ރައީސް މުއިއްޒު ށ.ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
2026ގެ ބަޖެޓުގައި ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއަށް ބިލިޔަން ރުފިޔާ ކަނޑައަޅާނަން
މަރްޔަމް މުޙައްމަދު 16 އޮކްޓޯބަރ 2025 (ބުރާސްފަތި)   09:44
2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 500 މިލިޔަން ރުފިޔާ ސިއްހީ ދާއިރާއަށް، އަދި 500 މިލިޔަން ރުފިޔާ ތައުލީމީ ދާއިރާއަށް އެކަށައަޅުއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ސަރުކާރުން ތަރައްގީގެ މަސައްކަތްތައް ކުރައްވަމުންގެންދަވާ ތަރުތީބަށް އިޝާރާތްކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެގެންދާނީ، ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށްކަމަށާ، އަދި މި ދެ ދާއިރާގެ ތަރައްގީ ކަށަވަރުކުރެއްވުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަވާނޭ އައު މަޝްރޫއުތަކެއް ބަޖެޓުގައި ހިމަނުއްވާނޭކަމަށެވެ.

ސިއްހީ ދާއިރާއާށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސަރޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި، 2026 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނޭކަމަށާ، އެގޮތުން މާލެ އާއި، ސަރަޙައްދީ ހޮސްޕިޓަލުތަކާއި، ވަކި ވަކި ރަށްތަކެއްގައި ސިއްހީ ހިދުމަތް ފުޅާކުރެއްވުމަށް މަސައްކަތްތައް ކުރިއަށްގެންދަވާނޭކަމަށެވެ.

އަދި މި މަސައްކަތްތައް ކުރައްވާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއަރ އަށް ސަމާލުކަން ދެއްވައިގެންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާއާ ގުޅޭގޮތުން ވާހަކަދައްވަމުން އެ ދާއިރާގައި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނޭ ދެ ކަމެއް، ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން އިންކްލޫސިވް އެޑިއުކޭޝަނާއި މަތީ ސާނަވީ ތައުލީމު މުޅި ރާއްޖެއަށް ފުޅާކުރުން ކަމަށާ، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބޭނުންވާ އިންކްލޫސިވް ކްލާސްރޫމްތައް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގާއިމުކުރެއްވުމުގެ މަސައްކަތާއި، ސްޕެޝަލް އެޑިއުކޭޝަން ދާއިރާއިން އިތުރު މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްގެންދިއުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވި ނަމަވެސް، މިއަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމަށް ހާއްސަ ބަޖެޓަކަށް ވާނެކަމަށް މިއަހަރުގެ ބަޖެޓު ފާސްކުރި އިރުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު މި އަހަރު ނިމި އްެމަނިކުފާނުގެ ރިޔާސީ ދައުރުވެސް ދެބައިވެގެން މިދަނީ ބޯހިޔާވަހި ކަމުގެ އެއްވެސް މަޝްރޫއެއްގެ އެންމެ ބިންގަލެއްވެސް ނޭޅިކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ކޮމެންޓް
ފއދމ
5 months ago
ކަޑައެޅީމަ ނިމުނީދޯ ތިގޮތއް މިއަހަރުމީ ބޯހިޔާވަހި ކަމުގެ ބަޖެޓް އަދިނުވޭ އެއްވެސް ކަމެއް އަހަރުނިމުނީ ތީހުސް ސަޅިބައިސާ ކަނޑާ ބައިގަޑެއް...
ހުސްއަނގަ
5 months ago
ހުސްއަނގަތަޅާމީހެއް.އެއްވެސްކަމެއްނުވޭ.ވިއްޔާވަނީރައްޔިތުންނިކަމެތި.