
ގަލްފު އޮފް ތައިލެންޑާއި އަންޑަމަން ކަނޑާ ގުޅުވާލައި ދުނިޔޭގެ އިރުމައްޗާއި ހުޅަނގު ގުޅުވާލައި ދަތުރުފަތުރުގެ އާމަގެއް ބިނާކުރުމުގެ ހިޔާލަކީ އާ ކަމެއް ނޫނެވެ. ތާރީހީ ހެކިތަކުން ދައްކާ ގޮތުގައި މި ކޮންސެޕްޓް ނުވަތަ މި މަގު ބިނާކުރުމުގެ ހިޔާލު ފެށިގެން އައީ 17 ވަނަ ގަރުނުގައެވެ. އެ ދުވަސްވަރު ކުރާ އިސްތުމަސް - މަލައްކާ ޕެނިންސުލާގެ އެންމެ ހަނި ބައި ކަމަށްވާ ރަނޮންގް އަދި ޗުމްފޯން ވަނީ ކޮނެ ފުންކޮށްފައެވެ. ނަމަވެސް ދިހަވަރަކަށް އަހަރު މަސައްކަތް ކޮށްގެންވެސް ކުރާ ކެނަލްގެ މަޝްރޫއު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ކުރާ ކެނަލްގެ މަޝްރޫއު މިހާތަނަށް ހުއްޓިފައި އޮތީ، މި މަޝްރޫއަކީ 28 ބިލިޔަން ޑޮލަރު ހަރަދު ކުރަންޖެހޭ މަޝްރޫއަކަށްވުމާއި، ތިމާވެށީގެ ކަންބޮޑުވުންތަކާއި، ސިޔާސީ ކޮމްޕްލެކްސިޓީތަކާއި، އިންޖިނިއަރިންގެ ގޮންޖެހުންތަކުގެ ސަބަބުންނެވެ. ނަމަވެސް ޗައިނާގެ މާލީ އެހީތެރިކަމާއެކު ކުރާ ކެނަލް ބިނާކުރުމުގެ ހުރިހާ ތައްޔާރީތަކެއް މިހާރު ދަނީ ހަމަޖެހެމުންނެވެ. މި މަޝްރޫއުގެ އެންމެ މުހިންމު މަސައްކަތަކީ ތައިލެންޑުގެ ކުރާ އޭ ކިޔާ ރަށުގެ ހިމަ ދިމާލުގެ ބިމުގެ ބޮޑުބައެއް ކަނޑާލައި، އެތަން ކޮނެ، ބޮޑެތި އާގުބޯޓުތަކަށް ދަތުރުކުރެވޭ ވަރަށް ފުންކުރުމެވެ.
ކުރާ ކެނަލް މި މަޝްރޫއުގެ އެންމެ ބޮޑު އެއް މަގުސަދަކީ ތައިލެންޑުގެ ވިޔަފާރިތައް ރައްކާތެރި ކުރުމެވެ. މިގޮތުން ސަރަހައްދީ ރޫޓުތަކުގައި ޝިޕިންގެ ހިދުމަތް ދިނުމުގެ ގޮތުން ތައިލެންޑުން އެ ގައުމުގެ ގައުމީ ޝިޕިން ލައިނެއް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަގެންދެއެވެ. މިއާއެކު ތައިލެންޑުން ގަބޫލުކުރާ ގޮތުގައި ޗައިނާ-ލައެމް ޗަބަންގް ރޫޓް ފަދަ ސީދާ ޝިޕިން ރޫޓުތައް އިތުރުވެގެން ދިޔުމުން ލޮޖިސްޓިކް ނަންބަރުތައް ބޮޑުތަނުން އިތުރުވެގެން ދާނެއެވެ. ލައެމް ޗަބަންގް ބަނދަރަކީ އިރުމަތީ ކަނޑުގެ އައްސޭރީގައި އޮންނަ ބޮޑު ބަނދަރެކެވެ. ތައިލެންޑުގެ މި ބަނދަރު އަޕްގްރޭޑުކޮށް ޒަމާނީ ބަދަލުތައް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ނިމުމުން މި ބަނދަރަކީ ދުނިޔޭގެ ވިޔަފާރީގެ މައި ހަބަކަށް ވެގެން ދާނެއެވެ.
