އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު.--
ހާމަކަން ބޮޑުކޮށް ފަތުރުވެރިންނަށް ކާންދިނުން ހުއްޓާލުމަށް އިލްތިމާސްކޮށްފި
މަރްޔަމް މުޙައްމަދު 20 ފެބްރުއަރީ 2026 (ހުކުރު)   12:03
ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށުގައި، ރަމަޟާން މަހުގެ ދުވާލުގެ ވަގުތުތަކުގައި އާންމުކޮށް ފެންނަހެން ރެސްޓޯރެންޓްތައް ހުޅުވައިގެން ފަތުރުވެރިންނަށް ކާންދިނުން ހުއްޓާލުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިލްތިމާސް ކުރައްވައިފި އެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމްގައި "ރަމަޟާން މަހުގެ މަތިވެރިކަން" މި މައުޟޫއަށް ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރޯދަ މަހުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. 

އެގޮތުން ފަތުރުވެރިކަން އޮތް ރަށްރަށުގައި ފަތުރުވެރިންނަށް ކާންދޭންވާނީ ހާމަކަން ބޮޑު ގޮތެއްގައި ނޫންކަމަށާއި، އެކަމަށް ޚާއްސަ ކުރެވިފައިވާ ތަންތަނުގައި ނިވާކަން ހުރި ގޮތަށް އިންތިޒާމުތައް ހަމަޖެއްސިދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތައް ހުރިއިރު، ރަށު ކައުންސިލްތަކުން އެކަންކަން ތަންފީޒުކުރަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކައިގާ، އިސްލާމް ދީނަށްވުރެ މުހިންމު ކަމެއް ނޯންނާނެކަން ފާހަގަކުރައްވައި، ރޯދަ މަހުގެ ހައިބަތާއި ޤަދަރު ކުޑަވާގޮތަށް އަމަލުކުރާނަމަ އަންނަން އޮތް ޖީލުތަކުގެ ހިތްތަކުގައި ދީނަށް އޮންނަ ލޯބި ކުޑަވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. 

މީގެ އިތުރުން ހުކުރު ވަގުތުތަކުގައި ވެސް ވިޔަފާރިތައް ހުޅުވައި ކުޅިވަރު ކުޅުމުގައި ވަގުތު ހޭދަނުކުރުމަށާއި، ޤުރުއާނާއި ސުންނަތުގައިވާ މަގުން ކަސިޔާރު ނުވުމަށް ވަޒީރު ވަނީ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކޮމެންޓް