
ރާފުށީގައި ތަރައްގީކުރާ ރިސޯޓުގެ ސީޕްލޭން އޮޕަރޭޝަންތަކުގައި ބޭނުންކުރަން ކަމަށް ބުނެ ރާފުށި އެއްބަސްވުމާއެކު އެރަށް ދޫކޮށްފައި ވަނިކޮށް މިމުއާމަލާތް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ވެސް ހިމެނޭކަން ސަރުކާރުގެ ސަމާލުކަމަށް އައެވެ. އެ އެއްބަސްވުން އެގޮތަށް ހަދާފައި ވަނީ 2015 އެޕްރީލް 23 ގައި ރައީސް ޔާމީންގެ ވެރިކަމުގައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެއްބަސްވުން ހެދި ނަމަވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޔާމީން ވެލިދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން، ވިހަފަރުގައި އެއާޕޯޓް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ. "ދެން އަޅުގަނޑު ވެލިދޫއަށް އަންނާނީ ވިހަފަރު އެއާޕޯޓް މަގުން" އެ ޖަލްސާގައި ޔާމީން ވިދާޅުވިއެވެ.
ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ ވިހަފަރުގައި އެއާޕޯޓެއް އެޅުއްވާނެކަމަށް ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުފުޅަށް ފަހު ވެސް އެ މަސައްކަތް ކުރިއަށް ނުގޮސް އޮއްވާ، މިދިޔައަހަރުގެ ޖުލައި މަހު ރައީސް މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ، އެ ވައުދުފުޅު ތަކުރާރުކުރެއްވިއެވެ، އެހެންކަމުން މިއީ ކުރީގެ ވައުދުފުޅު ފުއްދަވާނެކަމުގެ ވައުދުފުޅެއްގެ ގޮތުގައި އެއަތޮޅުގެ ގިނަބަޔަކު ސިފަކުރިއެވެ.
"ވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގަ އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އަޅުގަނޑު ނިންމާފައިވާކަން ތިބޭފުޅުންނަށް މި ޖަލްސާގައި އަޅުގަނޑު އިއުލާންކުރަން. އޭގެ ފައިދާ މިރަށާ، ވެލިދޫ، ފޮއްދޫ ދެން މިތާކައިރި ރިސޯޓްތައް ހުރުމާއެކު އިގުތިސާދީ ފައިދާކުރާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.
އޭގެ ކުރިން 2024 ގައި، މި ސަރުކާރުން އަލަށް އެއާޕޯޓު އަޅަން ނިންމި ރަށްރަށާއި ފަޅުތަކުގެ ތެރޭގައި ވިހަފަރު ވެސް ހިމަނައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު އިއުލާނު ކުރެއްވި ނަމަވެސް މި އަހަރުގެ މެއިމަހުގެ 3 ވަނަ ދުވަހު ރައީސް މުއިއްޒު ބޭއްވި ޕްރެސް ކޮންފަރެންސްގެ ކުރިން އެއާޕޯޓް އަޅާ ރަށްތައް ހާމަކުރެއްވުމަށް ދެއްވި ޕްރެޒެންޓޭޝަންގައި ދެއްކި ރަށްތަކުގެ ތެރޭގައި ވިހަފަރު އޮތީ ނުހިމެނިއެވެ.
އެހެން އޮއްވާ، އީއައިއޭ (ތިމާވެށްޓަށް އަސަރު ކުރާނެ މިންވަރު) ވެސް ބެލުމެއްނެތި ވިހަފަރު ފަޅު ހިއްކަން ދެ އެކްސްކެވޭޓަރުގެ އެހީގައި އިއްޔެ މިވަނީ ފަށާފައެވެ.
ފިޔެސް އަށް މިއަދު މައުލޫމާތު ލިބިފައިވާ ގޮތުގައި އީއައިއޭ ހެދުމަށްޓަކައި، ކަމާބެހޭ އިދާރާކަމުގައިވާ އީޕީއޭ (އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ) އަށް ލިޔެކިޔުމުން ހުށަހަޅާފައެއް ވެސް ނެތެވެ. އަދި ނ. ވިހަފަރު ހިއްކުމާބެހޭ އެއްވެސް ލިޔެކިޔުމެއް އެ އިދާރާގެ އެއްވެސް ރިކޯޑަކުން ފެންނާކަށް ވެސް ނެތެވެ.
އީއައިއޭ ރިޕޯޓު ތައްޔާރުނުކޮށް ވިހަފަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް ނ. އަތޮޅުގައި ފަށާފައި ވާއިރު، އެއަތޮޅުގެ އާބާދީ އެންމެބޮޑު ރަށް ވެލިދޫގައި، ސިނާއީ ސަރަހައްދެއް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ވެސް މި ސަރުކާރުން ފެށީ އީއައިއޭ ނުހަދައި ކަން ފާހަގަކޮށްލެވެއެވެ. ފާއިތުވި 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ރައީސް މުއިއްޒު ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި ހިއްކަން ފެށި މި ފަސްގަނޑު ހިއްކުމުގެ މަޝްރޫއުއާ ގުޅޭ އީއައިއޭ ރިޕޯޓު ތައްޔާރުކޮށް މިއަދާ ހަމައަށް ވެސް އާންމު ކޮށްފައެއް ނުވެއެވެ.
