
މީޑިއާ އަށް މައުލޫމާތު ދެމުން މެޓުން ބުނީ، ވައިގެ ތެރޭގައި ހިމެނޭ ނުރައްކާތެރި މާއްދާއެއް ކަމަށްވާ "ފައިން ޕާޓިކިއުލޭޓް މެޓާ" (ޕީއެމް2.5) ގެ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށެވެ.
އެހެންކަމުން މިހާރު ވައިގެ ނުސާފުކަން ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 14.2 މައިކްރޯ ގްރާމްގައި ކަމަށްވާއިރު، މިއީ މީގެ ފާއިތުވި ހަފްތާއާ އަޅާބަލާއިރު ވަރަށް ބޮޑު ބަދަލެއް ކަމަށް ވެސް މެޓުން ބުނެއެވެ.
އަދި ކުރިއަށް އޮތް ދެ ތިން ދުވަހު ވެސް ދުންފުހުގެ އަސަރު ހުންނާނީ މިހާރެކޭ އެއްގޮތަށް ދަށް މިންވަރެއްގައި ކަމަށާ، އެހެން ނަމަވެސް މި ދުވަސްވަރު ބައެއް ފަހަރު ދުންފުހުގެ އަސަރު މައްޗަށް ގޮސްފައި އަނެއްކާވެސް ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.
އާންމުގޮތެއްގައި ދުންފުހުގެ އަސަރު ރާއްޖެއަށް ކުރަނީ ވައިގެ މިސްރާބު އިރުވައި މޫސުމުގައި ހުންނަ ގޮތުން، އަވަށްޓެރި ގައުމުތަކުން އަންނަ ހިރަފުހާއި ދުންފަދަ މާއްދާތަށް ވައިގެތެރޭގައި މައްސުނިވެ އުފެދޭ ކިލަނބުކަމަކުންނެވެ.




