ހުޅުމާލޭގެ ޝަހީދު އަލީގައި ކިޔަވައިދިނުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު - ފޮޓޯ: ރައީސް އޮފީސް
ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގައި މިއަދު ފަށައިފި
ފާއިތުވި، އެމްޑީޕީ ސަރުކާރުން މަސައްކަތްފެށި ހުޅުމާލޭގެ ޝަހީދު އަލީގައި ކިޔަވައިދިނުން ވެސް މިއަދު ވަނީ ފަށާފައި
މަރްޔަމް މުޙައްމަދު 27 ޖެނުއަރީ 2026 (އަންގާރަ)   10:09
ޓީޗަރުން އަދި ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބުނު ދޮޅުމަހެއްހާ ދުވަހުގެ ޗުއްޓީއަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގައެވެ. އެއީ ޖުމްލަ 219 ސްކޫލެއްގައެވެ. އެ ސްކޫލްތަކުގައި 77،000 އަށްވުރެ ގިނަ ދަރިވަރުންނާއި 9،000 އަށްވުރެ ގިނަ ޓީޗަރުން އުގަންނައިދިނުމުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަދި ސަރުކާރު ސްކޫލްތަކުގައި ގްރޭޑް އެކެއްގައި ކިޔަވަން 4،000 އަށްވުރެ ގިނަ ދަރިވަރުން މި އަހަރު ބަދަލުވެފައި ވާއިރު، އޭގެ ތެރެއިން 1،700 އަށް ވުރެން ގިނަ ދަރިވަރުނަކީ މާލެ ސަރަހައްދުން ގްރޭޑް އެކެއްގައި ކިޔަވާ ދަރިވަރުން ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަދި އަތޮޅުތެރެއިން މާލެއަށް 1،500 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައި ވާއިރު، އެންމެ ގިނަ ދަރިވަރުން ބަދަލުވި ހުޅުމާލެއަށް، 800 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައި ވެއެވެ.

ސްކޫލްތަކުގެ ކިޔެވުން މިއަދުން ފެށިގެން މާރިޗު މަހުގެ 8 ވަނަ ދުވަހުގެ ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށްފަހު އަނެއްކާވެސް ބަންދެއް އާދެއެވެ. އެއަށްފަހު ދެން ސްކޫލްތައް ހުޅުވޭނީ މާރިޗު މަހުގެ 23 ވަނަ ދުވަހުއެވެ. އެހެންކަމުން އަންނަ ރޯދަ މަހު ސްކޫލްތައް ހުޅުވިފައި ހުންނާނީ އެ މަހުގެ ފުރަތަމަ ހަފްތާ އެކަންޏެވެ.

މި ސަރުކާރުގައި ހުޅުވި ފުރަތަމަ ސްކޫލުކަމުގައިވާ ހުޅުމާލޭގެ ޝަހީދު އަލީގައި ކިޔަވައިދިނުން ވެސް މިއަދު ފަށާފައި ވާއިރު، މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ތިން ވަނަ ޕްރައިމަރީ ސްކޫލް ކަން ފާހަގަކޮށްލެވެއެވެ.

your imageހުޅުމާލޭ ޝަހީދު އަލީ ސްކޫލް - ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ޝަހީދު އަލި ރަސްގެފާނުގެ ނަމުން ނަން ދީފައިވާ މި ސްކޫލްގެ އިތުރުން ހުޅުމާލޭ ފޭސް-2 ގައި ދެން ހުންނަނީ އެންމެ ގިނަ ދަރިވަރުން ކިޔަވާ ސަލާހުއްދީން ސްކޫލާއި ކާމިލްދީދީ ސްކޫލެވެ.

ޝަހީދު އަލީ ސްކޫލުން 1،950 ދަރިވަރުންނަށް ޖާގަ ދީފައި ވާއިރު، 230 ޓީޗަރުން އެ ސްކޫލްގައި ހިމެނެއެވެ. އަދި ދެ ދަންފަޅިއަށް ކިޔަވައިދޭ މި ސްކޫލްގެ މަސައްކަތް އެޑިޔުކޭޝަން މިނސްޓްރީން ފަށާފައި ވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ފާއިތުވި އެމްޑީޕީ ސަރުކާރުގައެވެ.

ފަސް ފަންގިފިލަޔަށް އިމާރާތް ކޮށްފައިވާ މި ސްކޫލުގައި ގްރޭޑް 1އިން 10އާ ހަމައަށް ކިޔަވައިދެވޭނެ އެވެ. އަދި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމު ހުންނައިރު، 400 ކުދިންގެ ޖާގައިގެ އޮޑިޓޯރިއަމްއަކާއި އިންޑޯ އަދި އައުޓްޑޯ ހޯލެއް ވެސް ހުރެއެވެ.

ގިނަ އަދަދެއްގެ ކުދިންނަށް އެއް ފަހަރާ އެރޭވަރުގެ ތިން ލިފްޓް ވެސް މި ސްކޫލްގައި ހަރުކޮށްފައިވާއިރު މި ސްކޫލުގެ ކުލައަކީ ރަތްކުލަ ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް