ސަން ސިޔާމް އޭނާގެ ބައްޕަގެ ހަނދާނުގައި ބިނާކުރި މިސްކިތް.--
ސަން ސިޔާމް ބައްޕަގެ ހަނދާނުގައި ބިނާކުރި ރީތި މިސްކިތް ހުޅުވައިފި
މަރްޔަމް މުޙައްމަދު 19 ފެބްރުއަރީ 2026 (ބުރާސްފަތި)   23:56
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް، އޭނާގެ ބައްޕަގެ ހަނދާނުގައި ނ.ކުޑަފަރީގައި ބިނާކުރި ރީތި މިސްކިތް މިއަދު ހުޅުވައިފި އެވެ.

"މަސްޖިދު މުޙައްމަދު ޤާސިމް"ގެ ނަމުގައި ސިޔާމްގެ އުފަން ރަށް ކަމަށްވާ ކުޑަފަރީ ބަނދަރު ސަރަހައްދުތަކުގައި ބިނާކުރި މިސްކިތް ހުޅުވައިދެއްވީ ވެސް ސިޔާމެވެ. މިސްކިތުގެ ނަން ނިސްބަތްވަނީ ސިޔާމްގެ ލޮބުވެތި ބައްޕަ އަށެވެ.

މިއީ ދިވެހީންގެ ޤަދީމީ ތާރީޚާއި ސަގާފަތާއި ދިވެހީންގެ މަސައްކަތްތެރިކަމުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ ވަޑާމާއި ލަކުޑީގެ ވަޑާމާއި ލިޔެލާޖެހުމުގެ މަސައްކަތްތެރިކަމުގެ ފަންނާއި ހުނަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާނޭހެން ބިނާކުރެވިފައިވާ މިސްކިތެކެވެ. މާލޭ ހުކުރު މިސްކިތް އަސްލަކަށް ބަލައި އޭގެ ނަކަލެއް ކަމަށް ބެލެވޭ ގޮތަށް ފަރުމާކޮށްފައިވާ މިސްކިތުގެ އެތެރޭގެ ލަކުޑީގެ ވަޑާންގަނޑުގައި މުޅީން ވެސް ބޭނުން ކޮށްފައި ވަނީ ހައިވަކަރެވެ.

މިސްކިތުގެ ދެ ފަރާތުންނާއި މިސްކިތުގެ ކުރިމަތީން މިސްކިތަށް އެރޭ ގޮތަށް ތިން ދޮރު ލައިފައި ވެއެވެ. މާލޭ ހުކުރު މިސްކިތުގައި ހުރި ހިރިގަލުގެ ކުރެހުންތައް ފެންނާނޭހެން މުޅި މިސްކިތް ރާނާފައި ވަނީ ހިރިގަލުގެ ކަނޑާނެގުންތައް ފެންނާނޭހެންނެވެ. ނަމަވެސް މި މިސްކިތުގައި ބޭނުންކޮށްފައި ވަނީ ހިރިގަލެއް ނޫނެވެ. މިސްކިތުގެ ދޮރުތަކުގައި ވެސް ހުރީ ހައިވަކަރު ލަކުޑި ކަނޑާ ނަގައިގެން ފަންނުވެރި ހުނަރުވެރި ނަމޫނާ މަސައްކަތްތަކެއް ކޮށްފައެވެ.

މާލޭ ހުކުރު މިސްކިތުގެ ލަކުޑިތަކުންނާއި ހިރިގަލުން ފެންނާން ހުރި ކަނޑާ ނެގުންތަކާ އެއްގޮތް ޑިޒައިންތައް މި މިސްކިތުން ފެންނާން އެބަހުއްޓެވެ. މިސްކިތާއެކު ވަރަށް ބޮޑު މުންނާރެއް ވެސް ބިނާކޮށްފައި ވެއެވެ. މުންނާރުގެ ފަރުމާ ވެސް ވައްތަރުކޮށްފައި ވަނީ މާލޭ ހުކުރު މިސްކިތުގެ މުންނާރާއެވެ. މުންނާރުގެ ތެރޭގައި ވުޟޫކުރެވޭނޭ ގޮތަށް އިސްކުރުތައް ހަރުކޮށްފައި ވެއެވެ.

މި މިސްކިތަކީ ދިވެހި ތާރީހާއި ދިވެހީންގެ މަސައްކަތްތެރިކަން ދައްކުވައިދޭ ކުރީ ޒަމާނުގެ މިސްކިތްތައް ފަދައިން މި މިސްކިތްވެސް ކުރިމަގުގައި ވެގެންދާނީ ދިވެހީންގެ މަސައްކަތްތެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ.

ކުޑަފަރީގައި މިހާރުވެސް ސިޔާމް އަޅުއްވައިދެއްވައިފައިވާ މިސްކިތެއް ހުރެއެވެ. "މަސްޖިދު ޝަމީމާ ޢަބުދުﷲ" ގެ ނަން ދީފައިވާ އެ މިސްކިތް ނިސްބަތްވަނީ އޭނާގެ ލޮބުވެތި މަންމަ އަށެވެ.

ކޮމެންޓް