
ރާއްޖޭގައި އެ ދުވަސްވަރެއްގެ އެންމެ އާންމު މައުލޫތަކަށް ފާޑުކިޔައި ޖޯކު ޖެހުމުގެ ނަޒަރަކުން ހުށަހަޅައިދޭ މާލި ޕެރޭޑް ކުޅުދުއްފުށީ މަގުތަކުގައި ދައްކާލީ މިއަދު ހަވީރު އެވެ.
ކޮންމެ އަހަރެއްގެ އީދުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ކުޅުދުއްފުށީ މާލި ޕެރޭޑަކީ ވަރަށް ހުނަރުވެރި މަސައްކަތްތަކެއް ފެނިގެންދާ ފޯރިގަދަ ޕެރޭޑެކެވެ. ޕެރޭޑްގައި ގިނަ މެސެޖްތަކެއް ފޯރުކޮށްދޭ އިރު، އެންމެ ގިނަ ބަޔަކު އެ ވާހަކަތައް ދައްކާ ކަންކަން ވަރަށް ތަފާތު ގޮތަކަށް އަބަދުވެސް ޕެރޭޑްގައި ގެނެސްދެ އެވެ. އޭގެ ތެރޭގައި ބައެއް ކަންކަމާ ގުޅޭގޮތުން ހުންނަ ކަންބޮޑުވުންތަކާއި ނުރުހުމާއެކު ސަރުކާރަށް ދޭން ބޭނުންވާ މެސެޖުތައްވެސް ފާހަގަކޮށްފައި ހުރެއެވެ.
މިފަހަރުގެ ޕެރޭޑުން ފާހަގަވި މައުލޫތަކުގެ ތެރޭގައި "އެމަންޖެގެ ފޯން"، "ދެ ވަނަ ވަލީމާ"، "ދަންވަރު ގުޅާ ސޮރު"، "ވަޑިފަތި ޖޯލިފަތި"، "ގެށުން ގަނޑު" ހިމެނެއެވެ. އަދި މި ނަންތަކާ ގުޅިގެން، ހުކުމް ކޮށް ޖަލަށްލި އަދަދު ނޫހުގެ ދެ ނޫސްވެރިންނަށް ނިސްބަތްވާ ދެމާލިވެސް ފެނިފައި ވެއެވެ.
ސަރުކާރުގެ ތަރުޖަމާނު "އާދެ ބަލަ ތިކިޔާ އެއްޗެއް ކިޔަން" ވިދާޅުވެފައިވާތީ އެ ވާހަކަވެސް ފުޅަނދަކުން ސިފަކޮށްދީފައި ވެއެވެ. އަދި މިފަހުން ތިން ރައީސުން ގުޅިގެން ބޭއްވި ބައްދަލުވުމަށާއި ފާއިތުވި ކައުންސިލް އިންތިހާބަށާއި ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށްވެސް ޖޯކު ޖަހާފައި ވެއެވެ.
ކުޅުދުއްފުށީ މަށިމާލި ޕެރޭޑްގެ ތެރެއިން.- ފޮޓޯ: އައިވެލް ޕޯޓްރެއިޓް
ގައުމުގައި ހުރި ބައެއް ބޮޑެތި މައްސަލަތަކަށް ވެސް މަށި މާލި ޕެރޭޑުގައި އަލި އަޅުވާލާފައި ވެއެވެ. އޭގެ ތެރޭގައި ތަރައްގީގެ ޕްރޮޖެކްޓުތައް ކުރިއަށްނުދިޔުމާއި ރިޔާސީ ވައުދުތައް ނުފުދުމާއި ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލަ ހިމެނެއެވެ.
މި ޕެރޭޑް ކުޅުދުއްފުށި ސިޓީ ކައުންސިލުން ލައިވްކުރަމުން ދަނިކޮށް ފުލުހުން އަންގައިގެން ޕެރޭޑުގެ ލައިވް ކަނޑާލިއެވެ. އަދި ކައުންސިލުން ލައިވް ކުރަން ގެންގުޅުނު އާލާތްތައް ވެސް ފުލުހުން އަތުލައި ލައިވް ކުރުމަށް ހުރަސް އަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.