އަދި ނ. ވިހަފަރު ފަޅަކީ އެއަތޮޅު ރާފުށީގެ އެއްބަސްވުމުގައި ހިމަނައި، އެ ރަށުގައި ތަރައްގީކުރާ ރިސޯޓުގެ ސީޕްލޭން އޮޕަރޭޝަންތަކުގައި ބޭނުންކުރަން ދޫކޮށްފައިވާ ފަޅެއް ކަމަށް ވާއިރު، އެއާޕޯޓު އެޅުމަށް އެ ފަޅު ހޯދުމުގެ މަސައްކަތް ގާނޫނީ ހަމަތަކުގެ ތެރެއިން ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގައި މުއިއްޒު ވިދާޅުވިފަދައިން، އެ ފަޅު ސަރުކާރަށް އަނބުރައި ހޯދިކަން ނުވަތަ ނޫންކަން ވެސް ރައްޔިތުންނަށް ސާފުވާންޖެހެއެވެ. އަދި އަނބުރާ ހޯދާފައިވާ ނަމަ އެ ފަޅު ހޯދިގޮތެއް ވެސް ރައްޔިތުންނަށް ސާފުވާންޖެހޭކަމަށް އެއަތޮޅުގެ ގިނަ ރައްޔިތުން ބުނެއެވެ.
ނޫނު އަތޮޅުގެ ވިހަފަރު ފަޅު ހިއްކައިގެން އެއާޕޯޓެއް އެޅުމަކީ އެ ސަރަހައްދަށް އެއްވެސް ކުރިއެރުމެއް ނުވަތަ އިގުތިސާދީ މަންފާއެއް ވެސް ލިބޭނެ ކަމެއް ނޫން ކަމަށާ، މިހާރުވެސް ނ. އަތޮޅުގަ އާއި އެ އަތޮޅު ހިމެނޭ ސަރަހައްދުގައި ތިން އެއާޕޯޓު އޮތްއިރު، އަދި ވެލިދޫގައި ސީޕްލޭންގެ ހިދުމަތް ވެސް މިހާރު ލިބެމުންދާ ހިނދު، ވިހަފަރުގައި އިތުރު އެއާޕޯޓެއް އެޅުމަކީ ދައުލަތަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް ނ. އަތޮޅުގެ އެންމެ އާބާދީބޮޑު ރަށް ކަމުގައިވާ ވެލިދޫގެ ބައެއް ރައްޔިތުން ބުނެއެވެ.
އަދި އީއައިއޭ ހެދުމަކާ ވެސް ނުލާ މިފަދަ ކަމެއް ކުރާއިރު، ވިހަފަރު ފަޅު ފަޅު ހިމާޔަތްކުރުން މުހިންމުވާ ގިނަ ސަބަބުތަކެއް އެބަހުރިކަމަށް ވެސް އެ ރައްޔިތުން ބުނާއިރު، ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވެސް މިއަދު ވިދާޅުވީ، އެ މަސައްކަތް ސަރުކާރުން އިއްޔެ ފަށާފައިވީ ނަމަވެސް، އެފަދަ ބޮޑު މަޝްރޫއެއް ފަށާއިރު ކޮންމެހެން ފުރިހަމަކުރަންޖެހޭ ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަންނަ ސާވޭ ހެދުމެއްނެތި އެ މަސައްކަތް ފެށުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން ވެސް އެއަތޮޅުގެ ބައެއް ރައްޔިތުން ބުނަމުންދަނީ، ވިހަފަރު ފަޅަކީ އެ އަތޮޅުގައި މިހާރު އޮތް ދާދި މަދު ފަޅުތަކެއްގެ ތެރެއިން ވެސް ގުދުރަތީ މުއްސަނދިކަން ލިބިގެންވާ ދިރޭތަކެތީގެ ނަސްލުން މުއްސަނދި އެއް ފަޅުކަމަށް ވާއިރު، މިއަދު އެ ފަޅު ހަލާކުކޮށްލުމުގެ ބަދަލުގައި، އަންނަން އޮތް ޖީލުތަކަށް އެ ގުދުރަތީ ރީތިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާ، ހަގީގީ ތަރައްގީއަކީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި، އޭގެ މަންފާ ދިގުމުއްދަތަކަށް ލިބޭނެހެން ކަންކަން ރޭވުން ކަމަށެވެ.
އަދި މިއީ ކުރިއަށް މިއޮތް ކައުންސިލް އިންތިހާބަށް ޖަހާލި ކަޑައެއް ކަމަށާ، މި ސަރުކާރުން ހަމަ މިބީދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިން ވެސް މަޝްރޫއުތަކެއް ފަށާފައިވީ ނަމަވެސް ގިނަ މަޝްރޫއުތައް ކުރިއަށް ނުގޮސް މިހާރު ހުއްޓިފައިވާ ކަމަށް ނ. އަތޮޅުގެ ބައެއް ރައްޔިތުން ފާހަގަކުރެއެވެ.
އެހެން ކަމަށްވާއިރު، ނ. އަތޮޅުގެ ރައްޔިތުންނަކީ ގަމާރުން ކަމަށް ހީފުޅުނުކުރެއްވުމަށް ރައީސް މުއިއްޒު އަށް ދަންނަވާ ކަމަށާ، އޭގެ ބަދަލުގައި އެއަތޮޅަކީ އެއަށްވުރެ ހޭލުންތެރި ތަހުޒީބީ ރައްޔިތަކު ދިރިއުޅޭ އަތޮޅެއްކަން ދެނެވަޑައިގެންނެވުމަށް ވެސް އެއަތޮޅުގެ ބައެއް ރައްޔިތުން ފިޔެސް އާ ވާހަކަދައްކަމުން ބުނެފައި ވެއެވެ.




