ފޮރިން މިނިސްޓަރު ޚަލީލް ލަންކާގެ ރައީސް ދިއްސާނަޔަކޭއާ ބައްދަލުކުރައްވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ
ލަންކާ ހައިކޮމިޝަނަރުގެ މައްސަލާގައި މިނިސްޓަރާ ސުވާލުކުރަން ހުށަހަޅައިފި
މަރްޔަމް މުޙައްމަދު 13 ޖެނުއަރީ 2026 (އަންގާރަ)   10:33
ފާޅުގައި އަވައްޓެރި ގައުމަކާ ޖެހިގަތް ކަމަށް ބުނެ، ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރު މަސްއޫދު އިމާދުގެ މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލާއި ސުވާލުކުރަން އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް މަސްއޫދު ދެއްވި އިންޓަވިއުއެއްގައި ވަނީ ވިސާގެ ދަތިކަމުގެ ޝަކުވާ ވަރަށް ގިނައިން މިހާރު ލިބޭ ކަމަށާއި އަދި ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން ވަރަށް އިހާނެތިކޮށް ކަންތައްކުރާ ކަމަށް ވިދާޅުވެ، ފާޑު ވިދާޅުވެފައިވެ އެވެ.

އެ އިންޓަވިއުގައި އޭނާ ވަނީ 'ދޮންމަންމަ'އަކު ކަންކުރާ މޭރުމުން ދިވެހީންނާ މެދު ކަން ކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި، 'ދޮން މީހުންނާ'އި ދިވެހީންނާ ތަފާތުކުރާ ކަމަށް ވިދާޅުވެ، އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުކުރައްވާފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް މަޖިލީހަށް އެ މައްސަލަ ހުށަހެޅީ އެ އިންޓަވިއުގައި، ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތައް ބަދަލު ގެންނާނެކަމުގެ އިންޒާރު ދެއްވާފައިވާތީ ޑިޕްލޮމެސީ އާއި ބައިލެޓަރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް، ފާޅުގައި އަވަށްޓެރި ގައުމަކާއި ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު ކުރެއްވުމަށެވެ.

ހަމައެއާއެކު ލަންކާގެ އިމިގްރޭޝަންސް އޮފިސަރުން ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތު ވެސް އޭނާ އަމާޒުކުރައްވާފައިވެއެވެ.

އެ ވާހަކަތަކާ އެކު ހާރިޖީ ދާއިރާގެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވާއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ވަނީ އެއީ ޑިޕްލޮމެޓިކް ދާއިރާގެ ބޭފުޅަކު، ހާއްސަކޮށް އަވައްޓެރި ގައުމަކަށް އައްޔަންކުރައްވާފައިވާ ހައި ކޮމިޝަނަރަކު ވާހަކަދައްކަވައިގެން ވާނެ ގޮތް ނޫން ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ދާދިފަހުން ދެއްކެވި ވާހަކަތަކަކީ ވިސްނުންތެރިކަމެއް ނެތި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި ވަގުތުން އޭނާ އަނބުރާ ގެންދިޔުމަށް ވެސް މީކާއިލް ގޮވައިލެއްވިއެވެ.

ހައި ކޮމިޝަނަރުގެ އެ އަމަލުތަކާ ގުޅިގެން ފޮރިން މިނިސްޓްރީގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވުމުން، އެ ހައި ކޮމިޝަނަރުގެ އަމަލުތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަން ވެސް އަދި ސާފެއް ނުވެއެވެ.

އަދި މި ފާޑުކިޔުންތައް އަމާޒުވެފައި އޮއްވާ މަސްއޫދު ވަނީ ލަންކާގެ އިދިކޮޅުގައި ހަރަކާތްތެރިވާ، އެސްއެލްޕީޕީ (ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ) ޕާޓީއަށް ނިސްބަތްވާ، އެ ގައުމުގެ ކުރީގެ ވަޒީރު ނަމާލް ރާޖަޕަކްސާއާ ހުކުރު ދުވަހު ބައްދަލު ވެސް ކުރައްވާފައެވެ.

ކޮމެންޓް