ވެލިދޫ ދާއިރާ މެންބަރު މުޙައްމަދު ޢައްބާސް އާއި މީދޫ ދާއިރާ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު.--
ސާވިސް ޗާޖް ރުފިޔާއިން ދެނީ އެނޫން އެއްވެސް ގޮތެއް ނެތިގެން - އައްބާސް
ޖުނާން އަޙުމަދު 15 ޖެނުއަރީ 2026 (ބުރާސްފަތި)   18:46
ސަން ސިޔާމް ކުންފުނީގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޑޮލަރުން ދެމުން އައި ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަށް ނިންމި ނިންމުމަކީ އެ ކުންފުނިން މިދިޔަ 25 އަހަރު ތެރޭގައި ނިންމި އެންމެ އުދަގޫ ނިންމުން ކަމަށާ އަދި އެ ނިންމުން އެގޮތަށް ނިންމީ އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވެއްޖެ އެވެ.

މެންބަރު އައްބާސް އަކީ ސަން ސިޔާމް ކުންފުނީގެ ވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު އުފެއްދަވައި ލީޑަރުކަން ކުރައްވަމުން ގެންދަވާ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރެވެ. ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރައްވަނީވެސް ސިޔާމްގެ އިތުރުން އައްބާހެވެ.  

ސިޔާމް ރިސޯޓުތަކުގެ ސާވިސް ރުފިޔާއިން ދޭން ނިންމުމާ ގުޅިގެން އެކަމަށް ގިނަބަޔަކު ފާޑުކިޔަން ފެށުމާއެކު، އައްބާސް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓްގައި ވަނީ އެ ނިންމުން ސިފާއުކުރައްވާފައެވެ.

"ސަން ސިޔާމް ކުންފުނިން މުވައްޒަފުންނަށް ޑޮލަރުން ދެމުންދިޔަ ސާވިސް ޗާޖް ދިވެހި ރުފިޔާއިން ދޭގޮތަށް ނިންމެވި ނިންމެވުމަކީ ސަން ސިޔާމް ކުންފުނިން މިދިޔަ 25 އަހަރު ތެރޭގައި ނިންމެވި އެންމެ އުދަގޫ އަދި އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެން ނިންމެވި ނިންމެވުމެއް!" އައްބާސް ލިޔުއްވާފައި ވެއެވެ.

ސަން ސިޔާމް ރިސޯޓުތަކުގެ މި ނިންމުމުގެ ހުރިހާވެސް ސަބަބަކީ ސަރުކާރުގެ ސިޔާސަތު ކަމަށް އައްބާސް ވިދާޅުވެފައި ވެއެވެ.

"ފަތުރުވެރިކަމުގެ ހިދުމަތް ދެމުންދާ ފަރާތްތަކުގެ މަސްވަރާއާއި ލަފާތަކަށް ބެލުމެއް ނެތި ގޮތްދޫނުކުރުމާއި، ބޮޑާކަން އިސްކޮށް، ގަދަބަސްބުނެ ސަރުކާރުން ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދަށް  ގެނައި ބަދަލުތަކާއެކު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޓޫރިޒަމް ވިޔަފާރިތަކަށް ކޮންމެ މަހެއްގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު ނުވަތަ އަންނަ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރު މަގުން މާރުކުރަން ވަނީ، މަޖުބޫރުކޮށްފައި. މީ މިސަރުކާރުން ފަތުރުވެރިކަމަށް އިންވެސްޓުކޮށްފައިވާ ފަރާތްތަކަށް އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އާއިލާތައް ކުޑަކަކުލަށް ތިރިކޮށް އާއިލާތަކަށް ދަތިކޮށް ބިކަކުރުމަށް ނިންމި ޖާހިލު އަމަލެއް."

އައްބާސް ސިފަކުރައްވާފައިވާ ގޮތުގައި އަދުގެ ސަރުކާރަކީ "ރައްޔިތުންނަށް ދޮގުބުނާ މަކަރުވެރި އަނިޔާވެރިވާ އަދި ރައްޔިތުން މަގުމަތިކުރާ ވަރަށް ޖާހިލު" ސަރުކާރެކެވެ.

ސަން ސިޔާމް ރިސޯޓްސް އިން ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދޭން ނިންމިއިރު، ސާވިސް ޗާޖަކީ ބޭރު ފައިސާގެ އިލްތިޒާމެއްގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަލައިގަންނަ ކަމެކެވެ. މިހެންކަމުން، ކޮންމެ މަހެއްގެ މައްޗަށް މާރުކުރަން ޖެހޭ "ގްރޮސް ސޭލްސް ޕްރޮސީޑްސް" ހިސާބުކުރާއިރު، މި ބައި އުނިކުރެވެއެވެ. އަދި، މިއީ މާރުކުރަން ޖެހޭ 20 ޕަސެންޓުގެ ތެރޭގައި ހިމެނޭ އަދަދެއް ނޫނެވެ.

ކޮމެންޓް