
ފުލުހުން މިއަދު ވަނީ އެ އޮޕަރޭޝަންގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި ހާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. ފުލުހުން މިއަދު ހެނދުނު މައުލޫމާތު ދިންގޮތުގައި މާލެއާއި ގއ.އަތޮޅުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ފުޅާ ދާއިރާއެއްގައި ގއ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމަށް އަޅަން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް، ފުލުހުން ބުނެފައި ވެއެވެ.
މި އޮޕަރޭޝަންގައި މިއަދު 10 ގެއެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އެމީހުންގެ ވަނަވަރު ފުލުހުން ވަނީ މިރޭ އާންމުކޮށްފައެވެ. ހައްޔަރުކުރި ހަތަރު މީހުންނަކީ؛
.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް އޮޕަރޭޝަން އަލިމަގުގެ ނަމުގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ފެށީ މިދިޔަ ނޮވެންބަރު މަހުއެވެ. މިދިޔަ ޑިސެންބަރު މަހު ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އޮޕަރޭޝަން އަލިމަގުގެ ދަށުން ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް 202 މީހަކު 31 ކިލޯގެ މަސްތުވާތަކެއްޗާއެކު ވަނީ ހައްޔަރުކޮށްފައެވެ.
އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 71 މައްސަލައެއް ބަލައި، ދައުވާކުރަން 34 މައްސަލައެއް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.




