ޑޮނަލްޑް ޓްރަމްޕް
ބައިނަލްއަގްވާމީ 66 މުއައްސަސާއަކުން އެމެރިކާ ވަކިވުމަށް ނިންމައިފި
ވަކިވާން ނިންމި އޮގަނައިޒޭޝަންތަކާއި މުއައްސަސާތަކުގެ ތެރޭގައި އދ. ގެ 31 މުއައްސަސާއަކާއި ބައިނަލްއަގްވާމީ 35 މުއައްސަސާއެއް ހިމެނޭ
ޖުނާން އަޙުމަދު 8 ޖެނުއަރީ 2026 (ބުރާސްފަތި)   10:40
އދ. ވެސް ހިމެނޭހެން ބައިނަލްއަގްވާމީ 66 މުއައްސަސާތަކާއި އޮގަނައިޒޭޝަންތަކުން ވަކިވާން އެމެރިކާ ނިންމައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާގުޅޭ ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައިފިއެވެ.

ވައިޓްހައުސް އިން ބުނެފައި ވަނީ، ބައިނަލްއަގްވާމީ 66 މުއައްސަސާއަކުން އެމެރިކާ ވަކިވާން ނިންމިކަމުގެ ގަރާރުގައި ޓްރަމްޕް ވަނީ ސޮއިކުރައްވާފައި ކަމަށާ، އެމެރިކާ ވަކިވާން ނިންމި އޮގަނައިޒޭޝަންތަކާއި މުއައްސަސާތަކުގެ ތެރޭގައި އދ. ގެ 31 މުއައްސަސާއަކާއި އދ. ން ބޭރު ބައިނަލްއަގްވާމީ 35 މުއައްސަސާއެއް ހިމެނޭ ކަމަށެވެ.

އޭގެތެރޭގައި ޖަމިއްޔާތަކާއި މުއައްސަސާތަކާއި އޮގައިޒޭޝަންތައްވެސް ހިމެނާ ކަމަށް ބުނެ ވައިޓްހައުސްއިން ބުނެފައި ވަނީ، އެ ތަންތަނުގެ ތެރޭގައި އެމެރިކާގެ އަސްކަރީ ބާރާއި އިގްތިސާދީ ނުފޫޒަށް ލޮޅުންއަރުވާ އަދި އެމެރިކާ ދުނިޔޭގައި ކުރާކަންކަމަށް ފާޑުކިޔާ މުއައްސަސާތަކާއި އޮގަނައިޒޭޝަންތައް ހިމެނޭ ކަމަށެވެ.

އަދި އެމެރިކާގެ ކޮންޓްރޯލް ނެތް ބައިނަލްއަގްވާމި އޮގަނައިޒޭޝަންތަކާއި މުއައްސަސާތަކުގައި ބައިވެރިވުމަކީ އެމެރިކާގެ ބަޖެޓުން އެތަންތަނަށް ބޭކާރު ހަރަދުތައް ކުރަންޖެހޭ ތަންތަންކަން ފާހަގަކޮށް އެ ވައިޓްހައުސް އިން ބުނެފައިވަނީ، އެމުއައްސަސާތަކާއި އޮގަނައިޒޭޝަންތަކުގެ އުސޫލުތަކާއި ޗާޓަރުތަކަށް އެމެރިކާ ތަބާވާންޖެހުމަކީ އެތަންތަނުން އެމެރިކާ ވަކިވާން ނިންމި މައިގަނޑު ސަބަބުކަމަށެވެ.

އެމެރިކާ ވަނީ ސީދާ އދ. ން ވެސް ވަކިވާން ޖެހިފައި ކަމަށް އެެމެރިކާގެ އިސް މަސްއޫލުވެރިއަކު ވިދާޅުވެފައިވާ ކަމުގެ އަޑުތައް މީޑިއާތަކުގައި ފެތުރެމުން ދާއިރު، ޓްރަމްޕް ވަނީ ޔޫއެންޑީޕީ އާއި ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ އާއި ޔުނެސްކޯ ފަދަ އދ. ގެ އެތަށް މުއައްސަސާއަކުން އެމެރިކާ ވަކިވާނެކަން ކުރިން ވެސް އިއުލާން ކުރައްވާފައި ކަން ފާހަގަކޮށްލެވެއެވެ.

ބައިނަލް ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ވަކިވި މުއައްސަސާތަކުގެ ތެރޭގައި އިންސާނީ ހައްގުތަކާބެހޭ މުއައްސަސާތަކާއި ގައުމުތަކަށް އެކިބާވަތުގެ އިންސާނީ އެހީ ދިނުމުގެ މުއައްސަސާތަކާއި ގްލޯބަލައިޒޭޝަން ޕްރޮމޯޓްކުރާ މުއައްސަސާތައް ހިމެނެއެވެ.

ކޮމެންޓް