
ގިނަ ދިވެހީންތަކެއް ޒިޔާރަތްކޮށް އަދި ދިރިއުޅެމުން ވެސް ދާ، އަވައްޓެރި ސްރީލަންކާއަށް ދިއުމަށް އޮންއެރައިވަލް ވިސާ އެ ގައުމުން ދިވެހީންނަށް ލިބޭތީ ކޮންމެހެން ވިސާ ނަގާކަށް ނުޖެހެއެވެ. އެހެންނަމަވެސް އެ ގައުމުގައި ގިނަ ދުވަހަށް މަޑުކުރާނަމަ ދިވެހީން ވެސް ވިސާ ނަގަން ޖެހެއެވެ.
މަސްއޫދު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ލަންކާއަށް ޒިޔާރަތްކުރާ ދިވެހީންނަށް ދަތިތަކެއް އެބަހުރި ކަމަށާ، އެ ގައުމަށް ދާ ދިވެހީން ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ވިސާ ހޯދަން މަޑުކުރަން ވެސް އެބަޖެހޭ ކަމަށެވެ.
ނަމަވެސް ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާގެ ކަންކަން ކުރިއަށް ގެންދާއިރު، އެއްވެސް ދަތިކަމެއް ނެތި ވަގުތުން ވިސާ ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންވެ، ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާގެ މުއާމަލާތްތައް ހިންގާއިރު، އެ ޑިޕާޓްމަންޓުގެ އޮފިޝަލުންނަށް މާލީ ގޮތުން ފައިދާތަކެއް ލިބެމުންދާކަމަށް ބެލެވޭ ކަމަށް މަސްއޫދު ތުހުމަތުކުރެއްވި އެވެ.
ލަންކާގެ އިމިގްރޭޝަން އޮފިސަރުން ދިވެހީންނާ ދޭތެރޭ މެހުމާނުންނާ މެދު ކަންކުރާ އުސޫލުން އަމަލުނުކުރާ ކަމަށް ވިދާޅުވެ، މަސްއޫދު ވަނީ ލަންކާއަކީ ޒަމާނުއްސުރެ ބޭސް ފަރުވާއާއި ތައުލީމީ ކަންކަމަށް ވެސް ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލުކަން ފާހަގަކޮށްފައެވެ. ނަމަވެސް އެ ހާލަތު މިހާރު ހަލުވިކަމާ އެކު ބަދަލުވަމުން އަންނަކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން ލަންކާއަކީ ތައުލީމާއި ސިއްހީ ހިދުމަތް ހޯދުމަށް ދިވެހިން އެންމެ އިސްކަންދޭ އަދި އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ކުރިން އޮތް ނަމަވެސް، މިހާރު އެކަން ބަދަލުވަމުންދާކަން ފާހަގަކުރައްވާ މަސްއޫދު ވިދާޅުވީ ބޭސްފަރުވާއަށާއި ތައުލީމަށާއި ފަތުރުވެރިކަމަށް ލަންކާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު 8،000 އިން 1،500އަށް ދަށްވެފައިވާ ކަމަށާ، ގިނަ ދަރިވަރުންނަށް މިހާރު ދެކުނު އިންޑިއާއިން ލަންކާއަށްވުރެ ފެންވަރު ރަނގަޅު ތައުލީމީ ފުރުސަތުތައް ލިބެމުންދާ ކަމަށެވެ.
ލަންކާއަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އަދި ދިވެހިން އެންމެ ގިނައިން ދިރިއުޅެމުންދާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ލަންކާއަށް މިފަހުން ކުރިމަތިވި ފެންބޮޑުވުމުުގެ ހާދިސާގައި ވެސް އެންމެ ބޮޑަށް އެހީތެރިވި ގައުމަކީ ރާއްޖެ އެވެ.
ކުރިން އޮންނަ ގޮތުން، ދުރާލާ އިތުރު އެއްވެސް ހުއްދައެއް ނުނެގިޔަސް، ސްރީ ލަންކާއަށް ދަތުރުކުރާ އެންމެންނަށް އޮން އެރައިވަލް ވިސާ ލިބެ އެވެ. އެކަމަކު ލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް މިދިޔަ އޮކްޓޫބަރު މަހު ގެނައި ބަދަލުތަކަކާ ގުޅިގެން، އެ ގައުމަށް ދަތުރުކުރުމުގެ 24 ގަޑިއިރާއި 48 ގަޑިއިރު ކުރިން އީޓީއޭ (އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން) ހޯދަން ޖެހެ އެވެ.




