ވެލާ ޕްރައިވެޓް އައިލެންޑް.--
ވެލާ ކޮންމެ މުވައްޒަފަކަށް ޖެނުއަރީމަހު މުސާރައިގެ އިތުރުން 66،568 ރުފިޔާ
ހަސަން އިބްރާހީމް 31 ޖެނުއަރީ 2026 (ހޮނިހިރު)   20:45
މި ނިމުނު ޖެނުއަރީ މަހު، ރިސޯޓް މުވައްޒަފުންނަށް ސާވިސްޗާޖު ދިނުމުގައި އެންމެ ގިނައިން ސާވިސް ޗާޖު ލިބުނީ ނ.އަތޮޅުގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑްގެ މުވައްޒަފުންނަށެވެ

ރިސޯޓް ވޯކާސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން، ވެލާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ލިބުނީ 1875.45 ޑޮލަރެވެ. ފިޔެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ އިތުރުން އޯނާސް ބޯނަސްގެ ގޮތުގައާއެކު ޖެނުއަރީ މަހު ކޮންމެ މުވައްޒަފަކަށް 4،317 ޑޮލަރު ލިބެއެވެ. ރަސްމީ ރޭޓުން ބަލާނަމަ އެއީ 66،568 ރުފިޔާއެވެ. ރަސްމީ ރޭޓް 15.42 ގައި ހުރި ނަމަވެސް މި ދުވަސްވަރު ބްލެކް މާކެޓްގައި ޑޮލަރު އާންމުގޮތެއްގައި އުޅެނީ 20 ރުފިޔާ އަށެވެ.

ވެލާއަށް ފަހު ޖެނުއަރީ މަހު އެންމެ ގިނައިން ސާވިސް ޗާޖު ލިބުނީ ކ. އަތޮޅުގައި ހިންގާ ވޮލްޑޯފް އެސްޓޯރިއާ އިންނެވެ. އެއީ 4،117 ޑޮލަރެވެ.

ރިސޯޓް ވޯކާސް ޕޭޖުން ގިނަ ރިސޯޓުތަކުގެ ސާވިސް ޗާޖު މައުލޫމާތު އާންމުކޮށްފައިވާއިރު، މިހާތަނަށް ހުރި ހިސާބުތަކުން 4،000 ޑޮލަރަށް ވުރެ ގިނައިން ސާވިސް ޗާޖު ލިބުނީ ހަމައެކަނި ވެލާ އާއި ވޮލްޑޯފުންނެވެ.

ތިންވަނަ އަށް އެންމެ ގިނައިން ސާވިސް ޗާޖު ލިބުނީ ކ.އަތޮޅުގައި ހިންގާ ރިޓްޒް ކާލްޓަން ފަރި އައިލެންޑް އިންނެވެ. އެއީ 3،988 ޑޮލަރެވެ.

ޖެނުއަރީ މަހު އެންމެ މަތިން ސާވިސް ޗާޖު ލިބުނު 10 ރިސޯޓު:

  1. ވެލާ ޕްރައިވެޓް އައިލެންޑް - 4317 ޑޮލަރު
  2. ވޮލްޑޯފް އެސްޓޯރިއާ - 4117 ޑޮލަރު
  3. ރިޒް ކާލްޓަން ފަރި އައިލެންޑް - 3988 ޑޮލަރު
  4. ޝެވަލް ބްލޮންކް ރަންދެލި - 3655 ޑޮލަރު
  5. ފޯ ސީޒަންސް ލަނޑާގިރާވަރު - 3037 ޑޮލަރު
  6. ޖޯލި މޯލްޑިވްސް - 2650 ޑޮލަރު
  7. ވަން އެންޑް އޮންލީ ރީތި ރަށް - 2400 ޑޮލަރު
  8. ޖޯލި ބީން - 2252 ޑޮލަރު
  9. ސޮނެވާ ފުށި - 2199 ޑޮލަރު
  10. ޕާކް ހަޔަތު - 2026 ޑޮލަރު


މިދިޔަ އަހަރުގެ ޖެނުއަރީގައި އެންމެ ގިނައިން ސާވިސް ޗާޖު ދިނީ ރިޒް ކާލްޓަން އިންނެވެ. އެއީ 4،409 ޑޮލަރެވެ.

އޭގެ ކުރިން، 2024 އާއި 2023 ވަނަ އަހަރު އެ ލިސްޓުގައި އެންމެ ކުރީގައި އޮތީ ވޮލްޑޯފް އެސްޓޯރިއާ އެވެ

ކޮމެންޓް