
މެޓުން މީޑިއާގައި ބުނެފައި ވަނީ، އައިކިއުއެއާއިން ދައްކާ ގޮތުގައި، މިއަދު މާލޭގެ ވައިގެ ކޮލިޓީ އުޅެނީ 111 ގައި ކަމަށާ، މާލޭގެ ވައިގައި، ކޮންމެ ކިއުބިކް މީޓަރަކަށް 39.8 މައިކްރޯގްރާމުގައި ދުމާއި ކުނޑި އަދި ހިރަފުސް އުޅޭކަމަށެވެ.
އަދި ސިއްހަތާ ބެހޭ ޖަމިއްޔާއިން ކަނޑައަޅާފައިވާ ވަރަށް ވުރެ، އަށް ގުނަ އިތުރު އަދަދަކަށް ވައިގައި ހިރަފުސް އެކުލެވިގެންވާ ކަމަށް ބުނެ، މެޓުން ހާމަކުރީ ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް، ހާއްސަކޮށް މާލެ އަތޮޅުގެ ރަށްތަކަށާއި، ރާއްޖޭގެ އުތުރަށް ދުންފުހުގެ އަސަރު ވަރަށްބޮޑަށް ކުރާނެ ކަމަށެވެ.
މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުގައިވެސް ވައި ނުސާފުވާނެ ކަމަށާ، މާލެ ސަރަހައްދުން ދުރު ފެންނާނީ ތިން ކިލޯމީޓަރަށް ކަމަށްވެސް މެޓުން ބުންޏެވެ.
ދުންފުހުގެ އަސަރު ރާއްޖެއަށް ބޮޑު ދުވަސްވަރެއް - ފޮޓޯ: ފިޔެސް
އެހެންކަމުން ނާޒުކު ހާލަތުގައިވާ ފަރާތްތަކާއި، ނޭވާލާ ނިޒާމުގައި މައްސަލަ ދިމާވާ ފަރާތްތައް އެކަމަށް ސަމާލުވުމަށް މީގެ ކުރިން އެޗްޕީއޭއިން ވެސް އިލްތިމާސްކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ.
އެހެންކަމުން ބޭރަށް ނިކުންނަވާނަމަ މާސްކު ބޭނުންކުރެއްވުމަށާއި، ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކޮށްފައި ވެއެވެ.




