
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދު ބައްދަލުވުމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ، އެހެން ގައުމުތަކުގައި ޓެކްސްގެ މައްސަލަތައް ބަލާ ފަނޑިޔާރުންނަކީ ޓެކްސް ލޯއިން ވަކި ހާއްސަ ކޮލިފިކޭޝަނެއް އޮތުން ލާޒިމްވާ ބައެއް ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި އެފަދަ އުސޫލެއް ނެތުމުން ހުކުމް ކުރުމުގައި ބައެއް ގޯސްތައް ހަދާތަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޓެކްސްގެ ދެލިގަނޑަށް ބަލައިގެން ހުކުމްތައް އަންނާތީ، މީރާގެ މުޅި ޕްރޮސެސް ދަނީ. ޓެކްސްއަކީ ވެސް ވަކި ޕްރޮފެޝަނެއް. ފަނޑިޔާރުން ވެސް އަދި ޓްރައިބިއުނަލްގައި މައްސަލަތައް ހޭންޑްލްކުރާ ފަރާތްތަކަށް ވެސް އެބަޖެހޭ ޓެކްސް އެނގެން މައްސަލަ ނިންމާއިރު،" ޒަރީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓު މަރުހަލާތަކާ ހެދި ދައުލަތަށް ނުލިބި ތާށިވެފައި ހުރި ބިލިޔަނެއްހާ ރުފިޔާ އެބަހުރި ކަމަށާ، ޓެކްސް އެޕީލް ޓްރައިބިއުނަލް މަރުހަލާއިން ފެށިގެން ސުޕްރީމް ކޯޓާ ހަމައަށް ޓެކުހާ ގުޅޭ އެންމެ މައްސަލައެއް ނިމެން ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ނަގާ ކަމަށެވެ. އެހެންވެ، އެއީ ޓެކްސް ފައިސާ ހޯދަން އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މުއްދަތުގައި ލިބެންޖެހޭ ފައިސާ ހުންނަނީ ބްލޮކްވެފައި ކަމަށް ޒަރީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް ޓެކްސްގެ 200އެއްހާ މައްސަލަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގެންގުޅޭއިރު، އެ މަސައްކަތް ކުރަނީ ފަސް ވަރަކަށް ވަކީލުން ކަމަށެވެ. އަދި ކުރިން މައްސަލަތަކުގައި ކޯޓުތަކަށް އެކްސްޕާޓުންނަށް ދެވުނަސް، މިހާރު އެ ފުރުސަތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަނގަޅު ލޯޔަރުން ރީޓެއިން ކުރެވޭކަށް ނޯވޭ. އެއީ މީރާގައި މަސައްކަތް ކުރަންޏާ އެހެން އެއްވެސް ލީގަލް މަސައްކަތެއް ނުކުރެވޭ. ޓްރައިބިއުނަލް ލެވެލްގައި ދުނިޔޭގެ އެހެން ގައުމުތަކުގައި، އީޔޫގައި ވެސް ޓެކްސްގެ ކޭސްއެއް ހޭންޑްލް ނުކުރެވޭނެ ޓެކްސޭޝަންއިން މާސްޓާސް ހަދާފައި ނެތިއްޔާ،" އޭނާ ވިދާޅުވި އެވެ.
މީރާ އަށް މުވައްޒަފުން ހޯދުމުގައާއި މުވައްޒަފުން ހިފެހެއްޓުމުގައި ދިމާވާ ދަތިތަކުގެ ވާހަކަވެސް މިއަދު ކޮމިޓީގައި ޒަރީރު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މީރާގެ މުސާރަތައް ކުޑަކަމުން މުވައްޒަފުން ހިފެހެއްޓުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އަދި މީރާގެ މުވައްޒަފުންނަށް ޕްރައިވެޓް ސެކްޓަރުގެ ޑިމާންޑު ބޮޑު ވުމާއެކު ވަޒީފާއިން ވަކިވާ މުވައްޒަފުންގެ އަދަދު ގިނަކަން، މިސާލު ދައްކަވައި އޭނާ ފާހަގަ ކުރެއްވިއެވެ.
މުސާރައިގެ މައްސަލައިގެ އިތުރުން މަސައްކަތު މާހައުލުގައި ހުރި ދަތިތަކުގެ ސަބަބުން ވެސް މީރާގައި މަސައްކަތް ކުރަން މީހުން ބޭނުންނުވާ ކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި، ބައެއް ތަންތަނުގައި 50 މުވައްޒަފުން އެއް ފާހަނާ ބޭނުން ކުރަން ޖެހޭ އިރު، މީރާއިން މަސައްކަތް ކުރަމުން ދަނީ ވަރަށް ކުދި، ތޮއްޖެހިފައިވާ ތަންތަނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެކްސް ކޮމިޝަނަރު ވަނީ، މިހެން ކަންކަން ކުރިއަށްދާނަމަ، މީރާގެ މަސައްކަތްތައް ނުކުރެވޭނެ ކަމަށް، ކޮމިޓީގައި އިލްތިމާސްކުރައްވާފަ އެވެ. އޭނާ ވަނީ މިކަން ހައްލުކުރުމުގެ ގޮތުން ޕްރައިވެޓު ސެކްޓަރާ އެއްވަރުގެ މުސާރަތަކެއް ނުދެވުނަސް، ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނާ އެއްވަރުގެ މުސާރައެއް މީރާގެ މުވައްޒަފުންނަށް ލިބޭނެ ގޮތް ފަހިކޮށްދޭން މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.
ދައުލަތަށް ވަންނަ އާމްދަނީގެ 85 ޕަސެންޓް ބަލައިގަންނަނީ މީރާއިންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީރާއަށް ނުލިބި 13 ބިލިޔަން ރުފިޔާ ހުރިއިރު، އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ނުލިބި ހުރީ ރިސޯޓް ކުލީގެ ގޮތުގަ އެވެ. އެއީ ފަސް ބިލިޔަން ރުފިޔާ އެވެ.




