ފުލުހުންގެ ބަޔާނަށް ގިނަބައެއްގެ ފާޑުކިއުން
ފުލުހަކަށް ވިޔަސް މީހުނަށް ލާއިންސާނީ އަނިޔާ ދީފިއްޔާ އެވާހަކަ ދައްކާނެ - ޑރ.ސަވާދު
ޖުނާން އަޙުމަދު 7 އޮކްޓޯބަރ 2025 (އަންގާރަ)   11:36
ވަކިވަކި ފުލުހުންގެ ޒާތީ މައުލޫމާތު އާންމުކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ބުނެ ފުލުހުން ރޭ ނެރުނު ބަޔާނާ ގުޅިގެން، ރާއްޖޭގެ މަޝްހޫރު ގާނޫނީ މާހިރުންނާއި އާންމުންގެ ގިނަބައެއްގެ ފާޑުކިއުން ފުލުހުންނަށް އަމާޒުވާން ފަށައިފިއެވެ.

ހުކުރުދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާގައި ގިނަބަޔަކަށް ފުލުހުން އަނިޔާވެރި ވެފައި ވުމުން އެވާހަކަތައް މީސްމީޑިއާގައި އަޑުގަދަވެފައިވާ ދަނޑިވަޅެއްގައި، ވަކިވަކި ފުލުހުންގެ ވާހަކަ ދައްކާ ޒާތީ މައުލޫމާތު އާންމުކުރާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ ފުލުހުން ނެރުނު ބާޔާނުގައި ބުނެފައި ވަނީ، ފުލުހުންގެ އޮފިސަރުންނާއި އެ އޮފިސަރުންގެ އާއިލާއަށް ނަފްރަތު އުފެދޭ ގޮތަށް އަދި ބިރު ހީވާގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފިނަމަ އެ މީހާކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު ފުލުހުން އަޅާނެ ކަމަށެވެ.

އަދި ފުލުސް އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަ ނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އަދި ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރި ނަމަވެސް، ގާނޫނީގޮތުން ފިޔަވަޅު އެޅޭނެކަންކަން ކަމަށް ވެސް ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނަށް ފާޑު ވިދާޅުވެ، ކުރީގެ ޓޫރިޒަމް އެންޑް އިންފޮމޭޝަން މިނިސްޓަރު ކަމާއި ބަންޑާރަނައިބުކަން ވެސް ކުރެއްވި ރާއްޖޭގެ މަޝްހޫރު ގާނޫނީވަކީލު ޑރ.އަޙްމަދު އަލީ ސަވާދު މިއަދު އެކްސްގައި ޕޯސްޓުކުރައްވާ ވިދާޅުވީ، ފުލުހަކަށް ވިޔަސް މީހުނަށް ލާއިންސާނީ އަނިޔާ އަދި ގައިރު ގާނޫނީ އަދަބެއް ދީފިއްޔާ އަނިޔާވި މީހާވެސް ބަލަންތިބޭ މީހުންވެސް އަޑުއަހާ މީހުންވެސް އެވާހަކަ ދައްކާނެ ކަމަށާ، އަދި އެކަން ކުރިބަޔަކު ޒިންމާދާރު ކުރުވަންވެސް ގޮވާނެ ކަމަށެވެ. އަދި އެއީ ފުލުހުންނާ ފުލުހުންގެ އާއިލާއަށް ބިރުދެއްކުން ނޫންކަމަށް ވެސް ޑރ.ސަވާދު ވިދާޅުވިއެވެ.

"ދައުލަތުގެ އިދާރާއެއްގެ މީހަކު ގޯހުން ކަމެއް ކޮށްފިއްޔާ އެވާހަކަ ދައްކާ މީހާ އެބުނަނީ ތިމަންގެ ފައިސާއިން މުސާރަނަގާ މީހާ ތިމަންގެ މައްޗަށް ގޯސް ހަދައިފިޔޭ. ޒިންމާދާރު ކުރާށޭ. ކުށްވެރިއެއްގެ ވާހަކަ ދެއްކުމަކީ ކުށްވެރިޔާ ބިރުގަންނަ ކަމަކަށް ވީމަ އެވާހަކަ ނުދައްކަންވީ؟" ޑރ.ސަވާދު ވިދާޅުވިއެވެ.

ޑރ.ސަވާދުގެ އިތުރުން، ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަމާއި، ކުރީގެ ޑިފެންސްމިނިސްޓަރުކަން ވެސް ކުރެއްވި، ރާއްޖޭގެ ގާނޫނީ ދާއިރާގައި ފުންނާބު އުސް ކަނބަލެއް ކަމަށްވާ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވެސް ފުލުހުންގެ މި ބަޔާނަށް ފާޑުވިދާޅުވެ އެކްސްގައި މިއަދު ވަނީ ބަސް ވިދާޅުވެފައެވެ.

އެގޮތުން އަލްއުސްތާޛާ މާރިޔާ ވިދާޅުވީ، އަނިޔާ ކުރާ ފުލުހުންގެ ފޮޓޯ އާއި ވީޑިއޯ ހާމް ކުރުން އެއީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ކަމަށާއި، މިގޮތަށް އަމަލުކުރާ އާންމު ރައްޔިތުންގެ މައްޗަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވިދާޅުވެ، ފުލުހުންގެ ވާޖިބަކީ ރައްޔިތުންނަށް އަނިޔާކުރުން ކަމަށް ދޭހަވާ ބީދައިން ބަޔާން ނެރުއްވާ ރައްޔިތުންނަށް ގޮން ނުޖެއްސެވުމަށް އެކަމަނާ ނަސޭހަތްތެރިވާ ކަމަށެވެ.

