއޮޕާޑީ އެއް ނޫނެވެ.

މިސާލަކަށް؛ މީހަކު މަސްތުވާތަކެތި ވިއްކުމަށްފަހު، އެ ވިއްކި މަސްތުވާތަކެތި ގަތްމީހާ ހުރިތަނަށް ނުވަތަ ގެއަށް ޑެލިވަރީކޮށް ދެއެވެ. މިތާގައި ކޯޓުގެ ސުވާލަކަށް ވާނީ މަސްތުވާތަކެތި ވިއްކުމުގެ ކުށުގައި ނުހިމެނޭ ކަމެއް ނުވަތަ ގެންގުޅުމުގެ ކުށުގައި ސާބިތު ނުވާ ކަމެއް ޑެލިވަރީ ކުރުމުގެ ކުށުގައި ސާބިތުކުރަން ޖެހޭ ހެއްޔެވެ؟ ޕުރޮސިކިއުޓަރުންގެ ޖަވާބަކަށް ވާނީ އާދޭހެވެ. އެއީ ޑެލިވަރީ ކުރުމުގެ އަމަލެވެ. މި ހާލަތުގައިވެސް ވިއްކުމާއި ޑެލިވަރީ ކުރުމަކީ ދެކުށެއްގެ ގޮތުގައި ގާނޫނުގައި އޮންނާތީ މި ދެ ދައުވާ އަކީ ނުވަތަ ކުށަކީ ބުލޮކްބަރގަރ ޓެސްޓުގެ ދަށުން ހުއްދަވާ ދެ ދައުވާއެވެ.

ބުލޮކްބަރގަރ ޓެސްޓު ގެ އެންމެ މުހިންމު ބޭނުމަކީ ނުވަތަ މަގުސަދަކީ އެއް އަމަލެއްގެ މައްޗަށް ބިނާވާ އެއް އަދަބެއް ކަނޑައެޅިފައިވާ ކުށްތައް ލޭޔަރ ކޮށް ދައުވާކުރުން ހުއްޓުވުމެވެ. ބްލޮކްބަރގަރ ޓެސްޓުގެ ދަށުން ސަރުކާރަށް ދައުވާ ކުރެވޭނީ ސިންގަލް ކޯސް އޮފް ކޮންޑަކްޓުން ގާނޫނުގެ ދެ މާއްދާއަކާއި ނުވަތަ ދެ ގާނޫނަކާއި ހިލާފުވި ކަމަށްބުނެ، ދެ ދައުވާ ޕުރޮސިކިއުޓަރުން ސާބިތުކުރަން ޖެހޭ ނަމައެވެ. މި ގޮތުން އެއްކުށަކާ ގުޅިގެން ހުށަހެޅޭ ދެ ދައުވާއެއް ބުލޮކްބަރގަރ ޓެސްޓު ފުރިހަމަ ނުވާނަމަ، އެއްކުށުގެ މައްޗަށް ދެ ދައުވާ ކުރުން ވެގެންދާނީ ޑަބަލް ޖިއޮޕާޑީ ނުވަތަ އެއް ކުށަކަށް ދެ އަދަބު ނުދެވޭނެކަމަށް ބުނާ ގާނޫނީ މަބުދައުއާ ހިލާފު ކަމަކަކަށެވެ.

ކޮމެންޓް
ނިއުމާ
7 hours ago
ވަރަށް ޢިލްމީ ލިޔުމެއް. ޝުކުރަން.