ކުރާ ކެނަލްގެ ސަބަބުން އެ ސަރަހައްދުގެ ދަތުރު ފަތުރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ.--
މަޝްރޫއުގެ ކޮންސެޕްޓް
ކުރާ އިސްތްމަސް ކޯރިޑޯ ލޭންޑް ބުރިޖް މަޝްރޫއު ކޮންސެޕްޓް ބިނާވެފައިވަނީ ގަލްފު އޮފް ތައިލެންޑު ނުވަތަ ތައިލެންޑުގެ އިރުމަތީ ފަރާތާއި އަންޑަމަން ކަނޑު ނުވަތަ ތައިލެންޑުގެ ހުޅަނގު ފަރާތް ޕެރެލަލްކޮށް ގުޅާލުމެވެ. މި ގޮތުން ގުޅާލާނީ ކާގޯ ރޭލުތަކާއި ރޯޑު ނެޓުވޯކުތަކާއި އެއްގަމުން ކަނޑައި ފުންކޮށް ފުޅާކުރާ ކަނޑުގެ ބަނދަރުތަކުންނެވެ. މިއީ، ސުއޭޒު ކެނަލާއި ޕެނަމާ ކެނަލް ފަދައިން ތަރައްގީ ކުރާ ކެނަލެކެވެ. މި ކެނަލުގެ ސަބަބުން އާގުބޯޓުތައް މުދާ ހިފައިގެން މިހާރު ކުރާ ދަތުރުތަކުން ބޯޓުތަކަށް 1،200 ކިލޯމީޓަރު ދަތުރުން ސަލާމަތް ކުރެވިގެންދާނެ އެވެ. މި ސަލާމަތް ކުރެވެނީ ލައްކަ ވަގުތާއި ތެލަށްކުރާ ހޭދައެވެ.
އަމާޒު
މި ޕުރޮޖެކުޓުގެ އަމާޒަކީ މުދާ ހިފައިގެން ދަތުރުކުރާ ބޯޓުތަކުން ދަތުރަށް ހޭދަކުރާ ވަގުތާއި ހަރަދު ކުޑަކުރުމެވެ. މިގޮތުން، ތައިލެންޑްގެ ދެކުނުގައި އޮންނަ ކުރާ އިސްތްމަސް ހުރަސްކޮށް ބިމުން މުދާ ގެންދިއުމަށް މަލައްކާ ސްޓްރެއިޓް އަށް ބަދަލު ގެނައުމެވެ.
މުހިންމު ބަނދަރުތައް
ކުރާ ކެނަލް ރޫޓުގެ އެންމެ މުހިންމު ބަނދަރުތަކަށް ވެގެން ދާނީ ގަލްފު އޮފް ޗުމްފޯން އަދި ރަނޮންގް (އަންޑަމަން ކަނޑު) ގައި ތަރައްގީކުރާ ބަނދަރު ތަކެވެ. މި ބަނދަރުތައް މެދުވެރިކޮށް މި ޝިޕިން ރޫޓު ޕެރެލަލްކޮށް ގުޅިގެން ދާނެއެވެ.
މި މަޝްރޫއުގެ ސުޓްރެޓެޖިކް މުހިންމުކަންކަމަށް ބަލައިލާއިރު؛
މަލައްކާ (މަލަކާ) ރޫޓުގެ ތޮއްޖެހުން ކުޑަކުރުން
ސްޓްރެއިޓް އޮފް މަލައްކާ ނުވަތަ މަލަކާ ރޫޓަކީ އިރުއުތުރުން މަލައްކާ ޕެނިންސުލާ އާއި ހުޅަނގު ދެކުނުން އިންޑޮނޭޝިއާގެ ސުމަޓްރާ ޖަޒީރާއާ ދެމެދު 900 ކިލޯމީޓަރު ދިގު އަދި 65 އާއި 250 ކިލޯމީޓަރުގެ ހަނި ކަނޑު އޮޅިއެކެވެ. މިއީ، ކަނޑުފޭރޭ މީހުންނާއި، މަނާ ވިޔަފާރިތައް ކުރާ މީހުންގެ ކިބައިން ދަތުރުކުރާ އުޅަނދުތައ ނުވަތަ ބޯޓު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަނޑުގެ ޗެކުޕޮއިންޓުތައް އެންމެ ގިނަ އަދި ދުނިޔޭގެ އެންމެ ބިޒީ އެއް ޝިޕިން ރިޓެވެ. އެހެންކަމުން، ކުރާ ކެނަލް ނުވަތަ ކުރާ ރޫޓުގެ ސަބަބުން މަލައްކާ ރޫޓުގެ ތޮއްޖެހުން ކުޑަކުރެވި އެ ރޫޓު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ކުރިމަގުގައި ލިބިގެންދާނެއެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑު
މި މަޝްރޫއަކީ ޗައިނާގެ މެރިޓައިމް ސިލްކު ރޯޑު ސުޓްރެޓެޖީއާ އެއްގޮތަށް ކުރިއަށް ގެންދާ މަޝްރރޫއެކެވެ. ބޭނުމަކީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު އިތުރުކުރުމެވެ.