"ޕްރޮފެޝަނަލް ފުލުހުނަށް ހާމަކަން ބޮޑު ގޮތެއްގައި ޕްރޮމޯޝަނާއި މެޑަލް ދެއްވާ ގޮތަށް "އަންޕްރޮފެޝަނަލް" އަނިޔާކުރާ ފުލުހުނަށް ހާމަކަން ބޮޑުގޮތެއްގައި ފިޔަވަޅު އަޅުއްވާ ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުންގެ އިތުބާރާއި ލޯބި ހޯއްދަވާ!" އަލްއުސްތާޛާ މާރިޔާ ވިދާޅުވިއެވެ.

އަދި ފުލުހުންގެ ނާތަހުޒީބު އަމަލުތައް ވީޑިއޯކޮށް ފަޅާއަރުވާލުން ފަދަ ކަންކަން ކުރާ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި އެހެނިހެން މީހުންނަށް ވެސް ދައުވާ ކުރުމުގެ އިންޒާރު ދިނުމަކީ ހިތާމަހުރި ކަމެއް ކަމަށާ، އޭގެ ބަދަލުގައި ފުލުހުން ބާރުއަޅަން ޖެހޭނީ ފުލުހުންގެ އެފަދަ ނާތަހުޒީބު އަމަލުތައް އާންމުންގެ ފަރާތުން ވެސް ދެނެގަނެ، އެ ސުލޫކުތައް ފުލުހުން އަމިއްލައަށް ވެސް ބަދަލުކޮށް، ތަހުޒީބު ބަޔަކަށް ފުލުހުން ވުމަށްޓަކައި އެކަންކަމާމެދު ފުލުހުންގެ އެތެރޭގައި ފިޔަވަޅު އެޅުމަށް ކަމަށް ވެސް އަލްއުސްތާޛާ މާރިޔާ ވިދާޅުވިއެވެ.

"ފުލުހުން އަމިއްލައަށް ވެސް ހަނދާނުގައި ބަހައްޓަން ޖެހޭނީ އެމީހުންގެ މަސައްކަތްތައް މުޖުތަމައުއާ ވީހާވެސް ގާތުން ކުރަން ޖެހޭ ކަމަށް." އަލްއުސްތާޛާ މާރިޔާ ވިދާޅުވިއެވެ.

ފުލުހުން މިހާރު އާންމުންނާ ކުރިމަތިލާ އިސްކުރަމުން އަންނަ އަނިޔާވެރިކަމަށް ފާޑުވިދާޅުވެ، ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ފަރާތެއް ކަމަށްވާ ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިން ވެސް އެކްސްގައި އިއްޔެ ވިދާޅުވެފައި ވަނީ، އަނިޔާގެ ވާހަކަ ދެއްކުމަކީ ފިތުނަ އުފެއްދުން ނޫން ކަމަށާ، އަދި އަނިޔާ ކުރީމާ އެކަމުގެ ޝަކުވާ ބަލާނެ އިދާރާއެއް ވެސް މިހާރަކު ނެތްކަމަށެވެ. އަދި އިންސާފު ލިބޭނެ ގޮތެއް ވެސް މިވަނީ ނެތިފައި ކަމަށް އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވިއެވެ.

ހުކުރުދުވަހުގެރޭ "ލޫޓުވައިފި،ލޫޓުވައިފި" މި ނަމުގައި އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު މުޒާހަރާއިން ފުލުހުން ހައްޔަރުކުރި މާފުށި ކައުންސިލުގެ ރައީސް، ހަސަން ސޮލާހަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާގެ ލޯޔަރު މުސްތަފާ ޙަމީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

މުޒާހަރާއިން ފުލުހުންގެ ހައްޔަރަށް ސޮލާހު ގެންދިޔަ ފަހުން އޭނާގެ އިނގިލި ބިންދާލައިފާ ވާއިރު، އޭނާގެ އަރިކަށީގައި ވެސް ޒަހަމެއް އެބަހުރި ކަމަށް ލޯޔަރު މުސްތަފާ ހަމީދު ވިދާޅުވިއެވެ.

"ވައަތުގެ ބޮޑުވައި އިނގިލި ފުލުހުން ވަނީ ބިންދާލާފައި. އަދި ކަނާއަތް ފަރާތު އަރިކަށީގައި ޒަހަމެއް އެބަހުރި. މިކަންކަމަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ހިނގާފައިވާ ކަންކަން،" މުސްތަފާ ހަމީދު ވިދާޅުވި އެވެ.

އެރޭގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގައި މުސްތަފާގެ އިތުރުން ވެސް އާންމުންގެ ގިނަބަޔަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާކަމުގެ ގިނަ ތުހުމަތުތަކެއް އާންމުންނާއި ސިޔާސީ ގިނަ ފަރާތްތަކަކުން މީސްމީޑިއާގައި ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް