
އެމެރިކާނުންގެ މިލިޓަރީ ފޯސްތަކުން ވެނެޒުއޭލާގެ ވެރިރަށް ކަރަކާސްއަށް ދަންވަރު ވަގަށްވަދެ، ގަނޑުވަރުން ވަގަށް ނެގިތާ ދެ ދުވަސް ފަހުން މަދޫރޯ އާއި އޭނާގެ އަންހެނުން ބިޑިއަޅުވައިގެން އެމެރިކާގެ ނިއުޔޯކްގެ ކޯޓަށް އިއްޔެ ވަނީ ހާޒިރުކޮށްފައެވެ.
މަދޫރޯ މި ޝަރިއަތުގެ މަޖިލީހުގައި ވިދާޅުވީ އޭނާއަކީ "މައުސޫމް" އަދި "އަދަބުވެރި މީހެއް" ކަމަށާއި އޭނާ "ރަހީނުކޮށްފައިވާ" ކަމަށެވެ.
ބައިނަލްއަގްވާމީ ގާނޫނުތަކަށް ބަލާނަމަ، ސީދާ ގާނޫނާ ހިލާފު ކަމެއްކަމަށް ގިނަ ބަޔަކު ސިފަކޮށް، ހަރުކަށި އިބާރާތުން ކުށްވެރިކުރާ، އެމެރިކާގެ މި އޮޕަރޭޝަންގައި ހައްޔަރުކުރި މަދޫރޯ އެމެރިކާގެ ފެޑެރަލް ކޯޓަށް ހާޒިރުކޮށްފައި ވަނީ "މަސްތުވާތަކެތީގެ ޓެރަރިޒަމް" އާއި އެހެނިހެން އިތުރު ދައުވާތަކެއްގެ އަޑުއެހުމަކަށެވެ.
ޑިސްޓްރިކްޓް ޖަޖު އެލްވިން ކޭ ހެލަރސްޓައިންގެ ކުރިފުޅުމައްޗަށް، މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޮރެސް ހޯމަ ދުވަހުގެ ރޭ 12:00 ގައި (ޖީއެމްޓީ 17:00) ހާޒިރުކޮށްފައި ވަނީ އެމެރިކާގައި ޝަރީއަތް ކުރެވޭނެތޯ އާމެދު ގާނޫނީ ދިގު ބަހުސްތަކެއް ހިންގުމަށްފަހުގައި ކަމަށް ފާހަގަކޮށްލެވެއެވެ.
ކަޅު ނޫކުލައިގެ ޖަލު ޔުނީފޯމް ތުރުކުރައްވައިގެން ތިއްބެވި މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ކޯޓަށް ހާޒިރުކުރީ ސިފައިންގެ އޮފިސަރުން ކަމަށާ، އިނގިރޭސި ބަހުން ކުރިއަށް ގެންދިޔަ ޝަރީއަތް ސްޕެނިޝް ބަހަށް ތަރުޖަމާ ކުރާތީ އެ ދެކަނބަލުން ވެސް ހެޑްސެޓް ޖައްސަވައިގެން އަޑުއެއްސެވިކަމަށް ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި އަޑުއެހުމުގައި މަދޫރޯ ކުށަށް އިއުތިރާފުވެ، ގާޒީގެ އަރިހުގައި ވިދާޅުވީ:
ކަނާތުފިޔައިގެ ލީޑަރު ކަމުގައިވާ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުންނާއި އިތުރު ހަތަރު މީހަކު މަސްތުވާތަކެތީގެ ކާޓޭލްތަކާ ގުޅިގެން އެތައް ހާސް ޓަނެއްގެ ކޮކެއިން ޓްރެފިކް ކުރުމަށް މަގުފަހި ކޮށްދިން ކަމަށް މި ކުރެވޭ ދައުވާގެ ކުށް އެކަނި ސާބިތުވެއްޖެ ނަމަވެސް، އުމުރަށް ޖަލަށް ލެވޭނެ އެވެ.
މަދޫރޯ މަސްތުވާތަކެތީގެ ވިޔަފާރިހިންގާ ކާޓޭލްތަކާ ގުޅުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް، ބައިނަލް އަގުވާމީ ބައެއް އޮބްޒާވަރުން ވެސް ވަނީ ބުނެފައެވެ.
އެމެރިކާއާއި ބައެއް ގައުމުތަކުން ވެނެޒުއެލާގެ ޝަރުއީ ލީޑަރެއްގެ ގޮތުގައި ބަލައިނުގަތް ނަމަވެސް ބޭރު ދައުލަތެއްގެ އިސްވެރިއެއްގެ ގޮތުގައި ދައުވާ ނުކުރެވޭނެ ކަމަށް ބުނެ މަދޫރޯގެ ވަކީލުން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ވެސް ދުނިޔޭގެ ހުރިހާ ގާނޫނުތަކަކާ މުޅިން ހިލާފަށް ކަމަށެވެ.