އިގުތިސޯދީ ވިޔަފާރީގެ ހަބެއް
މި މަޝްރޫއުގެ އަމާޒަކީ ނުވަތަ ކުރާ ކެނަލްގެ މަޝްރޫއުގެ އަމާޒަކީ ތައިލެންޑަކީ އޭޝިއާގެ ލޮޖިސްޓިކް މުހިންމު ހަބަކަށް ހެދުމެވެ. ޓުރޭޑު ސެންޓަރަކަށް ބަދަލުކޮށްލުމެވެ. މިކަން ކުރާނީ ސިންގަޕޫރާ ވާދަކޮށްގެނެވެ. މި ވާދަކުރުމުގެ ނަތީޖާއަކަށް ވާނީ މިހާރު، އަހަރަކު މަލައްކާ ރޫޓު ބޭނުންކުރާ ނުވަދިހަހާސް އާގުބޯޓުގެ ތެރެއިން %80 ބޯޓުގެ ދަތުރުކުރާ އާ މަގަކީ ކުރާ ކެނަލް ކަމުގައި ވެގެން ދިޔުމެވެ.
ދިވެހިރާއްޖެއަށް ލިބިދާނެ ފައިދާތައް
ކުރާ ކެނަލް މަޝްރޫއު ނުވަތަ ރޫޓުގެ ސަބަބުން ދިވެހިރާއްޖެއަށް ނުސީދާ ގޮތެއްގައި ފައިދާތައް ލިބިގެންދާނެ އެވެ. އަދި ދުރާލާ ތައްޔާރު ވެވިއްޖެނަމަ ސީދާ ފައިދާ ހޯދުމުގެ ފުރުސަތު ނެތެކޭވެސް ނުދެންނެވޭނެ އެވެ.
މިގޮތުން، ސަރަހައްދީ ވިޔަފާރި އިތުރުވެ، ދެކުނު އިރުމަތީ އޭޝިއާ މެދުވެރިކޮށް ރާއްޖެއަށް އަންނަ މުދަލުގެ ލޮޖިސްޓިކް ހަރަދު ކުޑަވެގެން ދާނެއެވެ. އަދި ދިވެހިރާއްޖެ އޮތް ތަނުގެ ގޮތުން، އިންޑިއާ ކަނޑުގައި ދިވެހިރާއްޖޭގެ ބަނދަރަކީ އެންމެ ޑިމާންޑު ބޮޑު، ވިޔަފާރީގެ މުހިންމު ހަބަކަށް ވުމުގެ ފުރުސަތު އެހާމެ ބޮޑެވެ. އަދި ދިވެހިރާއްޖެއަކީ ކުރާ ކެނަލް ނުވަތަ ކުރާ ބުރިޖު މަޝްރޫއުގެ ސީދާ ބައިވެރިއެއް ނޫން ނަމަވެސް ސަރަހައްދީ ވިޔަފާރީގެ ދަތުރުތައް އިތުރުވުމާއި އެފަދަ ޖިއޮޕޮލިޓިކަލް ލޭންޑްސްކޭޕް ތަރައްގީވުމުގެ ހެޔޮ ނަތީޖާ ދިވެހިރާއްޖެއަށް ކުރާނެއެވެ. މީގެ އެދެވޭ ނަތީޖާ ބިނާވާނީ ރާއްޖޭގެ ބަނދަރުތަކުން ދޭ ހިދުމަތްތަކުގެ މައްޗަށެވެ.
ޖިއޮގްރަފިކަލް ގޮތުން ބަލާއިރު، އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ތަރައްގީ ކުރުމަކީ ކުރާ ޝިޕިން ރޫޓުން ދިވެހިރާއްޖެއަށް ވަރަށް ބޮޑު އެޑްވާންޓޭޖަކާއި މާލީ އަދި އިގުތިސޯދީ މަންފާއެއް ހޯދިދާނެ ކަމެކެވެ. ކެރާ ކެނަލް ފޫވެއްޓިގެން ދަނީ އަންޑަމަން ކަނޑުން ސީދާ އިންޑިއާ ކަނޑަށެވެ. ނަތީޖާއަކަށް ވާނީ އިންޑި އާއި، ސިލޯނު ފަދަ ގައުމުތަކަށްވުރެ މި ކަނޑުއޮޅިން ހުރަސްކުރާ ނުވަތަ މި ރޫޓުން ދަތުރުކުރާ އާގުބޯޓުކަށް ރާއްޖޭގެ މަގު ކުރުވުމެވެ. އެހެންކަމުން، މިކަމަކީ ގައުމުގެ އިގުތިސޯދު ރާވާ، ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކުން ވިސްނާލުން ހުރި ކަމެކެވެ. މިއީ، ގައުމުގެ ބަނދަރުތައް ވިއްކައި ނުލައި، އަދި ކުއްޔަށް ނުދީ ދިވެހީން ކަމަރު ބަނދެ، ފޫގަޅައި، އާ ވިސްނުމާއެކު ދަތުރު އަމާޒު ހިފައި މޭގަ ކުރަންވީ ވަގުތެވެ.




