
މިނިސްޓަރު މިހެން ވިދާޅުވީ، 'ދިވެއްސަށް ކޮށިވެ އިސްލާމް ވެސް އިނގިރޭސިން ކިޔައިދޭ ހިސާބުގައި' މައުލޫއަށް މިހާރު ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް މިއަދު ފޭސްބުކްގައި ހިއްސާ ކުރައްވައެވެ.
މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިސްލާމް މުގައްރަރު ޒަމާނަށް ފެތޭ ގޮތަށް އަދި މި ޒަމާނުގެ ޖީލަށް ވިސްނޭނެ ގޮތަށް ފަސޭހަ އިބާރާތަކުން އަލުން ލިޔަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހިމެނޭ އިސްލާމް މުގައްރަރު މިޒަމާނުގެ ވަޒީރު ވިދާޅުވީ، އިސްލާމް މުގައްރަރު ޒަމާނަށް ފެތޭގޮތަށް ބަދަލު ކުރުމުގެ އިތުރުން ފޮތްތަކުގެ ވައްޓަފާޅިއާއި ލޭއައުޓަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި މުގައްރަރުގެ މުހިންމު ބައިތައް ހިމަނައިގެން، ކުދިންގެ ގްރޭޑާއި އުމުރުފުރާއަށް ގުޅޭގޮތަށް މުޤައްރަރު ބަދަލު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރައްވާފައި ވެއެވެ.
މީގެ އިތުރުން، އިސްލާމް މާއްދާގެ ތެރޭގައި ހިމެނޭ އިސްލާމީ އެކި ދާއިރާތަކުގެ މައުލޫމާތުތައް، އެކި މަރުހަލާތަކަށް ވަކި މާއްދާތަކެއްގެ ގޮތުގައި ބަހާލުމަކީވެސް ރަނގަޅު ކަމެއް ކަމަށާ، އަދި މިއީ ދަރިވަރުންނަށް އެ މާއްދާގެ ކަންކަން އޮޅުންފިލުވައިދިނުމަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި ޝަހީމް ފާހަގަކުރެއްވިއެވެ.
އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމާ ގުޅޭގޮތުން ޝަހީމް ވިދާޅުވީ، އިސްލާމް މާއްދާ ދަރިވަރުންނަށް ބޮޑަށް ފަހުމްވަނީ އިނގިރޭސިބަހުން ކަމަށްވާނަމަ، އެ މާއްދާ އިނގިރޭސިބަހުން ކިޔަވައިދިނުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫންކަމަށެވެ.
"އިސްލާމް މާއްދާ ބޮޑަށް ދަރިވަރުންނަށް ފަހުމްވަނީ އިނގިރޭސި ބަހުން ކަމަށް ވާނަމަ އެ މާއްދާ އިނގިރޭސިބަހުން ކިޔަވައިދިނުމަކީ މައްސަލައެއް އޮތްކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. ދިވެހި ބަސް މާއްދާ އެއްގެ ގޮތުގައި ކިޔަވައިދިނީމަ ދިވެހިބަސް ކުރިއަރާނެ" ޑރ.ޝަހީމް ލިޔުއްވާފައި ވެއެވެ.
ނަމަވެސް ދިވެހިބަސް އެންމެ ބޭނުންވާ މިންވަރަށް ކުރިއަރުވަން ބޭނުންނަމަ މުޅި ތައުލީމީ ނިޒާމު ދިވެހި ބަހަށް ބަދަލުކުރަން ޖެހޭނެ ކަމަށާއި، އެއީ ރާއްޖެއަށް އެންމެ މުނާސަބު ގޮތް ކަމަށް ނުވެދާނެ ކަމަށްވެސް ޝަހީމް ވިދާޅުވެފައި ވެއެވެ. އަދި މިވާހަކަ އަކީ މިނިސްޓަރު ޝަހީމްގެ "އަމިއްލަ ހިޔާލު" ކަންވެސް އެ ޕޯސްޓްގައި ފާހަގަކުރައްވާފައި ވެއެވެ.




