މޯލްޑިވިއަން އެއާޓެކްސީ ވެލިދޫގައި.-- ފޮޓޯ: ޓްރިއޯ ފޮޓޯސް
ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށައިފި
23 ޖެނުއަރީ 2026 (ހުކުރު)   17:11
ކުރިން އިއުލާން ކޮށްފައި އޮތްގޮތަށް، ނ.ވެލިދޫ އަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް މިއަދު ފަށައިފިއެވެ.

ސީޕްލޭން ދަތުރުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްފަހު ވެލިދޫއަށް ޓެސްޓް ފްލައިޓް ޖެއްސީ އިއްޔެ އެވެ. ވެލިދޫގައި ރަސްމީކޮށް ސީޕްލޭންގެ ހިދުމަތް ފެށުމަށްޓަކައި މިއަދު މެންދުރުފަހު ދެ ސީޕްލޭން ވަނީ އެރަށަށް ޖައްސާފައެވެ. އޭގެ ތެރެއިން އެއް ފްލައިޓްގައި ޒިޔާރަތް ކުރެއްވީ ސަރުކާރާއި މޯލްޑިވިއަންގެ އިސްވެރިންނެވެ.

ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން މިއަދު މެންދުރު ފަހު ވަނީ އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި މޯލްޑިވިއަންގެ އިސްވެރިން އަދި ވެލިދޫ އާއި އެ ރަށާ ކައިރީގައި އޮންނަ ފޮއްދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވީ ވެލިދޫއަށް ސީޕްލޭންގެ ހިދުމަތް ފެށުމުން އެ ސަރަހައްދުގެ ލޯކަލް ޓޫރިޒަމަށް އިތުރު ދޮރުތައް ހުޅުވުމުގެ އިތުރުން އާންމުންގެ އަސާސީ ބޭނުންތަކަށް އަދި ވިޔަފާރި އާއި އެހެނިހެން ބޭނުންތަކަށް ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

އެ ރަސްމިއްޔާތަށްފަހު ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން ފިޔެސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ހިދުމަތް ވެލިދޫގައި ގާއިމުކުރުމަށް އެކިގޮތްގޮތަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާ، މިއަދު އެ ދަތުރުތައް ފެށިގެން ދިޔުމަކީ ވެލިދޫ ރައްޔިތުންގެ އިތުރުން ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށްވެސް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި "ވިޒިޓް ވެލިދޫ" ގެ ނަމުގައި ކައުންސިލުން ކުރިއަށް ގެންދާ ކެމްޕޭނަށް ލިބޭ ވަރަށް ބޮޑު އެއްބާރުލުމަކަށް ސީޕްލޭން ދަތުރުތައް ވެގެންދާނެ ކަމަށްވެސް އާތިފް ވިދާޅުވިއެވެ.

މިއަދު ވެލިދޫއަށް ދިޔަ ކޮމާޝަލް ފްލައިޓުން 15 ދަތުރުވެރިއަކު ދިޔައިރު އޭގެތެރެއިން 5 މީހުންނަކީ ފަތުރުވެރިންނެވެ.  

މޯލްޑިވިއަނުން ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފަށާފައިވާއިރު، މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ދެ ދުވަހުއެވެ. އެގޮތުން ކޮންމެ ހަފްތާއަކު ބުދަ ދުވަހާއި ހުކުރު ދުވަހު ދަތުރު ކުރުމަށް ވަނީ ޝެޑިއުލް ކޮށްފައެވެ. ދަތުރުގެ އެއްކޮޅު ޓިކެޓެއް އަގު ދިވެހިންނަށް 999 ރުފިޔާއަށް ލިބޭއިރު، ޓޫރިސްޓުންނަށް ޓިކެޓް ލިބެނީ ކޮޅަކަށް 93 ޑޮލަރަށެވެ.  

ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. 2025 ޖުލައި 23 ގައި ވެލިދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ވެލިދޫ ކައިރި އޮންނަ ވިހަފަރުގައި އެއާޕޯޓެއް ގާއިމުކުރެވެންދެން ވެލިދޫއަށް ހާއްސަކޮށްގެން ސީޕްލޭން ޕްލެޓްފޯމެއް އަންނަ ޖެނުއަރީ މަހު ގާއިމުކޮށްދީ އޮޕަރޭޝަން ފަށައިދޭނެ ކަމަށެވެ.

"ދެން އެ އެއާޕޯޓު (ވިހަފަރު އެއާޕޯޓު) ގާއިމު ކުރެވެންދެކަށް ވެސް އަދި ފަހުން ވެސް ބޭނުންވަންޏާ ބޭނުން ކުރުމަށްޓަކައި އަޅުގަނޑުމެން މި ރަށަށް ހާއްސަކޮށްގެން ސީޕްލޭން ޕްލެޓްފޯމެއް މި އަންނަ އަހަރު ޖެނުއަރީ މަހު ގާއިމުކޮށްދީ ރެގިއުލާ ސީޕްލޭން އޮޕަރޭޝަން ފަށައިދޭނަން،" ރައީސް ވިދާޅުވެފައި ވެއެވެ. 

ސީޕްލޭން ދަތުރުތައް ވެލިދޫ އަށް މިއަދު ފެށިނަމަވެސް، ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ވިހަފަރު ފަޅުގައި އެއާޕޯޓް ތަރައްގީކުރުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް އަދި މިހާތަނަށް ކޮށްފައެއް ނުވެއެވެ. 

ކޮމެންޓް