ބިންހެލުން އައިކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާއިން ބުނެފައިވާ ސަރަހައްދު
ރާއްޖެއާ މާ ދުރުނޫން ހިސާބަކަށް ބިންހެލުމެއް އަތުވެއްޖެ
ސުނާމީއެއް އުފެދިދާނެ ކަމުގެ ބިރެއް އަދި ނެތް
މަރްޔަމް މުޙައްމަދު 20 ޖެނުއަރީ 2026 (އަންގާރަ)   20:31
ރާއްޖެއާ މާ ދުރުނޫން ހިސާބަކަށް ބިންހެލުމެއް އަތުވެއްޖެ ކަމަށް އަވައްޓެރި އިންޑިއާގެ ކަމާބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

4.7 މެގްނެޓިއުޑް ބާރުމިނުގައި އައިސްފައިވާ މި ބިންހެލުން އައީ، ރާއްޖެއާ ގާތްގަނޑަކަށް ބާރަސަތޭކަ ކިލޯމީޓަރު ފެއިންނެވެ.

އަވައްޓެރި އިންޑިއާގައި ބިންހެލުން މޮނީޓަރު ކުރުމަށް ގާއިމްކޮށްފައިވާ މަރުކަޒު ކަމަށްވާ " ނޭޝަނަލް ސެންޓަރ ފޮރ ސެއިސްމެލޮޖީ" އިން އެކްސްގައި ބުނެފައި ވަނީ މި ބިންހެލުން އައިސްފައި ވަނީ 10 ކިލޯމީޓަރު އަޑިން ކަމަށެވެ.

ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއެއްގެ ބަހެއް މިކަމުގައި އަދި ނެތް ނަމަވެސް، އަވައްޓެރި އެއްވެސް ގައުމަކުން ސުނާމީގެ އިންޒާރެއް ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މީގެ ދެހަފްތާ ކުރިންވެސް ރާއްޖެ ކައިރިއަށް ބިންހެލުން އައިސްގެން ރިޕޯޓްކޮށްފައިވާ ކަމަށް މެޓް އޮފީސް (މޫސުމާއި ބެހޭ ގައުމީ އިދާރާ) އިން ހާމަކޮށްފައި ވާއިރު، އެ ބިންހެލުން އައީ އައްޑޫސިޓީއާ 17911 ކިލޯމީޓަރު ދުރަށް ކަމަށާ، ބިނެހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށް ވެސް މެޓުން އޭރު ބުންޏެވެ.

ކޮމެންޓް