
ސޯޝަލް މީޑިއާގައި އާންމުވެފައިވާ، އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯގައި ބުނެފައިވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނާ އެކު ގެނައި ބަދަލުތަކާ އެކު ކުންފުނީގެ އާމްދަނީގެ ބައެއް މާރުކުރަންޖެހޭތީ ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް ހައްލުކޮށްދޭން އިދާރާތަކާ އެކު އެކި ފަހަރު މަތިން މަޝްވަރާކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް އެކަމުގައި ހައްލެއް ލިބިފައިނުވާ ކަމަށާއި މިއަދާ ހަމައަށް ވެސް އެ ކުންފުނިން މުވައްޒަފުންނަށް ސާވިސް ޗާޖް ދެމުން ދިޔައީ ޑޮލަރުން ކަމަށް ބުނެފައިވެ އެވެ. އެކަމަކު ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ކުރިމަތިވި މާލީ ގޮންޖެހުންތަކާ އެކު މުވައްޒަފުންނަށް ސާވިސް ޗާޖު ޑޮލަރުން ދޭން ދަތިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޓޫރިޒަމް ވިޔަފާރިތަކަށް ކޮންމެ މަހެއްގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު ނުވަތަ އަންނަ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރު މަގުން މާރުކުރަން މަޖުބޫރުކޮށްފަ އެވެ.
މި ގަވާއިދުގެ ސަބަބުން ކުންފުނީގެ ހިންގުމަށާއި މުވައްޒަފުންނަށް ކުރިމަތިވެދާނެ ދަތިތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އެ މަޝްވަރާތަކުން މިހާތަނަށް އެދެވޭ ހައްލެއް ލިބިފައި ނުވާތީ، 2026 ޖެނުއަރީ 1، އިން ފެށިގެން އެ ގްރޫޕުގެ ހުރިހާ ރިސޯޓުތަކެއްގެ ދިވެހި އަދި ބޭރު މުވައްޒަފުންނަށް ސާވިސް ޗާޖު ދޭނީ ދިވެހި ރުފިޔާއިން ކަމަށް ވަނީ ކަނޑައަޅާފައެވެ.
ޑޮލަރު މާރުކުރުމުގެ ގަވާއިދު ތަންފީޒުކުރަން ފެށި ފަހުން، މިއަދާ ހަމައަށް މުވައްޒަފުންނަށް ޑޮލަރުން ފައިސާ ދިނުމަށް ކުންފުނިން ބޮޑެތި މާލީ ގޮންޖެހުންތަކަކާއެކު ގިނަ މަސައްކަތްތަކެއް ކުރިކަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް މިހާރު ވެސް މުސާރަ ދެމުންދަނީ ޑޮލަރުންނެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މުސާރަ ދޭނީ ޑޮލަރުން ކަމަށް ކުންފުނިން ކަނޑައަޅާފައި ވެއެވެ. އެހެން ނަމަވެސް، ކުންފުނީގެ ވިޔަފާރި ދެމެހެއްޓުމަށާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ސާވިސް ޗާޖު ރުފިޔާއިން ދިނުމަށް މިހާރު މަޖުބޫރުވެފައިވާ ކަމަށް މެމޯގައި ބުނެފައިވެ އެވެ.
ސަން ސިޔާމް ކުންފުނީގެ ދަށުން މިވަގުތު 6 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ސަން ސިޔާމް އިރުފުއްޓާއި ސަން ސިޔާމް އިރުވެއްޔާއި ސަން ސިޔާމް ވިލު ރީފުގެ އިތުރުން ސަން ސިޔާމް ޕަސިކުޑާގެ އިތުރުން އޮޅުވެލި އަދި ސިޔާމް ވޯލްޑް ހިމެނެއެވެ. އެ ކުންފުނީ ދަށުން ހިންގާ ރިސޯޓުތަކުގައި ގާތްގަނޑަކަށް ފަސްހާހެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޑޮލަރު ސިޔާސަތުގެ ސަބަބުން ޑޮލަރުގެ އަގު 20 ރުފިޔާއިން މައްޗަށް އަރައި، ބާޒަރުގައި މުދަލާއި ހިދުމަތުގެ އަގުތައް ވަނީ އުފުލިފަ އެވެ.




