ފަސް ސިޓީގެ ޑަބްލިއުޑީސީ ރައީސް ގޮނޑިތައް ކާމިޔާބުކުރި އެމްޑީޕީ ކެންޑިޑޭޓުން
ހުރިހާ ސިޓީއެއްގެ ޑަބްލިއުޑީސީ ރައީސް ގޮނޑިތައް ވެސް ކާމިޔާބުކުރީ އެމްޑީޕީ
ފަސް ސިޓީގެ މޭޔަރުންގެ ގޮނޑި ވެސް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީ
މަރްޔަމް މުޙައްމަދު 5 އޭޕްރީލް 2026 (އާދީއްތަ)   15:25
އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީ (އަންހެނުންގެ ތަރއްގީއަށް މަސައްކަތްކުރާ ކޮމެޓީ) ތަކުގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ ޑަބްލިއުޑީސީ ރައީސުުންގެ ގޮނޑިތައް ވެސް އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީ (މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ) ކާމިޔާބު ކޮށްފިއެވެ.

އެގޮތުން ވެރިކަން ހިންގާ މާލެ ސިޓީ އާއި އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގެ ޑަބްލިއުޑީސީ ރައީސްގެ މަގާމު ވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ލިބިފައިވާކަމަށް ވަގުތީ ނަޖީތާތަކުން ދައްކާއިރު، ވެރިކަން ހިންގާ ޕީއެންސީ (ޕީޕަލްސް ނެޝަނަލް ކޮންގްރެސް) ގެ ކެންޑިޑޭޓު އައިޝަތު އަލައިކާ ބަލިކޮށް މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސްގެ މަގާމު ނެގީ އެމްޑީޕީންނެވެ.

އެގޮތުން އެ ޕާޓީގެ ކެންޑިޑޭޓު އައިޝަތު ރީޝާއަށް 52 ޕަސެންޓު ވޯޓު ލިބުނެވެ. އަދި ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްކަން އެމްޑީޕީގެ ކެންޑިޑޭޓު އައިމިނަތު އިބްރާހިމް 63 ޕަސެންޓު ކާމިޔާބުކޮށްފައި ވާއިރު، ތިނަދޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސްގެ މަގާމު އެމްޑީޕީގެ ކެންޑިޑޭޓު 49 ޕަސެންޓު ވޯޓާއެކު މަރިޔަމް ޝަރޫނާ އާދިލް ވަނީ ކާމިޔާބު ކޮށްފައެވެ.

ފުވައްމުލަކު ޑަބްލިއުޑީސީގެ ރައީސްގެ މަގާމަށް އެމްޑީޕީގެ މަރިޔަމް ޝިއުނާ ހޮވިފައި ވާއިރު، އޭނާ އަށް 56 ޕަސެންޓު ވޯޓު ލިބުނެވެ. އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ފާތިމަތު ހިޖުރާ 76 ޕަސެންޓުގެ ބޮޑު ތަފާތަކުން ވަނީ ހޮވިފައެވެ.

އިއްޔެގެ އިންތިހާބުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ރައްޔިތުން ބޮޑުކޮށް "ނޫނެކޭ" ބުނެފައި ވާއިރު، އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ކައުންސިލުގެ ރައީސުންގެ ގިނަ ގޮނޑިތަކާއި މެންބަރުންގެ ގިނަ ގޮނޑިތައް ވެސް ނަގާފައި ވަނީ އެމްޑީޕީ އާއި އަމިއްލަ ކެންޑިޑޭޓުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް